އެމްޑީޕީގެ އަމީން އާންމުގެ ނައިބު ކަމަށް އަފްޝާން ހަމަޖައްސައިފި

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ އަމީން އާންމުގެ ނައިބުގެ މަޤާމަށް އަފްޝާން ލަޠީފް އައްޔަނުކޮށްފިއެވެ.

މިމަގާމަށް އަފްޝާން ހަމަޖައްސާފައި ވަނީ މިދިޔަ ހޯމަ ދުވަހުއެވެ. އޭނާ މަޤާމަށް ހޮވިވަޑައިގަތީ މިމަހުގެ ތިންވަނަ ދުވަހު އެ   މަޤާމަށް އިއުލާންކުރުމާއެކު މަޤާމަށް ޝައުގުވެރިކަން ފާޅުކުރެއްވި ފަރާތްތަކުގެ ތެރެއިން 3 ފަރާތަކާ އިންޓަވިއު ކުރުމަށްފަހުގައެވެ.

އަފާޝާން ލަޠީފަކީ އޮސްޓްރޭލިއަން ނޭޝަނަލް ޔުނިވާސިޓީން އިންޓަނޭޝަނަލް ރިލޭޝަންސް އަދި ޕޮލިޓިކަލް ސައިންސުން މަތީ ތަޢުލީމް ޙާސިލްކުރައްވައި މަދަނީ އަދި ސިޔާސީ އެކިއެކި ކަންކަމުގައި ޙަރަކާތްތެރިވެވަޑައިގަންނަވާ ބޭފުޅެކެވެ. އެގޮތުން 2008 ވަނަ އަހަރު ރާއްޖޭގައި ބޭއްވުނު އެންމެ ފުރަތަމަ ޑިމޮކްރަޓިކް އިންތިޚާބުގައިވެސް ޢަމަލީގޮތުން މަސައްކަތްކުރައްވައި އިންތިޚާބާއި، ވޯޓުލުމާއި އާ ޤާނޫނު އަސާސީއާ ގުޅޭ ގޮތުން އާންމުގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް މަދަނީ ޖަމްޢިއްޔާތަކާ އެކު އަފްޝާން މަސައްކަތް ކުރެއްވިއެވެ.

އެއަށްފަހު، 2008 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ޑެޕިއުޓީ އަންޑާސެކެޓަރީއެއްގެ މަޤާމުގައި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމާއި، އެ މަސައްކަތްތައް ހަރުދަނާ ކުރުމަށް ކުރެވުނު އެކިއެކި ކަންކަމުގައި އަފްޝަން މަސައްކަތް ކުރެއްވިއެވެ. 2012 ވަނަ އަހަރު ސަރުކާރު ބަދަލުވުމާއެކު ރައީސް އޮފީހުން އިސްތިއުފާ ދެއްވައި، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ މައި ކެމްޕޭނުގައި އަފްޝާން ޢަމަލީގޮތުން މަސައްކަތް ކުރެއްވިއެވެ. އެއަށްފަހު 2016 ވަނަ އަހަރު މާލެ ސިޓީގެ މައްޗަންގޮޅި ދާއިރާއިން ވިމެންސް ޑިވެލޮޕްމަންޓް ކޮމިޓީއަށް ހޮވިވަޑައިގެން އަންހެނުންގެ ކުރިއެރުމަށް ސިޔާސީ ޕާޓީތަކާއި، މަދަނީ ޖަމްޢިއްޔާތަކާއި އދ. އާއެކު އެކިއެކި ޕްރޮގްރާމްތައް ހިންގެވުުމުގައި މަސައްކަތް ކުރެއްވިއެވެ.

އެމްޑީޕީގެ އަސާސީ ޤަވާއިދުގައިވާ ގޮތުގެ މަތީން އަމީން އާންމުގެ ނައިބުގެ މަސްއޫލިއްޔަތުތަކަކީ ޤައުމީ މަޖިލިހާއި، ޕާޓީގެ ޗެއާޕާސަންގެ ލަފާގެ މަތީން ޕާޓީގެ އިންތިޒާމްތަކާއި އިދާރީ ކަންކަން ބެލެހެއްޓުމެވެ.

އަފްޝާންއަކީ ލިޔުންތެރިކަމަށް ޝައުގުވެރިކަން ހުންނަ، ސަރުކާރާއި، ސިޔާސީ ޕާޓީތަކާއި، މުވައްސަސާތަކާއި، މަދަނީ ޖަމްޢިއްޔާތައް އަދި މީޑިޔާއާއިއެކު ގިނަ މަސައްކަތްތައް ކުރައްވާފައިވާ ބޭފުޅެކެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.