އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން ބާއްވާ "އިންޓަނޭޝަނަލް ކޮންފަރެންސް އޮން އިންޓަލެކްޗުއަލް އެޑްވާންސްމަންޓް" (އައިސީއައިއޭ) ގެ މި އަހަރުގެ ކޮންފަރެންސް މި މަހުގެ 17 އާއި 18 ވަނަ ދުވަހު އެ ޔުނިވާސިޓީގައި ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
މިއީ އައިޔޫއެމް އިން 2016 ވަނަ އަހަރުން ފެށިގެން ސިލްސިލާކޮށް ބާއްވަމުން އަންނަ ކޮންފަރެންސެކެވެ. ކޮވިޑުގެ ސަބަބުން މިދިޔަ ދެ އަހަރު ބޭއްވީ ހައިބްރިޑްކޮށެވެ. މި ކޮންފަރެންސްގެ މަގުސަދަކީ އިލްމު ހިއްސާކޮށް އުނގެނުމަށް ލޯބިކުރާ މުޖުތަމައެއް ބިނާކުރުމެވެ.
މި އަހަރުގެ ކޮންފަރެންސްގައި ކީނޯޓް ތަގުރީރު ދެއްވާ ބޭފުޅުންގެ ތެރެގައި މެލޭޝިއާގެ އިސްލާމިކް ޔުނިވާސިޓީގެ ކުރީގެ ރައީސް އަދި މެލޭޝިއާގެ ސެންޓްރަލް ބޭންކުގެ ޝަރީއާ އެޑްވައިޒަރީ ކައުންސިލްގެ މިހާރު ޗެއާމަން ޕްރޮފެސަރު ޑރ. މުހައްމަދު ދާއޫދު ބަކަރް ހިމެނިވަޑައިގަންނަވަ އެވެ.
މީގެ އިތުރުން ޔަމަނުގެ ސަނާގެ ޔުނިވާސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީގެ މުއައްސިސް އަދި ކުރީގެ ރައީސް ޕްރޮފެސަރު ޑރ. ދާވޫދު އަބްދުލްމަލިކް އާއި ޕާކިސްތާނުގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީގެ އިސްލާމިކް ރިސާޗް އިންސްޓިޓިއުޓްގެ ޑިރެކްޓަރު ޖެނެރަލް ޕްރޮފެސަރު ޑރ. މުހައްމަދު ޒިއާއުލް ހައްގު ވެސް ކީނޯޓު ދެއްވަވާނެ އެވެ.
ކޮންފަރެންސްގައި ރިސާޗު ޕޭޕަރުތައް ހުށަހަޅާނީ މައިގަނޑު ހަތަރު ތީމެއްގެ މައްޗަށެވެ.
ސޯޝަލް ސައިސަންސް، ހިއުމޭނިޓީސް އަދި އެޑިއުކޭޝަން:
- ތައުލީމާއި ކަރިކިއުލަމް އާއި ސަގާފަތާއި ހެރިޓޭޖް
- ލިންގިއުއިސްޓިކްސް އާއި ލިޓްރޭޗާ އަދި ބަސް
- މީޑިއާ އާއި މާސް ކޮމިއުނިކޭޝަން
- ހެލްތު އާއި ނާސިން އެންޑް ސޯޝަލް ވޯކް
- ޕޮލިޓިކްސް އާއި ޑިޕްލޮމެސީ އާއި އިންޓަނޭޝަނަލް ރިލޭޝަންސް
- އިންސާނީ ހައްގުތަކާއި ޑިމޮކްރަސީ
ގުރުއާނިކް ސްޓަޑީސް، ޝަރީއާ އެންޑް ލޯ:
- އިސްލާމީ ގާނޫނުތަކާއި ބައިނަލްއަގްވާމީ ގާނޫނު
- ގުރުއާނިކް ސްޓަޑީސް
- ކޮންޓެމްޕަރަރީ އިޝޫސް އިން އިސްލާމިކް ވޯލްޑް
- ރަސޫލާގެ ލީޑާޝިޕް
ޓޫރިޒަމް، ތިމާވެށި އަދި ޓެކްނޮލޮޖީ:
- ހަލާލް ޓޫރިޒަމް
- މޫސުމީ ބަދަލުތައް
- ދެމެހެއްޓެނިވި ތަރައްގީ
- އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ
މެނޭޖްމަންޓް، ވިޔަފާރި، އިގްތިސާދު، އެކައުންޓިން، ފައިނޭންސް އަދި ބޭންކިން:
- އިސްލާމިކް ފައިނޭންސް
- ހިއުމަންސް ރިސޯސް މެނޭޖްމަންޓް
- ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް
- ކެޕިޓަލް މާކެޓް
- މާކެޓިން
- ބްރޭންޑިން
މީގެ އިތުރުން ކޮވިޑާ ގުޅޭ ގޮތުން އެކި ދާއިރާތަކުން ކަރުދާސްތައް ވެސް ހުށަހަޅާނެ އެވެ.
ބައިވެރިންގެ އަދަދާއި ހުށަހެޅޭ ޕޭޕަރުގެ އަދަދާއި ދާއިރާތަކަށް ބަލާއިރު މިއީ ރާއްޖޭގައި މިހާތަނަށް ބާއްވާ ބައިނަލްއަގްވާމީ އެންމެ ބޮޑު އެއް ރިސާޗް ކޮންފަރެންސަށް ވާނެ ކަމަށް އައިޔޫއެމް މައުލޫމާތު ދެއްވަ އެވެ.