ޚިތާނުކުރުމަކީ ރާއްޖޭގައި އެންމެކުރީ ޒަމާނުއްސުރެ ވަރަށް ފޯރީގައި ކުރަމުން އަންނަ ކަމެކެވެ. ޚިތާނުކުރުމަށް ރާއްޖޭގެ އެކި ހިސާބުތަކުގެ މީހުން ކިޔައި އުޅެނީ ތަފާތު ނަންނަމެވެ. ތ އަތޮޅު މީހުން ޚިތާނު ކުރުމަށް ކިޔައިއުޅެނީ "ބަންޑާތުރު"ދިއުމެވެ. އައްޑޫ މީހުން ކިޔައިއުޅުނީ އިސްލާންކުރުމެވެ.
ކުރިން ރާއްޖޭގައި ވަރަށް ދުރާލާ ޚިތާނީ މޫސުމަށް ތައްޔާރު ވާނެއެވެ. ތަފާތު ބާވަތްތަކުގެ ކާބޯތަކެތި ތައްޔާރުކޮށް ހިތާނު ކުރުމަށް ބޭނުންވާތަން ތައްޔާރު ކުރެއެވެ. ތަން ތައްޔާރުކޮށް ސަނދުވާ ދަމާހެދުމުގައި ރަށުގެ ފިރިހެން ވެރިންގެ އެއްބާރުލުން ޚިތާނުކުރާކުދިންގެ އާއިލާތަކަށް ވަރަށް ބޮޑަށް ލިބިގެންދެއެވެ. ހަމަ އެހެންމެ ކާބޯތަކެތި ތައްޔާރު ކުރުމުގައި އަންހެންވެރިންގެ އެހީތެރިކަންވެސް ވަރަށްބޮޑަށް ލިބިގެންދެއެވެ. ކޮންމެ ކަމެއްވެސް ކޮށްދެނީ ހިލޭސާބަހަށެވެ. މިވަރަކުން އަދި ނިމުނީއެއް ނޫނެވެ. ކައިރި ރަށްރަށުގެ ރަޙްމަތްތެރިންވެސް ތަފާތު ހަދިޔާތައް ފޮނުވާ ހަދާނެވެ. އެހެންކަމުން ޚިތާނުކުރުމުގެ މަސައްކަތްތަކާއި އެކު ވަރަށް ވަރުގަދަ އިޖްތިމާއީ ގުޅުމެއް ރަށްރަށުގެ ރައްޔިތުންގެ މެދުގައި ޤާއިމުވެގެން ދެއެވެ.
ތައްޔާރުކުރާ ކާބޯތަކެތީގެ ބާވަތްތަކުގެ ތެރޭގައި ބައެއް ހިސާބުތަކުގައި "ތެލަބަޑި" ކިޔާ ފޮނި ކާއެއްޗެއް ޚާއްޞަ އެއްޗެއްގެ ގޮތުގައި ތައްޔާރު ކުރެއެވެ. އަނެއްބައި ހިސާބުތަކުގައި މޮޑެނީ އަވެއްޔެވެ.
ކުރިން ރަށް ރަށުގައި ޚިތާނު ކުރުން އޮންނަނީ ޚިތާނު ކުރަންޖެހޭ ޢުމުރުގެ ކުދިން ތިބިއްޔާ ގާތްތިމާގެ ހުރިހާ ކުދިން އެކުގައެވެ. އެހެން ކަމުން ޚިތާނީ ފޯރި އިންތިހާ އަށް ގަދަވެއެވެ. ޚިތާނު ކުރުން ވެގެންދަނީ އެހިސާބެއްގެ އެންމެނަށް އަންނަ "ބޮޑުޢީދަކަށެވެ." ޚިތާނު ކޮށްގެން އުޅޭއިރު އޮންނާނީ ކެއުމާއި ތަފާތު އެކި ކުޅިވަރުތައްކުޅެ މަޖާކުރުމެވެ. މިހާރެކޭ އެއްގޮތަށް އޭރުވެސް އެ ބައެއްގެ ފޯރުންތެރިކަން ހުރި މިންވަރަކުން މިޔުޒިކް ގްރޫޕްތައް ގެނެސް ފޯރި ނަގައެވެ.
މަތީގައި ބަޔާން ކޮށްލެވޭތޯ ބަލާލައިފައި އެވަނީ އަޅުގަނޑުމެން ކުޑައިރު ޚިތާނުކުރުމުގެ އާދަކާދަ ރަށްރަށުގައި އޮތް ގޮތުގެ މައްޗަށެވެ. ބައެއް ހިސާބުތަކުގައި އެއާދަކާދަ ތަފާތުވެސް ވެދާނެއެވެ.
ރާއްޖޭގެ ތާރީޚީ ބައެއް ލިޔުންތަކުންވެސް ރާއްޖޭގެ ޚިތާނުގެ ކުރުމުގެ އާދަކާދަ ފެންނަން އެބަ އޮތެވެ. ފިރާޑު ލިޔުއްވައި ފައިވާ ގޮތުގައި މިރާއްޖޭގެ އެންމެނެވެސް ތިބެނީ ޚިތާނު ކޮށްފައެވެ. އަޅުގަނޑުމެން ހަނދާނުގައިވެސް ރާއްޖޭގެ ބައެއް ހިސާބުތަކުގައި އަންހެންކުދިން ޚިތާނުކޮށް އުޅޭތީ މިއީ ހަޤީޤަތެއްކަން އެނގެއެވެ. ނަމަވެސް ދިވެހިންގެ ދީނީ ހޭލުންތެރިކަން އިތުރުވެ އަންހެން ކުދިން ޚިތާނު ކުރުމަކީ އިސްލާމްދީނުގައި އޮންނަކަމެއް ނޫންކަން އެނގި މިހާރު ރާއްޖެއިން އެއާދަ ވަނީ ނެތިގޮސްފައެވެ.
"އެބައިމީހުންގެ އެންމެންވެސް ވަނީ ޚިތާނުކޮށްފައެވެ. މިކަމަށް އެބައިމީހުން ކިޔަނީ "ސުންނާ" މިހެންނެވެ. އެބައިމީހުންގެ ބަހުގައި ފިރިހެންކުދިންގެ އުމުރުން ހަތް އަހަރުވީމާ އެވީ ޚިތާނުކުރާށެވެ. ކުއްޖަކު ޚިތާނުކޮށްފިނަމަ ވަރަށްބޮޑު ޖާފަތެއް އޮންނާނެއެވެ. ގާތްގަޑަކަށް 10 ދުވަސް ވަންދެން އެގެޔަށް ވަންނަ މީހުންނަށް ކާންދޭނެއެވެ. މިކަން އޮންނަނީ އެމީހެއްހެ ނުވަތަ އެގެއެއްގެ ކެރިފޯރުން ހުރި މިންވަރަކަށެވެ." "ފިރާޑުގެ ގަލަމުން ދިވެހި ރާއްޖެ" މިފޮތުގައި ޚިތާނުކުރުމުގެ އާދަކާދައާ ބެހޭގޮތުން ބަޔާންކޮށްފައިވެއެވެ.
ޚިތާނު ކުރުމުގެ ފޯރިި އެންމެ ގަދައީ ބޮޑު ޗުއްޓީތެރޭގައިކަމުގަވިއަސް ސްކޫލު ބަންދުވާ އެހެން ދުވަސްވަރުވެސް ޚިތާނުކުރުން އޮވެއެވެ. ނަމަވެސް ވަކި ޚާއްޞަ ތައްޔާރީ ތަކާއެކު ޚިތާނުކުރުމުގެ ހޮސްޕިޓަލުތަކުން ވެސް ޚިދުމަތް ދެނީ ބޮޑު ޗުއްޓީއާ ދިމާކޮށެވެ. އެެއީ ބޮޑުޗުއްޓީއާ ދިމާކޮށް ޚިތާނުކުރާ ކުދިންގެ ޢަދަދު އިތުރުވުމުންނެވެ.
ޚިތާނު ކުރުމަކީ ދީނީ ގޮތުން ކުރަންޖެހޭ ކަމެއްކަމުގައި ވުމުން ކުއްޖާ އުފަން ވުމާއެކު ނުވަތަ ވަރަށް ތުއްތު އިރު ޚިތާނުކުރުންވެސް އަންނީ އިތުރުވުމުންނެވެ. ތުއްތުއިރު ކުއްޖާ ޚިތާނު ކޮށްފައިވާ މައިން ބުނަނީ އެންމެ ތުއްތުއިރު ޚިތާނު ކުރުމުން ކުއްޖާ ފާރުގަނޑު މާ އަވަހަށް ފަސޭހަވެ، ރަނގަޅު ވެއެވެ. ބައެއް މީހުން ދެކޭ ގޮތުގައި ޚިތާނުކުރުމަކީ ކުއްޖާއަށް ލިބޭ އުފަލަކަށް ވާނީ ގޮތް އެނގޭވަރު ވީމާ ކުއްޖާ ޚިތާނު ކުރުމުންނެވެ.
ޚިތާނު ކުރުމާ ބެހޭ ގޮތުން ޢިލުމުވެރިއަކާ ވާހަކަ ދައްކާ ލުމުން އެނާ ވިދާޅުވީ އެއީ ވަކިޢުމުރެއް އޮންނަ ކަމެއް ނޫންކަމުގައެވެ. އަދި ޚިތާނުކުރުމަކަށް އަދި ކުރުމަށްފަހުވެސް ދީނީ ގޮތުން ވަކިކަންތައްތަކެއް ކުރުމެއް ނޯންނަކަމުގައެވެ.
މިހާރުވެސް އަދި ކުރިންވެސް ޚިތާނު ކުރުމަކީ އަޅުގަނޑުމެންގެ އާއިލީ ގުޅުމާއި އިޖުތިމާއީ ގުޅުން ބަދަހިވެގެންދާކަމެވެ. ބިޒީކަމުން އެތައް ދުވަހެއް ވަންދެން ލޮލަށް ނުފެނި ބައްދަލުނުވެ ތިބި ތިމާގެ މީހުންނާއި ގާތްރަޙްމަތް ތެރިންނާއި ބައްދަލުވެ އެކީގައި ކައިބޮއި މަޖާކޮށްލެވޭ ކަމެކެވެ. ޚިތާނުކުރުމަށްފަހު އަޅުގަނޑުމެން އުފާފަޅުކުރުމަށް ޅަދަރިންނާއި އާއިލާގެ ކުދިބޮޑު އެންމެންގެ ތެރޭގައި ކުރެވޭ ކަންކަމަކީ ކުދިންގެ އަޚްލާގަށާއި އުޅުމަށް ކޮންކަހަލަ އަސަރެއް ކުރާނެ ކަމެއްތޯ ވިސްނާލަންޖެހެއެވެ. އެންމެ މުހިންމު ކަމަކީ އެކަންކަމަކީ ދީނީ ގޮތުން ހުއްދަކަންތައްތައްތޯ ބެލުމެވެ. ވެރިރަށް މާލެއަކީ ތޮއްޖެހި އެއްގެ އަނެއްގެއާ ޖެހި ފިތިބާރުވެފައިވާ ތަނަކަށްވާއިރު ރޭގަނޑު އެތައްދަމެއް ވާންދެން އަޑުގަދަކޮށް މަޖާކޮށް ހެދުމުން ޖެހިފިތިފައިވާ އެހެން ގޭގޭގައި ނުނިދިފައި ކުޑަކުދިން ނުވަތަ މުސްކުޅިން ނުވަތަ ބަލިމީހުން ތިބެދާނެކަން ވިސްނަންޖެހޭނެއެވެ. ހުރިހާކަމެއް ކުރަނީ ޚިތާނު ކޮށްފައިތިބޭ ކުދިން ހިތްހަމަޖެއްސުމުގެ ބޭނުމުގައެވެ. އެތައްދަމެއް ވާންދެން އަރާމު ނިންޖެއް ނުލިބި ކުޑަކުޑަ ކުދިންތަކެއް ތިބެން ޖެހުމުން އެކުދިންނަށް ވާނީ "މަޖާތޯ" ސުވާލު އުފެދެއެވެ.