ވެރިކަންކުރާ މައި ޕާޓީ ޕީޕީއެމް މިވަގުތު އޮތީ ގާނޫނީ ހުސްކަމެއްގެ ތެރޭގައި ކަމަށް ޕީޕީއެމްގައި މިހާރު އޮތް ކައުންސިލުގެ އިއްތިފާގުން އެޕާޓީގެ ރައީސް ކަމުން ވަކިކުރައްވާފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގަތްޔޫމް ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ އެތެރޭގެ އިންތިޚާބުތައް ބާއްވަންވީ އެންމެ ފަހު ތާރީޚަކީ މި ޖެނުއަރީ މަހުގެ 17 ވަނަ ދުވަސް ކަމާއި، އެ މުއްދަތަށް ޕާޓީގެ އެތެރޭގެ އިންތިޚާބީ މަގާމުތަކަށް ބޭފުޅުން އިންތިޚާބު ކުރުން ލާޒިމް ކަމަށް ބަޔާން ކުރައްވައި އިލެކްޝަން ކޮމިޝަނަށް ހުސްވި ހަފްތާގެ ބުރާސފަތި ދިވަހު މައުމޫން ވަނީ ސިޓީފުޅެއް ފޮނުއްވާފައެވެ.
މައުމޫންގެ ސިޓީފުޅުގައި ވިދާޅުވެފައި ވަނީ ޕީޕީއެމްގެ އެތެރޭގެ އިންތިޚާބީ މަގާމުތަކަށް ޖެނުއަރީ 17 ވަނަ ދުވަހާ ހަމައަށް ބޭފުޅުން އިންތިޚާބު ނުކޮށްފިނަމަ އެޕާޓީ ގާނޫނީ ހުސްކަމެއްގެ ތެރެއަށް ގޮސް، ޕާޓީގެ ހިންގުންވެސް ހުއްޓުމަކަށް އަންނާނެ ކަމަށް ގަބޫލުފުޅު ކުރެއްވޭ ކަމަށެވެ.
މައުމޫންގެ ސިޓީފުޅުގައި އެޕާޓީގެ ފަރާތުން ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ނުކުންނަވާނެ ބޭފުޅަކު ކަނޑައެޅުމަށް ޕާޓީގެ އެތެރޭގައި ބާއްވަންޖެހޭ ޕްރައިމަރީއާމެދުވެސް ވަނީ ސުވާލު އުފައްދަވާފައެވެ.
ޕީޕީއެމްގެ ރައީސް ކަމަށް ވިދާޅުވެ މައުމޫން ސޮއި ކުރައްވައި އިލެކްޝަން ކޮމިޝަނަށް ސިޓީފުޅެއް ފޮނުވި ނަމަވެސް ޕާޓީގެ ކައުންސިލުން ފާސްކޮށްފައި މިހާރު ވަނީ ޕާޓީ ހިންގުމުގެ އެންމެހާ ކަންކަމުގެ ޒިންމާ އުފުއްލަވާނީ ޕާޓީގެ މުޝްތަޝާރު ކަމަށެވެ. ޕީޕީއެމްގެ މުޝްތަޝާރަކީ ރައީސް އަބްދުﷲ ޔާމީނެވެ.