މި ދުވަސްވަރު އުމްރާއަށްދާ ދިވެހިން ފަލަސްތީނުގައި ހުންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުގައްދަސް މިސްކިތް ކަމަށްވާ މަޖިދުލް އަގްސާއަށް ނުދިޔުމަށް ރާއްޖޭގެ އިސްލާމިކް މިނިސްޓްރީން އުމްރާވެރިންނަށް އިލްތިމާސް ކޮށްފިއެވެ.
ރާއްޖެއިން ފަލަސްތީނުގެ ގުދުސް ގައި ހުންނަ އަގްސާ މިސްކިތަށް މި ދުވަސްވަރު ދިވެހި އުމްރާވެރިން ނުދިޔުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސް ކުރީ އިޒްރޭލްގެ ވެރިރަށަކީ ގުދުސް ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ނިންމެވުމާއި ގުޅިގެން ގުދުސް އާއި ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ އާންމުންނާއި އިޒްރޭލްގެ ސިފައިންނާ ދެމެދު ހިނގަމުންދާ ހަމަނުޖެހުން ތަކާއި ގުޅިގެންނެވެ. ރާއްޖެއިން އުމްރާއަށް މީހުންގެންދާ ބަޔެއް ގްރޫޕް ތަކުން ބަޔެއް ފަހަރު އުމްރާ ދަތުރުގައި ތިން ޙަރަމަށް ޒިޔާރަތް ކުރުން ތާވަލްކޮށް އަޤްސާއަށްވެސް އުމްރާވެރިން ގޮވައިގެން ދެއެވެ.
މިނިސްޓްރީން އެތަނުގައި ހިނގަމުން އަންނަ ހަމަނުޖެހުންތަކާ ގުޅިގެން އަގްސާއަށް ދިވެހިން ދިޔުމަކީވެސް އުމްރާވެރިންނަށް ރައްކާތެރި ކަމެއް ނޫން ކަމަށެވެ. އެހެންކަމުން ކަމާބެހޭ ފަރާތްތަކުން ވަކިގޮތަކަށް އަންގަންދެން ގުދުސްއަށް ގޮސް އަޤްސާ މިސްކިތަށް ނުދިޔުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.
އިޒްރޭލްގެ ވެރިރަށަކީ ގުދުސް ކަމަށް ނިންމިއިރު އެ ބިމުގައި ހުރި މުސްލިމުންގެ ތިންވަނަ ޙަރަމްފުޅު ކަމަށްވާ އަޤްސާ މިސްކިތް ތެރެއަށްވެސް އިޒްރޭލްގެ ސިފައިން ދަނީ ވަދެ ނަމާދަށް ތިބޭ މީހުންނަށްވެސް ހަމަލާދީ ފައްސާލަމުންނެވެ.