އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ މަޖިލިސް ތެރެއިން ސަރުކާރު ވައްޓާލަން ކުރާ އެއްވެސް ކަމެއް ކާމިޔާބު ނުވާނެ ކަމަށާއި އަދި މި ސަރުކާރު އަޒުލް ކުރުމުގެ ޙުކުމެއް ރާއްޖޭގެ އެއްވެސް ކޯޓަކުންވެސް ނުކުރާނެ ކަމަށް ޕީޕީއެމްގެ ނައިބު ލީޑަރ އަދި މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުﷲ އަބްދުއްރަޙީމް ވިދާޅުވެއްޖެއެވެ.
އިދިކޮޅު ތިން ލީޑަރުންގެ ފަރާތުން ސުޕްރީމް ކޯޓަށް ލާފައިވާ މައްސަލައަށް ރައްދު ދެއްވައި އަދުރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކިތަންމެ ވަރަކަށް އުޅުނަސް މަޖިލިސް ތެރެއިން ސަރުކާރު ވައްޓާނުލެވޭނެ ކަމަށެވެ. އަދި އެއްވެސް ކޯޓަކުންވެސް ރައީސް ޔާމީންގެ ސަރުކާރު އަޒުލް ކުރަން ޙުކުމް ނުނެރޭނެ ކަމަށެވެ. އަދުރޭ ވިދާޅުވީ ގާނޫނުގެ ދިގު އަތް ގޮސް ހިފާނީ ސަރުކާރު ބަދަލުކުރަން 'ޖަރީމާ ހިންގާ މީހުންގެ އަތުގައި" ކަމަށެވެ.
"ކިތަންމެ ވަރަކަށް ރިޝްވަތުގެ ހުތުރު އަމަލު ހިންގިޔަސް ރައްޔިތުންގެ މަޖިލީހުގެ ތެރެއިންވެސް ތިކަމެއް ނުވާނެ، އަދި ގާނޫނީ ގޮތުން ހިންގާ މި ސަރުކާރު އަޒުލް ކުރުމުގެ ޙުކުމް އެއްވެސް ކޯޓަކުން ނުކުރާނެ، ގާނޫނުގެ ދިގު އަތް ގޮސް ހިފާނީ ތި ޖަރީމާ ހިންގާ މީހުންގެ އަތުގައި" އަދުރޭ ކުރެއްވި ޓްވީޓުގައި ވިދާޅުވިއެވެ.
މި ސަރުކާރުގެ ސައްޙަކަން ގެއްލިފައިވާ ކަމަށް ނިންމައި ދިނުމަށް އިދިކޮޅު ހަތަރު ލީޑަރުން ކަމަށްވާ އެމްޑީޕީގެ ރައީސް މުޙަންމަދު ނަޝީދު އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގަތްޔޫމްގެ ފަރާތުން ސުޕްރީމް ކޯޓަށް ވެއްދި މައްސަލަ އެ ކޯޓުގެ ރިސެޕްޝަނުން ވަނީ ބަލައިގެންފައެވެ. މި މިމައްސަލަ އިދިކޮޅު ހަތަރު ލީޑަރުން ވެއްދިއިރު ދިއްގަރު ދާއިރާގެ މެމްބަރު އަދި ރައީސް މައުމޫންގެ ދަރިކަލުން ފާރިޝް މައުމޫން އަނބުރައި ޖަލަށް ގެންދިޔައީވެސް ވެރިކަން ވައްޓާލަން ގާނޫނާއި ޚިލާފު އަމަލުތަކެއް ހިންގަން އުޅުއްވުމާއި، މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދެއްވަން އުޅުއްވާ ކަމުގެ ތުހުމަތުގައެވެ.