އަހަރެން ޒައިނަބު ކަރުގައި ހިފައި މަރާލީ ދޮޅިގަޑިއިރު ވަންދެން ގަދަކަމުން ޖިންސީ އަމަލު ހިންގާފައި- ގާތިލް

އުމުރުން އެންމެ 7 އަހަރުގެ ތުއްތު ޒައިނަބު އަދި އެ މައުސޫމް ކުއްޖާ ރޭޕްކޮށް މަރާލި ނުލަފާ ގާތިލް އިމްރާން

އުމުރުން އެންމެ ހަތް އަހަރުގެ ޕާކިސްތާނުގެ އަންހެން ކުއްޖެއް ކަމަށްވާ ނައިނަބް އަންސާރީ މަރާލާފައި ވާނީ އެ ތުއްތު ކުއްޖާއާ ގަދަކަމުން ޖިންސީ އަމަލު ހިންގުމުގައި ދޮޅުގަޑިއިރު ހޭދަކުރުމަށް ފަހު ކަރުގައި ހިފައި ނޭވާ ހާސްކޮށްލައިގެން ކަމަށް ޒައިނަބުގެ ގާތިލް އިމްރާން އަލީ ބުނެފިއެވެ.

ޕާކިސްތާން ފުލުހުންގެ ބެލުމުގެ ދަށަށް މިހާރު ގެންގޮސްފައިވާ އުމުރުން ފަންސަވީސް އަހަރުގެ އިމްރާން އޭނާގެ ކުށަށް އިއުތިރާފުވެ ފުލުހުންނަށް ކިޔައިދިން ގޮތުގައި އޭނާއަކީ ވަރަށްގިނައިން ޒައިނަބު ދިރިއުޅޭ ގެޔަށް ގޮސް ވަރަށްގިނަ ވަގުތު އެގޭގައި ހޭދަކުރަމުން އައި މީހެކެވެ. ޒައިނަބު ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކުރި ރެޔަކީ ޒައިނަބު ބޮޑުދައިތަ ގެޔަށް ޤުރުއާން ކިޔަވަންދިޔަ ރެޔެކެވެ. ބޮޑުދައިތަގެޔަށް ޤުރުއާން ކިޔަވަން ދިޔަ އެދުވަހުގެ ރޭ އިމްރާނަށް ޒައިނަބު ފެނުނީ އެރޭ ގާތްގަނޑަކަށް ހަތްގަޑި ފަނަރަހާއިރު  އެކަނިމާއެކަނި މަގުމަތިން ހިނގާފައި ދަނިކޮށް ކަމަށް އިމްރާން ބުނެފައިވެއެވެ.

ޒައިނަބު ފެނުމާއެކު އޭނާ ތަފާތު އެކިކަހަލަ ވާހަކަ ދައްކައިގެން ޒައިނަބު ހައްލާލައިގެން މީހުން ނޫޅޭ ހިސާބަކަށް މިސްރާބު ޖެހި ކަމަށް އިމްރާން ކިޔައިދިނެވެ. އަދި މިދަނީ ކޮންތާކަށްތޯ ޒައިނަބު އެހުމުން މިހާރު މިއުޅެނީ ގެޔަށްދާ މަގު އޮޅިގެން ކަމަށާއި ދެން ލަސްތަކެއްނުވެ ގެޔާ ހަމައަށް ދެވިދާނެ ކަމަށްބުނެ ޒައިނަބު ގޮވައިގެން ދޮޅުކިލޯ މީޓަރަށް ހިނގި ކަމަށް ގާތިލް ބުނެފައިވެއެވެ. އޭނާ ބުނީ އެންމެ ފުރަތަމަ ޒައިނަބު ގޮވައިގެން މީހުން ނޫޅޭ ހިސާބަކަށް މިސްރާބު ޖަހައިގެން ގޮސް ދުރުން ފެންނަން ހުރި ލައިޓެއްގެ އަލި ފެނުމުން އެ ފެންނަނީ ގެ ހުންނަ ހިސާބުގެ ލައިޓެއް ކަމަށް ބުނި ކަމަށާއި ނަމަވެސް ވަކިހިސާބަކަށް ދިޔަތަނުން އެ ހިސާބުން މީހެއްގެ ހިލަމެއް ވުމާއެކު އަނެއްކާވެސް ޒައިނަބު ހައްލާލުމަށްޓަކައި މިދެވެނީ ނުބައިކޮޅަކަށް ކަމަށްބުނެ އަނެއްކާ އެހެން ދިމާލަކަށް ހިނގައިގަތް ކަމަށް އިމްރާން ބުންޏެވެ.

ގާތިލް ކިޔައިދިން ގޮތުގައި ދެން އޭނާ ޒައިނަބު ގޮވައިގެން މިސްރާބު އެހިސާބު ގަނޑުގައި އޮންނަ ކުނިގޮނޑާ ދިމާއަށެވެ. ކުނިގޮނޑު ސަރަޙައްދަކީ މީހުން ގޮސްނޫޅޭ ފަޅު ހިސާބެއް ކަމުން އެހިސާބަށް ދިޔުމަށް ފަހު އޭނާ ވަނީ ދޮޅުގަޑިއިރު ވަންދެން އުމުރުން އެންމެ ހަތް އަހަރުގެ މައުސޫމް ޒައިނަބު ރޮއިރޮއި އޮއްވައި ގަދަކަމުން އެކުއްޖާއާ ޖިންސީ ގުޅުން ހިންގާފައެވެ.

އޭނާ ބުނިގޮތުގައި ރޭޕްކޮށްލުމަށް ފަހު ޒައިނަބު މަރާލީ ކަރުގައި ހިފައި ނޭވާ ހާސްކޮށްލައިގެންނެވެ. ރޭޕްކުރުމަށް ފަހު ޒައިނަބު ދިރިހުއްޓައި ދޫކޮށްނުލައި މަރާލި ސަބަބެއް ކަމަށް ގާތިލް ބުނެފައި ވަނީ އޭނާ ހިންގި އަމަލު ފަޅާއަރައި އޭނާ ހައްޔަރު ކޮށްފާނެ ކަމުގެ ބިރަށެވެ. އޭނާ ބުނީ ކަރުގައި ހިފައި ނޭވާ ހާސްކޮށް މަރާލުމަށް ފަހު އެތަނުގައި އޮތް ކުނިގޮނޑަށް ޒައިނަބު އެއްލާލާފައި އޭނާ ގެޔަށް ދިޔައީއެވެ.

އިމްރާން ބުނެފައި ވަނީ ޒައިނަބު ގެއްލިގެން އާއިލާއިން ހޯދަން ފެށުމުން އެކަމުގައި އެހީތެރިވުމަށް އެމީހުންނާ ގުޅިގެން އޭނާވެސް ޒައިނަބު ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ކަމަށާއި އެގޮތަށް އަމަލު ކުރީ ޒައިނަބު މަރާލީ އޭނާ ކަމަށް ޝައްކުވިޔަ ނުދިނުމަށް ކަމަށްވެސް ބުންޏެވެ.

އުމުރުން 7 އަހަރުގެ ޒައިނަބުގެ ގާތިލް އިމްރާން ހައްޔަރުކޮށް ފުލުހުން ހިންގަމުން އައި ތަހުގީގުގެ ވަކިހިސާބަކުން ވަނީ ޒައިނަބު ނޫން އެހެން ކުދިންތަކެއްވެސް އޭނާ ހަމަ އެގޮތަށް ރޭޕްކޮށްލުމަށް ފަހު މަރާލާފައިވާކަން ފަޅާއަރާފައެވެ.  ތަހުގީގުގައި އޭނާ ބުނީ ޒައިނަބު މަރާލުމުގެ ކުރިންވެސް ތަފާތު އެކިފަހަރު މަތިން  ރޭޕްކޮށްލުމަށް ފަހު އެ ވަރުގެ 10 ކުޑަކުއްޖަކު މަރާލާފައިވާނެއެވެ. އެކުދިންނަކީވެސް އޭނާ ތަފާތު މަސައްކަތް ކޮށްދިނުމަށް ގޮސްއުޅޭ އަވައްޓެރި ގެތަކުގެ ކުދިން ކަމަށާއި ހުރިހާ ކުދިންވެސް މީހުން ނޫޅޭ ދުރު ހިސާބުތަކަށް ގެންދަނީ މެޓަޔާއި ޗޮކްލެޓާއި ރީތިވާ ގަހަނާގެ ސާމާނު ފަދަ އެއްޗެހި ދޭނެކަމަށް ބުނެ ހައްލާލައިގެން ކަމަށް އިމްރާން ކިޔައިދިނެވެ.

އޭނާ ބުނެފައި ވަނީ އެ 10 ކުދިންގެ ތެރެއިން ބަޔެއް ކުދިން ރޭޕްކޮށްލާފައިވާނީ ޒައިނަބުވެސް ގެންދިޔަ ކުނިގޮނޑާ ކައިރި ސަރަހައްދުގައި ކަމަށާއި އަނެއްބައި ކުދިން ގޮވައިގެން ގޮސް އެ އަމަލު ހިންގީ އަލަށް އާބާދުވާ ހިސާބުގައި ހުންނަ ފަޅު ސަރަހައްދުގައި ކަމަށެވެ. އަދި ގިނަކުދިން ރޭޕްކޮށް އެކަން ފަޅާއަރާފާނެތީ މަރާލުމަށް ފަހު އެތަނުގައި ވަޅުގަނޑެއް ކޮނެ ވަޅުލީ ކަމަށްވެސް ނުލަފާ ގާތިލް ކިޔައިދީފައިވެއެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.