ފައިސާގެ މައްސަލަތަކެއްގައި ބަންގްލަދޭޝް މީހަކު މާލޭގެ ގެއެއްގައި ރަހީނު ކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދިންގޮތުގައި ބަންގްލަދޭޝް މީހާ ރަހީނު ކޮށްފައި ވަނީވެސް ބަންގްލަދޭޝް ބަޔަކު ގުޅިގެންނެވެ. އަދި މި މައްސަލައިގައި ބިދޭސީ މީހާ ރަހީނު ކުރުމުގައި އެންމެ އިސްކޮށް އުޅުނު ބަންގަލްދޭޝް މީހާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރަހީނު ކޮށްގެން ގެންގުޅުނު ބަންގްލަދޭޝް މީހާ ސަލާމަތްވީ އޭނާގެ ދަރިފުޅު ފުލުހަށް ރިޕޯޓު ކޮށްގެންނެވެ. ރިސޯޓެއްގައި މަސައްކަތް ކުރާ އޭނާގެ ދަރިފުޅަށް ގުޅައި ޑިމާންޑް ކޮށްފައި ވަނީ ރަހީނު ކޮށްގެން ގެންގުޅުނު ބަންގްލަދޭޝް މީހާގެ ނަން މަތީގައި އެގައުމުގައި އޮތް ގޯތީގެ މިލްކްވެރިކަން އެމީހުންގެ ނަން މައްޗަށް ބަދަލު ކުރަން ކަމަށްވެއެވެ. އޭނާ ރަހީނު ކޮށްގެން ގެންގުޅުނު ސަބަބެއް ކަމަށް ވަނީ ރާއްޖޭގައި ގިނަ ދުވަސް ތަކެއް ވަންދެން އުޅުނު މިހާރު ހައްޔަރު ކޮށްފައިވާ މީހާގެ އަތުން ނެގި ލޯނެއް ނުދެއްކުމުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން އެމީހުން އަތުލައިގަތީ ރަހީނު ކޮށްފައިވާ މީހާގެ ދަރިފުޅަށް ގުޅަމުން ދިޔަ ނަންބަރުގެ ލޮކޭޝަން ހޯދައިގެންނެވެ. ފުލުހުންގެ ހައްޔަރުގައި މިވަގުތު ހުރި ބަންގްލަދޭޝް މީހާއަށް މިކަމުގައި އެހީތެރިވުމަށް އަށްވަރަކަށް ބިދޭސީން އުޅެފައިވާ ކަމަށްވެއެވެ.