އެމްއެމްއޭގެ ޑިރެކްޓަރުންގެ ބޯޑަށް ޖަނާ އާއި އިޙްސާން އައްޔަން ކޮށްފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ޑިރެކްޓަރުންގެ ބޯޑަށް މުޙަންމަދު އަލީ ޖަނާޙް އާއި އަލީ އިޙްސާން އަދި އިދުހާމް ޙުސައިން މިއަދު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އައްޔަން ކުރައްވައިފިއެވެ.

އެމްއެމްއޭގެ ބޯޑަށް ރައީސް މިއަދު އައްޔަން ކުރެއްވި ތިން ބޭފުޅުންގެ ތެރެއިން ޖަނާއަކީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓަރަކްޝަން އިންޑަސްޓްރީ (މަސީ) ގެ ކުރީގެ ރައީސްގެ އިތުރުން ރާއްޖޭގެ ފެންވަރުގައި މިހާރު މަޝްހޫރު ވިޔަފާރިވެރިއެކެވެ. އެގޮތުން ޖަނާއަކީ ހޮޓެލްސް އެންޑް ރިސޯޓް ކޮންސްޓްރަކްޝަން (އެޗްއާރްސީ) ގެ ޗެއާމަނެވެ.

ބޯޑަށް ދެން އައްޔަން ކުރެއްވި އިޙްސާންއަކީ ސިފައިންގެ ކުރީގެ ކެޕްޓަނެކެވެ. އިޙްސާން ސިފައިންގެ މަގާމުން އިސްތިއުފާ ދެއްވީވެސް ފިނިފެންމާ ލޯންޗުގެ ހާދިސާއަށް ފަހުއެވެ. ސިފައިންގެ ވަޒީފާއިން ވަކިވެވަޑައި ގަތުމަށް ފަހު އިޙްސާން މިހާރު ހުންނެވީ ހެޕީމާކެޓުގެ ޖެނެރަލް މެނޭޖަރު ކަމުގައެވެ. މީގެއިތުރުން އިޙްސާންއަކީ ޕީޕީއެމްއަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއް ކަމަށްވާ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީގެ ދަރިކަލެވެ.

ރައީސް މިއަދު ބޯޑަށް އައްޔަން ކުރެއްވި އިދުހާމްއަކީ އެމްއެމްއޭގެ އެސިސްޓެންޓް ގަވަރުނަރެވެ. ޖަނާ އާއި އިޙްސާން އަދި އިދުހާމް ބޯޑަށް އައްޔަން ކުރެއްވި ކުރިން ބޯޑުގެ މެމްބަރުންގެ ގޮތުގައި ތިއްބެވި ތިންބޭފުޅެއްގެ ބަދަލުގައެވެ.

އެގޮތުން ޖަނާ ބޯޑަށް އައްޔަން ކުރެއްވީ ބޯޑު މެމްބަރު ކަމުގައި ކުރިން ހުންނެވި ރައީސް މައުމޫނު ދައުރުގައި ކުޅިވަރާބެހޭ ވަޒީރުކަން ކުރެއްވި ސަންލޭންޑްގެ ޙިއްސާދާރެއް ކަމަށްވާ ޙުސައިން ޙިލްމީގެ ބަދަލުގައެވެ. އިޙްސާން އައްޔަން ކުރެއްވީ ބޯޑުގައި ކުރިން ހުންނެވި މަޓޯޓާގެ ރައީސް އަބްދުﷲ ގިޔާސްގެ ބަދަލުގައެވެ. އިދުހާމް ހަމަޖެއްސެވީ އެމްއެމްއޭގެ ގަވަރުނަރުކަން ދެއްވަން ރައީސް ނިންމަވައި، ރައްޔިތުންގެ މަޖިލީހަށްވެސް ނަން ފޮނުއްވުމަށް ފަހު އަނބުރައި ނަން ނެންގެވުމާއި ގުޅިގެން އެމްއެމްއޭގެ އެސިސްޓެންޓް ގަވަރުނަރު ކަމުން އިސްތިއުފާ ދެއްވި ނީޒާ އިމާދުގެ ބަދަލުގައެވެ.

އެމްއެމްއޭގެ ބޯޑު އެކުލެވިގެން ވަނީ ޖުމްލަ 7 މެމްބަރުންގެ މައްޗަށެވެ. އޭގެތެރޭގައި އެމްއެމްއޭގެ ގަވަރުނަރުވެސް ހިމެނިވަޑައިގަންނަވާނެއެވެ.

 

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.