އުއްމީދު - 27

(5 ސެޕްޓެމްބަރު 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"އެންމެ ރަނގަޅު. މަންމަގެ ހުއްދަ ހޯދާ. އަހަރެން މިރެއަށް އިންތިޒާރު ކުރާނަން." ކެރޮލީން ބޯ ޖަހައިލިއެވެ.

އެ ދުވަހު އިސްކޫލުން އެނބުރި ގެއަށް އައި މަގުމަތީގައި ކެރޮލީންގެ ދައުވަތުގެ ވާހަކަ މަންމަ ގާތު ބުނެފިއެވެ. މަންމަ އަނގައިންވެސް ނުބުނެ އޭނާގެ މޫނަށް ބަލަހައްޓައިގެން އިނީއެވެ.

"ރައްޓެހިވެގެން އުޅޭ ކުއްޖަކު ދާހެން އޭނާޔާއެކު ދާން ދަރިފުޅު ބޭނުން ވަނީތަ؟" އިރުކޮޅަކު އެހެން އިނުމަށް ފަހު ސިބިލް އަހައިލިއެވެ.

ސިބިލް ގެއަށް ދިއުމުގެ ބަދަލުގައި އެހެން ދިމާއަކަށް ކާރު އަނބުރައިލިއެވެ. ޑެނިއަލް އިނީ ހައިރާންވެފައެވެ.

"ދަރިފުޅާ. މިއަދު ތިޔަ ކަންތައް ކޮންމެވެސް ގޮތަކަށް ނިންމައިލަމާ ހިނގާ. ގޭގެ ބަދަލުގައި މި ކަހަލަ ތަނެއްގައި ވާހަކަދައްކައިލާން ފަސޭހަ ވާނެ." ސިބިލް އޭނާ ގޮވައިގެން ދިޔައީ އަވަސްކާނާ ވިއްކާ ތަނަކަށެވެ.

މަސް ބަނަސް ގެނެސްގެން ކާން ފަށައިފައި ސިބިލް ވާކަދައްކާން ފަށައިފިއެވެ. "ދަރިފުޅު މިހާރު ބޮޑުވަމުންދާ ކަން މަންމައަށް އެނގޭ. އަންހެންކުދިންނާ ރައްޓެހިވާން ބޭނުންވާނެކަންވެސް އެނގޭ. އެކުދިންނާއެކު ތަންތަނަށް ދާހިތްވާނެކަންވެސް އެނގޭ. އެއީ ޠަބީއީ ކަމެއް. އެކަމަކު ދަރިފުޅާ. އެކަހަލަ ކަންކަން ކުރާވަރަށްވުރެ އަދި ތަންކޮޅެއް ކުޑައެކޭ ދަރިފުޅުގެ ހިތަކަށް ނާރާތަ؟ އަދި ކިރިޔާ ތިޔަވީ ސޯޅަ އަހަރު. އެހައި ޅަ އުމުރުގައި އަންހެންކުއްޖަކާ އެކީ އުޅޭވަރަށް ޖިސްމާނީ ގޮތުންވެސް އަދި ނަފްސާނީ ގޮތުންވެސް ދުޅަހެވެއް ނުވާނެ. މަންމަ މި ދައްކާ ވާހަކަ ދަރިފުޅަށް ވިސްނޭތަ؟"

އޭނާ ސިބިލްގެ މޫނަށް ބަލަހައްޓައިގެން އިނީއެވެ.

"މިއަދު ކެރޮލީން އެދުނީ ދަރިފުޅު ގޮވައިގެން ނައިޓް ކްލަބަކަށް ދާން. މާދަމާ އެދޭނީ އެހެން ތަނަކަށް ދާން. އޭނާގެ އެދުމަކާ ދަރިފުޅު ދެކޮޅު ހަދާނީ ކިހިނެއް؟"

"ދަރިފުޅު އަދި ކިރިޔާ ދިރިއުޅުމުގެ ދަތުރު ތިޔަ ފައްޓަނީ. ތިޔަ އުޅެނީ ފުރަތަމަ ފިޔަވަޅު އަޅަން. ފުރަތަމަ ފިޔަވަޅު އަޅަން ވާނީ ހަމަބިމެއްގައި. އަޑިގުޑަން ބިމަކު ނޫން. އަންހެންކުދިންނާ ރައްޓެހި ނުވާށެކޭ މަންމައެއް ނުބުނަން. ރައްޓެހިކަމާއި ގާތްކަން ބާއްވާ. އެކަމަކު އަމިއްލަ ހުދޫދުތަކެއް ކަނޑައަޅައި އެ ހުދޫދުގައި ހިފަހައްޓަން ދަސްކުރޭ. އުމުރުގެ ވަކި ހިސާބެއްގައި އަންހެންކުއްޖަކާ ބާއްވާނީ ކިހައިވަރެއްގެ ގުޅުމެއްކަމާއި އިތުރު ފިޔަވަޅެއް އަޅާނީ ކޮން އުމުރެއެްގައި ކަމާއި މިހިރަ ކަހަލަ ކަންކަން ރަނގަޅަށް ވިސްނައި ކަނޑައަޅައިގެން ހުރޭ. ކިޔަވައި ނިމިގެން އަމިއްލަ މަސައްކަތެއްގެ ތެރެއަށް ވަނީމާ ތިޔަ ކަހަލަ ކަންތައްތައް ކުރިއަށް ގެންދެވިދާނެ. އެކަމަކު އަދި ކުރާކަށް ނުވޭ."

އޭނާ ވަރަށް ސީރިއަސްކަމާއެކު މަންމަގެ އަޑު އަހަމުން ގެންދިޔައީއެވެ.

"ކެރޮލީން ކަހަލަ އެތައް ކުދިންނެއް ދަރިފުޅުގެ މައްޗަށް ލެނބޭނެ. އެއިން ކޮންމެ ކުއްޖަކާއެކު ދަރިފުޅު ތިޔަ ކަހަލަ ތަންތަނަށް ދާނަންތަ؟ ދަރިފުޅު ހަނދާން އެބަހުރިތަ؟ މި ރަށަށް އައިސް ދަރިފުޅު އެންމެ ބޮޑަށް ކުރި ޝަކުވާއަކީ މި ކަހަލަ ކަންތައެްތައް ކަމުނުގޮސްގެން ކުރި ޝަކުވާ." ސިބިލް އޭނާގެ ދަރިފުޅަށް ހަނދާންކޮށް ދިނެވެ. "ދަރިފުޅުގެވެސް އަމިއްލަވަންތަ ސިފަތަކެއް އެބަހުރި. އެއީ މަންމަ މި ބުނި ކަހަލަ ކަންތައްތަކާ ދުރުހެލިވެގެން އުޅުން. އެހެން ކުދިންނާއި ދަރިފުޅާ ތަފާތުވާ ސަބަބަކީވެސް އެއީ. އަންހެންކުދިންގެ މެދުގައި ދަރިފުޅު މަގުބޫލުވެ ހިތް ދަމައިގަންނަ ކަހަލަ ގޮތެއް ހުންނަނީވެސް އެހެން ވެގެން. ދަރިފުޅު އެ ކުދިންނާއެކު އެހެން ކުދިންވެސް އުޅޭހެން މާ ބޮޑަށް މިނިވަން ވެގެން އުޅެން ފަށައިފިއްޔާ އެ މަގުބޫލުކަމާއި ހިތްދަމައިގަތުން މުޅީން ނެތިގެން ހިނގައިދާނެ. އޭރުން ދަރިފުޅުވެސް ވާނީ މި އުޅޭ އާދައިގެ ބައިގަނޑުގައި ހިމެނޭ ކުއްޖަކަށް. ދަރިފުޅު ތިޔަ އުޅޭ އިސްކޫލުގައި ވަރަށް ގިނަ ޑެނިއަލުން އުޅޭނެ. އޭގެ ތެރެއިން އެއް ޑެނިއަލަކަށް ދަރިފުޅުވެސް ވެގެން ހިނގައިދާނެ. މަންމަ ދަރިފުޅަށް ވިސްނައިދޭން ބޭނުންވީ ކަމަކީ މިއީ. މި ހުރިހައި ވާހަކައަކަށް ފަހުވެސް ދަރިފުޅު ކެރޮލީނާއެކު ބޭރަށް ދާން ބޭނުމިއްޔާ ދިޔަޔަސް އެންމެ ރަނގަޅު. މަންމަގެ އެއްވެސް މައްސަލައެއް ނެތް."

"އަހަރެން ދިއުމަކީ މަންމައަކަށް ކަމުދާ ކަމެއް ނޫން ދޯ؟" ޑެނިއަލް އޭނާގެ މަންމަގެ ވާހަކަ ކަނުލައި އެހުމަށް ފަހު ވަރަށް މަޑުމައިތިރި ރާގަކަށް އަހައިލިއެވެ.

"އާނ. ތިޔަ އުމުރުގައި ދަރިފުޅު އަންހެންކުދިންނާ އެކީ ބޭރަށް ދިއުމަކީ މަންމަ ރުހޭ ކަމެއް ނޫން." ސިބިލް ވަރަށް ސާފުކޮށް ބުނެލިއެވެ.

"އެންމެ ރަނގަޅު. އަހަރެން ނުދާނަން. ނުދާނީ އަހަރެންގެ މަގުބޫލުކަން ކުޑަވެދާނެތީއެއް ނޫން. ނުދާނީ ހަމައެކަނި މަންމަ ރުހޭ ކަމަކަށް ނުވާތީ. މީގެ ކުރިންވެސް ހަދަމުން އައި ގޮތަށް މަންމަގެ ރުހުމަށް އިހުތިރާމުކުރަން އަހަރެން ބޭނުން ވާތީ." އޭނާ ސީރިއަސްކަމާއެކު ބުނެލިއެވެ.

ސިބިލްގެ ލޮލުން ވިދުވަރެއް ފައުޅުވިއެވެ. އެއްވެސް އިޚްތިޔާރަކާ ނުލައި ދަރިފުޅުގެ މައްޗަށް ފަޚުރުވެރި ވެވުނެވެ.

އެ ދުވަހު ހަވީރު އޭނާ ކެރޮލީނަށް ގުޅައިފައި މައާފަށް އެދިފައި ކުލަބަށް ނުދާނޭ ވާހަކަ ބުނެފިއެވެ. އަދި އެހެން ދުވަހަކުވެސް ނުދާނޭ ކަމަށް ބުންޏެވެ. ކެރޮލީން ވަރަށް ބޮޑަށް ރުޅިއައިސްފައި ފޯނު ބާއްވައިފިއެވެ.

އޭގެ އަނެއް ދުވަހުވެސް ކެރޮލީންގެ މޫޑު ހުރީ ވަރަށް ބޮޑަށް ގޯސްކޮށެވެ. ޑެނިއަލް މައާފަށް އެދުނީމާވެސް އައި ބަދަލެއް ނެތެވެ.

"އަހަރެން އިސްކޫލުގައި ކެރޮލީނާ ބައްދަލުކޮށްފާނަން. އެކަމަކު ބޭރަށް، އެއްވެސް ތަނަކަށް ނުދާނަން. ނައިޓް ކުލަބަކަށްވެސް، ބައިސްކޯފުގެއަކަށްވެސް އަދި އެހެން ތަނަކަށް ވިޔަސް ނުދާނަން."

"އެއީ ކީއްވެގެން؟"

"އެއީ އަހަރެން ކުރާހިތް ނުވާ ކަމަކަށް ވާތީ."

ކެރޮލީން އޭނާއާ ދިމާއަށް ކަޅި އަޅައިލިއެވެ. ލޮލުން ހުރީ އަލިފާން ކަނި ބުރައިލަބުރައިލައެވެ. އިރުކޮޅަކު ބަލަހައްޓައިގެން ހުރެފައި ބާރަށް ހިނގައިފައި ގޮސް އޮބައިލައިފިއެވެ.

ދެވަނައަށް ވީ ދުވަހު ޑެނިއަލަށް ފެނުނީ ކުލާހު އެހެން ކުއްޖަކާ އެކު ކެރޮލީން އުޅޭ ތަނެވެ. އޭނާ ހައިރާންވިއެވެ. އެހައި އަވަހަށް އަދި އެހައި ފަސޭހައިން ޑެނިއަލްގެ ބަދަލުގައި އެހެން ކުއްޖަކު ހޯދައިގަތީމައެވެ. އޭގެ ހައެއްކަ ދުވަސް ފަހުން ފެނުނީ އިސްކޫލުގެ ހުސް މައިދާނުގައި އެ ދެކުދިން ވަރަށް ގައިގޯޅި ގޮތަކަށް އުޅޭތަނެވެ. އެ ކަހަލަ މަންޒަރަކީ އޭނާއަކަށް އައު މަންޒަރެއް ނޫނެވެ. އިސްކޫލުގައި އެފަދަ މަންޒަރުތައް ފެންނަނީ މަދެއްކޮށެއް ނޫނެވެ. އޭނާއަށް އުނދަގޫވީ އޭނާގެ ހިތުން ކޮންމެވެސް ވަރެއްގެ ޖާގައެއް ދީގެން އުޅުނު ކުއްޖަކު އެހެން ކުއްޖަކާއެކީ އެފަދަ ގާތް ގޮތަކަށް އުޅޭތީ ފެނުނީމައެވެ. އެކަމަކު އެ މަންޒަރުގެ ސަބަބުން އޭނާގެ ފަރުވާތެރިކަން އިހަށް ވުރެ ބޮޑު ވެގެން ދިޔައީއެވެ.

ވިދިގެން އައި އަހަރުތަކުގައި އޭނާޔާ އަންހެންކުދިންނާ ކޮންމެވެސް ވަރަކަށް ގާތްކަން އުފެދުނެވެ. އެކަމަކު އެއިން ކޮންމެ ގުޅުމެއްވެސް ވަކި ހިސާބަކުން ކެނޑިގެން ދަނީއެވެ. އޭނާގެ ސިކުނޑީގައި ހަރުލައިފައި ހުރީ މަންމަ ދެއްކި ވާހަކަތަކެވެ.

* * *

އޭނާއަށް ހާވަރޑް ޔުނިވަސިޓީއަށް ވަދެވުމާއެކު އަނެއްކާވެސް ދީނުގެ ވާހަކަ ދެކެވޭން ފަށައިފިއެވެ.

"ދަރިފުޅު މިހާރު ތިޔަ ވަނީ އަމިއްލަ އިޚުތިޔާރުގައި ވަކި ދީނަކަށް އުޅޭ ވަރަށް ބޮޑު ވެފައި. އެހެންވީމާ ވަކި ދީނެއް ޚިޔާރު ކުރަން މިހާރު ވެއްޖެ." އެ ވާހަކަ ފުރަތަމަ ދެއްކީ ސިބިލެވެ.

"އަހަންނަށް ތިޔަކަން އެނގޭ މަންމާ. އެކަމަކު އަދިވެސް ވަކި ދީނެއް ޚިޔާރު ކުރުމަކީ ފަސޭހަ ކަމެއް ނޫން. ކިޔަވަން ހޭދަކުރަން ޖެހޭ ވަގުތުވެސް މިހާރު އެހައި ގިނަ. އެހެންވީމާ މަންމަމެނާއެކު ފައްޅިއަކަށްވެސް ނުދެވޭނެ. އަދި ވަގުތުކޮޅެއް ދީ. އުޅެން ބޭނުންވާ ދީނަކާމެދު އަހަރެން ވިސްނައިލާނަން." ޑެނިއަލް ކޮފީ ބޮއިބޮއި އިނދެފައި ބުނެލިއެވެ.

"މިހާރު ތިޔަހަރީ ވަކި ގޮތެއް ޚިޔާރުކުރެވޭ ވަރަށް ބޮޑުވެފައި. އިތުރު ވަގުތު ބޭނުން ވަނީ ކީއްކުރަން؟" ސިބިލް ދެކޮޅުހެދިއެވެ.

"އަދި މިހިރީ ވަކި އަތަކަށް ބުރެވެވޭ ކަހަލަ ގޮތަކަށް ނޫން. މި ކަހަލަ ވިސްނުމެއްގައި ހުރެގެން ވަކި ގޮތަކަށް ނިންމާކަށް ބޭނުމެއް ނޫން." އޭނާ އުޒުރެއް ދައްކައިލިއެވެ. "އެންމެ ފުރަތަމަ އަހަރެން ބޭނުން ވަނީ ތައުލީމު ފުރިހަމަކުރަން. މި މުއްދަތުގެ ތެރޭގައި ވަކި ގޮތަކަށް ކަނޑައަޅާ ވަރަށް ވިސްނިއްޖެއްޔާ މަންމަ ގާތު ބުނާނަން. އެހެން ނޫނީ ވަކި ގޮތެއް ކަނޑައަޅާނީ ކިޔަވައި ނިމިގެން." އޭނާ ސިބިލްއާއި ޕެޓްރިކަށް ޔަގީންކަން ދިނީމާ އަނެއްކާވެސް ދީނުގެ ވާހަކަ ދެއްކުން ހުއްޓިއްޖެއެވެ.

* * *

ހާވަރޑްގައި އޭނާ ކިޔަވަން އުޅުނު ދުވަސްވަރު އޭޝިއާގެ ބައެއް ގައުމުގެ ކުދިންވެސް އޭނާޔާއެކު އުޅުނެވެ. އޭގެ ތެރެއިން ބައެއް ކުދިންނަކީ މުސްލިމުންނެވެ. ގަސްތަކާ ނުލައި ނަމަވެސް އޭނާގެ ހިތުގައި މި ކުދިންގެ މައްޗަށް ވަރަށް ބޮޑު ޝައުގުވެރިކަމެއް އުފެދިއްޖެއެވެ. ސަބަބަކީ އޭނާ ޅައިރުއްސުރެ އުޅުނު މާހައުލުގެ ސަބަބުން ޝަަޚްސިއްޔަތަށް ކޮށްފައިވާ އަސަރަކާ ހެދި އެ ކުދިންނާ މާ ގާތްކަމުގައި އިހުސާސް ކުރެވުން ކަމުގައި ވެދާނެއެވެ.

ރަސްމީ ސިފައެއްގައި ހަޔާތުގެ ބައިވެރިއަކު ހޯދުމުގެ މަސައްކަތް އޭނާ ފެއްޓީ ހާވަރޑްގައި އުޅުނު ދުވަސްވަރުއެވެ. ކެތީއާ އޭނާޔާ ބައްދަލުވީ މި މަސައްކަތުގެ ތެރެއިންނެވެ. ދެ މީހުންގެ މެދުގައި ވަރަށް އަވަހަށް އެކުވެރިކަން ބަދަހި ވެއްޖެއެވެ. އެ އެކުވެރިކަން މަޑުމަޑުން ލޯތްބަށް ބަދަލުވާންވެސް ފަށައިފިއެވެ. އެ ދުވަސްވަރު ހިނގި ކުޑަ ކަމެއްގެ ސަބަބުން އޭނާގެ ދިރިއުޅުމަށް ހަލަބޮލިކަން އަތުވެއްޖެއެވެ.

އެއް ރެއަކު އޭނާ ކެތީއާއެކު ބައިސްކޯފަށް ދިޔައެވެ. އޭނާ ހުރީ ޓިކެޓު ކައުންޓަރު ކައިރީގައި ޓިކެޓު ގަންނާށެވެ. ކެތީ ހުރީ އޭނާގެ ފަހަތުގައެވެ. ޓިކެޓު ގަނެގެން އެނބުރި ބަލައިލީއިރު ކެތީއެއް ނެތެވެ. އޭނާ އެކި ދިމަދިމާއަށް ނަޒަރު ހިންގާން ފަށައިފިއެވެ. ޓިކެޓު ކިޔޫއާ ތަންކޮޅެއް ދުރުގައި ކެތީ ކޮންމެވެސް ފިރިހެނެއްގެ ކަރުގައި އެލިގަނެގެން ކަހަލަ ގޮތަކަށް ހުއްޓެވެ. އެ ފިރިހެންމީހާވެސް ކެތީގެ އުނަގަނޑުގައި ދެ އަތުން ހިފަހައްޓައިލައިގެން ހުރެ ވާހަކަދައްކަނީއެވެ. ކުޑައިރުކޮޅަކަށް ޑެނިއަލް ގަނޑުވީ ކަހަލައެވެ. އިރުކޮޅަކު އެހެން ތިބެފައި ދެން ފެނުނީ ކެތީ އެމީހާގެ މޫނުގައި ބޮސްދިން ތަނެވެ. އެޔަށް ފަހު އެނބުރި އޭނާގެ ގާތަށް އަތުވެއްޖެއެވެ. ޑެނިއަލް ފެނުނީމާ ފަރި ގޮތަކަށް ހިނިތުންވެލިއެވެ.

"އެއީ ކާކު؟" ޑެނިއަލް އަހައިލިއެވެ.

"ކާކު؟ ރިޗަޑްތަ؟ އެއީ އަހަރެން ކުރިން ރައްޓެހިވެގެން އުޅުނު މީހާ."

ޑެނިއަލްގެ ލޭ ކެކިގަތެވެ. "މީހަކާ ރައްޓެހިވީ ވާހަކަ އަހަރެން ގާތަކު ނުބުނަމެއްނު؟"

"ނާހަމެއްނު؟" ކެތީ ވަރަށް ހަމަޖެހިލައިގެން ހުރެ ޖަވާބުދިނެވެ. "ހިނގާ އެތެރެއަށް ވަންނަން." ކެތީ ހިނގައިގެންފިއެވެ.

ޑެނިއަލް ކުރިއަށް ފިޔަވަޅެއް ނޭޅިއެވެ. "ފިލްމު ބަލާނެ ކަމެއް ނެތް. އެހެން ތަނަކަށް ހިނގާ. ވާހަކަދައްކައިލާން ބޭނުން." ފިނި ރާގަކަށް މިހެން ބުނެފައި ޑެނިއަލް ބޭރަށް ނުކުންނާން ހިނގައިގެންފިއެވެ.

"ޑެނިއަލް. ކުއްލިއަކަށް ކިހިނެއްވީ؟" ހައިރާން ވެފައި ހުރެގެން ކެތީ ފަހަތުން ހިނގައިގެންފިއެވެ.

"އެމީހާގެ ވާހަކަ އަހަރެން ގާތު ކުރިން ނުބުނީ ކީއްވެގެން؟" ބޭރަށް ނުކުމެވުމާއެކު ޑެނިއަލް ތަންކޮޅެއް ބާރަށް އަހައިލިއެވެ.

"އެއީ އެހައިވަރުން ބުނަން ޖެހޭ ވާހަކައެއް ކަމަށް އަހަންނަށް ނުފެނުނީ. އެހެން ނޫނަސް ބުނެގެން ވާނީ ވަކި ކޮން ކަމެއް؟ އެއީ މިހާރު އަހަރެން ރައްޓެހިވެގެން އުޅޭ މީހެއް ނޫނެއްނު؟"

"އެކަމަކު ކުރިން ރައްޓެހިވެގެން އުޅުނު މީހެއްނު؟" ޑެނިއަލްގެ އަޑު ތަންކޮޅެއް ގަދަވެއްޖެއެވެ.

"ހަޅޭއެް ނުލަވާ." ކެތީގެ ރާގު ފިނިވެގެން ހިނގައްޖެއެވެ. "އަހަރެން ކުރިން ރައްޓެހިވީ ކާކާތޯ ނުވަނީ ކާކާތޯ ބެލުމަކީ ޑެނިއަލް ކުރަން ޖެހޭ ކަމެއް ނޫން. ޑެނިއަލް ކުރިން ރައްޓެހިވީ ކުދިންނަކީ ކޮބައިތޯ ބަލާކަށް އަހަރެންވެސް ބޭނުމެއް ނޫން."

"އަހަރެން އެއްވެސް ކުއްޖަކާ ރައްޓެއްސެއް ނުވަން."

ކެތީ ވަރަށް ބާރަށް ހީނގެންފިއެވެ. "އެހެންތަ؟ ތިޔައީ ބުއްދާތަ؟ ބުދުދީނުގެ ހާމުދުރެއްތަ؟"

ވަރަށް ބޮޑަށް ރުޅި އައި ނަމަވެސް ޑެނިއަލް ހިންދިރުވައިލިއެވެ. "އަހަރެން މި ދައްކަނީ ކެތީގެ ވާހަކަ."

"އަހަރެން ކުރިން ވަރަށް ގިނަ މީހުންނާ ރައްޓެހިވިން. އެ ހުރިހައި މީހުންގެ ނަން އަހަރެން ކިޔައިދޭނީ ކިހިނެއް؟ ކިޔައިދޭންވީވެސް ކީއްވެގެން؟ އެއީ އަހަރެންގެ ޒާތީ ކަމެއް. އަމިއްލަ ކަންކަމާމެދު ޑެނިއަލްވެސް ވިސްނާ."

ޑެނިއަލް ކެތީއާ ދިމާއަށް ބަލަހައްޓައިގެން އަނގައިން ނުބުނެ އިރުކޮޅަކު ހުރުމަށް ފަހު ކެތީއާ ދިމާއަށް ޓިކެޓުތައް އުކައިލިއެވެ. "އެމީހާޔާއެކީ ބައިސްކޯފަށް ދޭ."

ޑެނިއަލް އެނބުރި ހިނގައިގަތީމާ ކެތީ އޭނާގެ ކޮނޑުގައި ހިފައި ދަމައިގެންފިއެވެ. "ކަލެއަކީ ގޮތްކުޑަ ކޮހެއް."

"ވިޔާނުދާ އަނގަނުތަޅާ." ޑެނިއަލް ވަރަށް ބާރަށް ބުނެލިއެވެ.

"އަހަރެން އަނގަ ނުތަޅައި ހުރެފާނަން. އަހަރެން ކުރާ އެއްވެސް ކަމެއް ދުވަހަކުވެސް ކަލެއަކަށް ކަމަކުނުދޭ. އަހަރެން ހެދުންއަޅާ ގޮތް ކަމަކުނުދޭ. އަހަރެން ވާހަކަދައްކާ ގޮތެއް ކަމަކު ނުދޭ. އަހަރެން ރައްޓެހިވާ މީހުން..."

"އެތައް ބަޔަކާ ރައްޓެހިވެފައި ހުރި މީހަކާ އަހަރެން ނީންނާނަން."

(ނުނިމޭ)

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.