ތިން ޝަރުތަކާއެކު ފާރިޝް ޖަލުން މިނިވަން ކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމުގެ ތުހުމަތުގައި ޖަލުގައި ބަންދު ކޮށްފައި ހުންނެވި،   މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން އަޙްމަދު ފާރިޝް މައުމޫން ޝަރުތުތަކެއް ކުރިމަތި ކުރުމާއެކު ހަ މަސް ދުވަހަށް ފަހު ކްރިމިނަލް ކޯޓުން މިއަދު އޭނާ މިނިވަން ކޮށްފިއެވެ.

ޝަރީއަތްކޮށް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރު ނެރެފައިވާ ފާރިޝް މިއަދު ދޫކޮށްލީ ތިން ޝަރުތެއް އޭނާގެ މައްޗަށް ކުރިމަތި ކުރެއްވުމަށް ފަހުއެވެ. އޭގެތެރެއިން އެއް ޝަރުތަކީ ފާރިޝްގެ މައްޗަށް ދައުވާ އުފުލާފައިވާ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިންކަމުގެ ތުހުމަތުގެ މައްސަލައިގެ ހެއްކަށް ނުފޫޒު ފޯރުވޭނެ އެއްވެސް އަމަލެއް ނުކުރެއްވުމެވެ. ދެވަނަ ޝަރުތަކީ މާލެއިން ބޭރަށް ވަޑައިގަންނަވާނަމަ ކޯޓުގެ ހުއްދަ ހޯދައިގެން ވަޑައިގަތުމެވެ. ތިންވަނަ ޝަރުތަކީ ކޯޓުން އަންގަވާ ކޮންމެ ގަޑިއަކަށް ކޯޓަށް ވަޑައިގެންނެވުމެވެ.

މި މައްސަލައިގައި ފާރިޝް ދޫކޮށްލެއްވުމަށް ކޯޓުން ނިންމާފައިވަނީ ގިނަ ދުވަސް ތަކެއް ވަންދެން ޖަލުގައި ހުންނަން ޖެހުމާއި، މިހާތަނަށް މައްސަލައަށް އެއްވެސް އަސަރެއް ފޯރާނެފަދަ ކަމެއް ފާރިޝްގެ ފަރާތުން ފެނިފައިވާ ކަމުގެ ޝަކުވާއެއް ކޯޓަށް ލިބިފައި ނެތުމެވެ.

ހަ މަސް ދުވަހަށް ފަހު ފާރިޝް ޖަލުން މިނިވަން ކުރެއްވުމަށް ގާޒީ ޙުކުމް އިއްވެވިއިރު ފާރިޝްގެ އާއިލާގެ ގިނަމެންބަރުންވެސް ކޯޓު ރޫމުގައި ތިއްބެވިއެވެ. ފާރިޝް މިނިވަން ކުރެއްވިކަން ގާޒީ އިއްވެވުމާއެކު އާއިލާގެ ބަޔެއް މެމްބަރުންނަށް ރޮވުނެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.