މިއޮތީ ކީޕަރު އިމްރާން 15 އަހަރު ކުރިން ކިޔައިދިން ވާހަކައެއް- ސަތޭކަ އަކުން ސަތޭކަ!

ތިރީގައި އެވަނީ 14 ސެޕްޓެމްބަރު 2002 ވަނަ ދުވަހު ނުކުތް "އާފަތިސް" ނޫހުގައި ޝާއިއު ކޮށްފައިވާ ރިޕޯޓެކެވެ. އެއީ ރާއްޖޭގައި އުފެދުނު އެންމެމޮޅު ގޯލްކީޕަރު އަދި މިވަގުތުވެސް ރާއްޖޭގައި ހުރި އެންމެމޮޅު ގޯލްކީޕަރު އިމްރާން މުޙަންމަދު ރާއްޖޭގެ މީޑިޔާއަކަށް ދިން އެންމެ ފުރަތަމަ "ޚާއްސަ އިންޓަވިއު" އެވެ.

މިދިޔަ 17 އަހަރު ދުވަހުގެ ތެރޭގައި ދިވެހި ފުޓްބޯޅައިން ފެނުނު އެންމެ ވަރުގަދަ އެއް ސަޚްސިއްޔަތަށް އިމްރާން ވުމުން އެކަންވެސް ފާހަގަ ކުރަމެވެ. މީގެ 17 އަހަރު ކުރިން އުމުރުން 20 އަހަރުގައި ރާއްޖޭގެ ގައުމީ ޓީމުގެ ގޯލު ބަލަހައްޓަން ފެށި، މިހާރު އުމުރުން 37 އަހަރުގެ އިމްރާން މުޙަންމަދު އަމިއްލައަށް ގައުމީ ޓީމުގެ ކީޕަރުކަން މިވަގުތު ދޫކޮށްލާފައި ވިޔަސް މިހާރުވެސް އޭނާ އެދަނީ ރާއްޖޭގައި އޮތް އެންމެ ބޮޑު އަދި އެންމެ ކާމިޔާބު، އެންމެ ސަޕޯޓަރުން ގިނަ ކުލަބު ކަމަށްވާ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ކެޕްޓަން ބޭންޑު އަޅައިގެން މޮޅުކުޅުމެއް ދައްކައި ނިއުއަށް ތަށިތައް އުފުލައި ދެމުންނެވެ.

އިމްރާނަކީ ސާކު ސަރަހައްދުން އަދިވެސް ފެންނަން ހުރި އެންމެމޮޅު ކީޕަރުކަން މިއަހަރު ނިއުރޭޑިއަންޓުގައި އޭނާ ދައްކާ ކުޅުމުންވެސް ކަށަވަރު އެބަވެއެވެ. ދިވެހި ފުޓްބޯޅައަށް އިމްރާންގެ ފަރާތުން ލިބިފައިވާ ޝަރަފާއި ޚިދުމަތްތައް ވަރަށް ގިނައެވެ. އެއްފެންވަރެއްގައި މަދުވެގެން 15 އަހަރު ފުޓްބޯޅަ ކުޅުމަށް މީގެ 17 އަހަރު ކުރިން އޭނާ ކަނޑައެޅި ވަރުގަދަ އަޒުމް މިއަދު މިއޮތީ ސަތޭކައަކުން ސަތޭކަ ހޯދައިގެން ފާސްވެފައެވެ.

މީގެ 15 އަހަރު ކުރިން އިމްރާން ދިން އިންޓަވިއުގެ މައްޗަށް ބަލައި އާފަތިސް ނޫހުގައި ޝާއިއު ކުރި ރިޕޯޓު އަލުން މިގެނެސްދެނީ އިމްރާންގެ ފުޓްބޯޅައިގެ ހަނދާންތަކާއި ފުޓްބޯޅައިގެ ދިރިއުޅުން ފެށިގެން އައިގޮތް ދިވެހި ފުޓްބޯޅައަށް ލޯބިކުރާ ސަޕޯޓަރުން އާކޮށްލުމަށާއި އިމްރާންގެ ހިތްވަރުން އަރަމުން އަންނަ ކުޅުންތެރިން ހިތްވަރު ލިބިގަތުމުގެ އިތުރުން މަދުން ނޫނީ ފުޓްބޯޅައިގައި ނުފެންނަ ވަރުގެ މިކުޅުންތެރިޔާގެ ޝަރަފަށް ޓަކައެވެ.

އާފަތިސް ނޫހުގައި މީގެ 15 އަހަރު ކުރިން އަހަރެން ލިޔުނު ރިޕޯޓު އެދުވަހު ކަފައި، ނެގުމަށް ފަހު ފޮރުވާފައި ބޭއްވީ 15 އަހަރު ފަހުން އިމްރާން ހަމަ އެ ފެންވަރުގައި ދިވެހި ފުޓްބޯޅައިން ފެނިއްޖެނަމަ މި ރިޕޯޓު އެދުވަހަކުން އަލުން ޝާއިއު ކޮށްލުމުގެ ނިޔަތުގައެވެ. އެހެންކަމުން އަހަރެން އެދުވަހު ކަފައި، ނަގާފައި ފޮރުވާފައި ބޭއްވި ރިޕޯޓު 15 އަހަރު ފަހުން ހަމަ އާފަތިސް ނޫހުގެ އޮންލައިންގައި ޝާއިއު ކޮށްލަން ލިބުމަކީ އިއްތިފާގެކެވެ.

.............................................................

14 ސެޕްޓެމްބަރު 2002 ގައި އާފަތިސް ނޫހުގައި ޝާއިއުކުރި އިމްރާން މުޙަންމަދުގެ ރިޕޯޓް:

ރިޕޯޓް ލިޔުނީ: ޖައުފަރު ރަޝީދު (ޖޯރޭ)

އެއީ ވަރަށް ކުރިއެވެ. 1980 ގެ އަހަރު ތަކެވެ. ރާއްޖޭގައި ފުޓްބޯޅައިގެ ފޯރި އެންމެ ގަދައަށް އޮތް ދުވަސްވަރެވެ.

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށުމުން ގަލޮޅު ދަނޑުގައި ކުޅެވޭ މެޗުގެ ކޮމެންޓްރީ ރޭޑިޔޯއިން ފޮނުވަން ފެށުމާއެކު ކުޑަކުޑަ އިމްރާން އަވަހަށް ދުވެގޮސް ރޭޑިޔޯ ކައިރީގައި އިށީނދެއެވެ.

ޚާއްސަކޮށް ނިއުރޭޑިއަންޓް ކުޅޭ ހުރިހާ މެޗެއްގައި ކުޑަކުޑަ އިމްރާން ރޭޑިޔޯ ކައިރިން ދުރަކަށް ނުދެއެވެ. މެޗުގައި ވާނުވާ ކޮމެންޓޭޓަރު ކިޔައިދެމުން ދާއިރު އޭނާ އެންމެ ބޮޑަށް އަޑު އަހަން ބޭނުންވެފައި އިންނަނީ އޭރު އެންމެމޮޅު އެއްކީޕަރު ކަމަށްވާ ސައްޔިދު އަލީގެ ހަރަކާތްތައް ހުރިގޮތެއް އަޑު އަހާލާށެވެ. އެއީ އޭނާގެ ފޭވަރިޓެވެ.

އދ މަހިބަދޫއަށް އުފަން އިމްރާން މުޙަންމަދު ފުރަތަމަ ފުޓްބޯޅަ ކުޅެން ފެށީ އުމުރުން ގާތްގަނޑަކަށް 10 ވަރަކަށް އަހަރުގައެވެ. ރަށުގެ އެއްވަރު ކުދިންނާއެކު ހުސްވަގުތު ފުރާލުމަށްޓަކައި އޭރު ފުޓްބޯޅަ ކުޅެމުން ދިޔައިރު އިމްރާންއަކީ އެރޮނގުގައި މާބޮޑު މުސްތަގުބަލެއް އޮތް މީހެކޭ އެކަކުވެސް ނުބުނާނެއެވެ. މަހިބަދޫ ސްކޫލްގައި ކިޔަވަމުން ދިޔައިރު ސްކޫލްގެ ހައުސް މުބާރާތްތަކުގައި އިމްރާން 1994 ގައި ކުޅެން ފެށިއެވެ. އޭރު އުމުރުން 14 އަހަރުގެ އިމްރާން ކުޅެމުން ދިޔަ މަގާމު އެނގޭ ހެއްޔެވެ.

އޭރު އޭނާއަކީ ބްލޫ ހައުސްގެ އެންމެ ހުޝިޔާރު ފޯވަޑެވެ. ބަޔެއް ފަހަރު ޓީމުގެ މެދުތެރޭގައިވެސް މުހިންމު ރޯލެއް އަދާކުރަމުން ދިޔައެވެ. ނަމަވެސް އޭނާ ގިނަފަހަރު ވެފައި ވަނީ އިދިކޮޅު ޓީމުގެ ގޯލުކީޕަރަށް ނުރައްކާ ކުރާ ފޯވަޑަށެވެ. ޖެހިގެން އައި 1995 ވަނަ އަހަރު އޭނާގެ، ހައުސް ކީޕަރަށް ލިބުނު ބޮޑު އަނިޔާއެއްގެ ސަބަބުން ޓީމުގެ ގޯލު ބަލަހައްޓާނެ މީހަކާމެދު ސުވާލު އުފެދުނެވެ. އިތުރު ކީޕަރެއް ނެތެވެ. އެހިސާބުން ޓީމުގެ ގިނަ މީހުން ބޭނުންވީ ލަނޑު ޖަހަމުންދާ ފޯވަޑް އިމްރާނަށް ކީޕަރު އަންގި ހަވާލު ކުރާށެވެ. ރައްޓެހިންގެ ބަހަށް ބޮޑާ ހާކާކަށް އިމްރާން ބޭނުމެއް ނުވިއެވެ. އޭނާ އެންމެ ކުޅޭހިތްވާ މަގާމް އަބަދަށްޓަކައި ދޫކޮށް ކީޕަރު އަންގި ލެއްވިއެވެ.

އިމްރާން ކީޕަރުކަން ކުރަން ފެށި ފުރަތަމަ އަހަރުވެސް އޭނާ މުބާރާތުގެ އެންމެމޮޅު ކީޕަރުގެ މަގާމް ހޯދިއެވެ. އަދި އެންމެ އުންމީދީ ކުޅުންތެރިޔާގެ މަގާމުވެސް ލިބުނެވެ. އަދި ޖެހިޖެހިގެން 1996 އާއި 1997 ވަނަ އަހަރުވެސް ސްކޫލްގެ އެންމެމޮޅު ކީޕަރުގެ މަގާމް ހޯދިއެވެ. 1996 ވަނަ އަހަރު ސްކޫލް މުބާރާތުގައި ކުޅެނިކޮށް ވެއްޓި ލިބުނު އަނިޔާއަކާއި ގުޅިގެން އަބަދަށްޓަކައި ފުޓްބޯޅައާ ވަކިވާންވެސް އޭނާ ނިންމާފައި ވެއެވެ. ނަމަވެސް ޓީމުގައި އިތުރު ކީޕަރެއް ނެތުމުން އޭނާގެ ނިންމުން ބަދަލު ކުރީއެވެ.

1998 ވަނަ އަހަރު މަހިބަދޫ ސްކޫލްގެ ގްރޭޑް 10 ގައި ކިޔަވަމުން އޭނާ ދިޔައީ ސްކޫލްގެ ކެޕްޓަންގެ ޒިންމާވެސް އުފުލަމުންނެވެ. އެހެންވެ އެއަހަރު އޭނާގެ އަންގި އޮތީ ކުޑަކޮށް ފޫހިވެފައެވެ. ސްކޫލް ނިންމާލުމަށް ފަހު އޭނާ ގަސްތުކުރީ  ބައްޕަމެންނާއެކު މަހަށް ދިޔުމަށެވެ.

"ސްކޫލްގައި އުޅުނު ފަހު އަހަރުވެސް ބައްޕަ ބުނި އިމްރާން ކިޔަވައި ނިމިގެން އަވަހަށް ދޯންޏަށް އަރާށޭ" އޭރު މުސްތަގުބަލް ރާވާފައިވާ ގޮތް ކިޔައިދެމުން އިމްރާން ބުންޏެވެ.

1998 ގައި އިމްރާން ކުޅުނީ "ޔަންގް ފްރެންޑްސް" ކިޔާ ޓީމަކަށެވެ. 1999 ވަނަ އަހަރު އެ ޓީމު ތަށި ހޯދީ ކީޕަރަކަށް އިމްރާން ހުއްޓައެވެ. އެފަހަރު އެޓީމަށް ކޯޗު ކޮށްދޭން ގޮސް ހުރީ އޭރު ރާއްޖޭގެ ފުރަތަމަ ޑިވިޒަނުގައި އޮތް ޓީމެއް ކަމަށްވާ އީގަލްސްގެ ކުޅުންތެރިޔެއް ކަމަށްވާ އިންތިއެވެ.

"އެފަހަރު އިންތި ބުނީ ހިނގާށޭ އީގަލްސްއަށް ކުޅެން ދާން، އިންތި ހަމަޖެއްސީމަ އީގަލްސްއަށް އައީ" އިމްރާންގެ ފުޓްބޯޅައިގެ އޮޑި ދުވަމުން އައިގޮތް ކިޔައިދެމުން ބުންޏެވެ.

އެއަހަރު އިމްރާންގެ ހުޝިޔާރުކަން ފެނިފައި އީގަލްސްގެ ފުލްކީޕަރުގެ މަގާމު އޭނާއަށް ހަވާލު ކުރިއެވެ. އެ އަހަރުގެ އެފްއޭކަޕް ނިމުމުން އިމްރާން އަނެއްކާވެސް މާލެ ދޫކޮށް ރަށަށް ބަދަލުވިއެވެ. ބައްޕަމެންގެ މަސައްކަތުގައި ބައިވެރި ވުމަށެވެ. ނަމަވެސް އީގަލްސްގެ ތައުފީގުގެ އެދުމުގެ މަތިން މާލެ އައެވެ. އެއަހަރު ސީޒަން ނިމުމާއެކު އަނެއްކާވެސް އިމްރާން ރަށަށް ބަދަލުވިއެވެ. ފުޓްބޯޅަ ކުޅުމަށް ދުވަހަކުވެސް މާލެ ނާންނަ ގޮތަށެވެ.

"އެފަހަރު ދަގެނތީގައި ހުއްޓާ އެފްއޭއެމް އިން ފެކްސް ފޮނުވީ، އެކަމަކު އަހަރެން ނިންމީ މާލެ ނާންނަން، އަހަންނަކަށް ނޭނގެ ކީއްކުރަން ކަމެއް އެފްއޭއެމް އިން ގުޅީ، އެހިސާބުން ބައްޕަވެސް ބުނެފި އެފްއޭއެމް އިން ގުޅީމަ ގޮސްލަން ވާނޭ، އެވަރުންވެސް އަހަރެން ނިންމީ މާލެ ނާންނަން، އެހެން ހުއްޓާ އަތޮޅު އޮފީހަށް ގެންގޮސްފައި ބުނީ ހަމަ މިހާރު މާލެ ފުރަން ތައްޔާރުވާށޭ، އެފްއޭއެމް އިން އިމްރާން އެބަހޯދައޭ، ދެން އަހަންނަށް މަޖުބޫރުވީ އެހުރި ގޮތަށް މާލެ ފުރަން ދޯންޏަށް އަރަން، އެކަމަކު ހިތާދެކޮޅަށް އައީ، އަހަރެން ބޭނުންވީ ބައްޕަމެންނާއެކު މަހަށްދާން،" މިހާތަނަށް ވަކިގޮތެއް ނިންމަން އޭނާއަށް ދިމާވި އެންމެ އުދަނގޫ މައްސަލައާ ބެހޭގޮތުން އޭނާ ބުންޏެވެ.

މާލެ އައުމުން އިމްރާންއަށް އެފްއޭއެމްއިން އެންގީ އޭނާ މާލެ ގެނައީ ސީނިއަރ ގައުމީ ފުޓްބޯޅަ ޓީމަށް ބޭނުން ވެގެން ކަމަށެވެ.

"އަހަންނަށް ގަބޫލުވެސް ނުކުރެވުނު އެވާހަކަ، އަހަންނަށް ފާޑެއްގެ ހުއްޓުމެއް އައީ އެވާހަކަ އަޑު އިވުމުން،" އިމްރާން ކިޔައިދިނެވެ.

އެއަހަރު (2000 ވަނަ އަހަރު) އަނެއްކާވެސް އޭނާ އީގަލްސްގެ ގޯލު ދިފާއު ކުރުމާ ހަވާލުވިއެވެ. އީގަލްސް އޭރު އަބަދުވެސް އޮންނަނީ ފުރަތަމަ ޑިވިޒަނުގެ އެންމެ ފުލުގައެވެ. އެއަހަރު އިމްރާން ގައުމީ ޓީމުގެ ސްކޮޑަށް ނެގިއެވެ. އޭރު ގައުމީ ޓީމުގެ ފުލްކީޕަރަކަށް ކުޅެމުން ދިޔަ އިސްހާގު އީސާއަށް ލިބުނު އަނިޔާގެ ސަބަބުން ގައުމީ ކޯޗު، އެއްނަންބަރު ކީޕަރުގެ މަގާމް ތަޖުރިބާ މަދު އިމްރާންއާ ހަވާލު ކުރިއެވެ. އެއަހަރު މާލޭގައި ބޭއްވުނު ގޯލްޑަން ޖުބްލީ ފުޓްބޯޅަ މުބާރާތުގައިވެސް ދިވެހި ޓީމުގެ ގޯލު ބެލެހެއްޓުން ކޯޗު ހަވާލުކުރީ އިމްރާންއާއެވެ. ނަމަވެސް މިކަން ވެގެން ދިޔައީ ގިނަބަޔަކު ހިތްހަމަނުޖެހުނު ކަމަކަށެވެ. ބަޔެއް މީހުން ބުނަމުން ދިޔައީ އީގަލްސް ކަހަލަ ދަށްޓީމެއްގެ ކީޕަރަކު ގައުމީ ޓީމުގެ ގޯލު ބަލަހައްޓަން ތަސައްރަފު ނުފުދޭ ކަމަށެވެ. ތަޖުރިބާ މަދު އިމްރާންއަށްވުރެ މޮޅެތި ކީޕަރުން ރާއްޖޭގައި އެބަތިބި ކަމުގައި ބުނެ ބަޔެއް މީހުން ވާހަކަ ދައްކަމުން ދިޔައެވެ.

"އަހަރެންވެސް އަޑު އެހިން އެކަހަލަ ވާހަކަތަކެއް ބަޔަކު ދަށްކަނިކޮށް، އަހަންނަކީ ވަރަށް ފީކަޅާ މީހެކޭވެސް ބުނި އަޑު އެހިން، އެދުވަހު އަހަރެން އަޒުމް ކަނޑައެޅިން އަހަންނަކީ އީގަލްސްގެ ކީޕަރެއް ކަމަކު އަހަންނަށްވެސް ގައުމީ ޓީމުގެ ފުލްކީޕަރުކަން ކުރެވިދާނެކަން އެމީހުންނަށް ދައްކައިދޭނަމޭ" އިމްރާން ބުންޏެވެ.

އެމުބާރާތުގެ ފައިނަލަށް ރާއްޖެ ދިޔުމުގައި އިމްރާންގެ ކުޅަދާނަކަން ވަރަށް ބޮޑެވެ. 2001 ވަނަ އަހަރު އިމްރާން މާލޭގެ އެންމެބޮޑު އެއްކުލަބު ކަމަށްވާ ވިކްޓްރީއަށް ބަދަލުވިއެވެ. އޭރު ވިކްޓްރީގެ އެއްނަމްބަރު ކީޕަރުގެ މަގާމް ޒަރިޔަންދު ފުރަމުން ދަނިކޮށް ޒުވާން އިމްރާން އެމަގާމު އަތުލިއެވެ. ވިކްޓްރީ އެއަހަރު މާލޭ ލީގުގެ ޗެމްޕިއަންކަން ހޯދުމާއި، ގައުމީ ފުޓްބޯޅަ މުބާރާތުގެ ތަށި ހޯދުމާއި، ދިވެހި ލީގުގެ ދެވަނަ ހޯދުމާއި، 6 ވަނަ ކަޕްވިނާސްކަޕްގެ ޗެމްޕިއަންކަން ހޯދުމުގައި އިމްރާންގެ ޙިއްސާ ވަރަށް ބޮޑެވެ. އެއަހަރު ރާއްޖެ ކުޅުނު ވޯލްޑްކަޕް ކޮލިފައިން މެޗު ތަކުގައި ދިވެހި ޓީމުގެ ގޯލު ބެލެހެއްޓީވެސް އޭނާއެވެ. މިއަހަރު ވިކްޓްރީ 7 ވަނަ ކަޕްވނާސް ކަޕުގެ ޗެމްޕިއަންކަން ހޯދުމާއި، މާލޭލީގާއި، ދިވެހި ލީގުގެ ދެވަނަ ހޯދުމުގައިވެސް އިމްރާންގެ ޙިއްސާ ވަރަށް ބޮޑެވެ. މިއަހަރުގެ ދިވެހި ލީގުގައި އެންމެ މަދުން ގޯލު ޖެހިފައި ވަނީ އިމްރާން ދިފާއު ކުރަމުން ދިޔަ ވިކްޓްރީގެ ގޯލަށެވެ. ވަދެފައި ވަނީ 9 ގޯލެވެ.

މިވަގުތު ވިކްޓްރީ އާއި ގައުމީ ޓީމުގެ ގޯލު ދިފާއު ކުރަމުންދާ ހުޝިޔާރު ކީޕަރު، އިމްރާން ބުނާ ގޮތުގައި ރާއްޖޭގައި ފެންވަރު ރަނގަޅު ކީޕަރުން ގިނަ އަދަދަކަށް ނުއުފެދެނީ ބެލުންތެރިން ކީޕަރުންނާ ދޭތެރޭދެކޭ ގޯސް ގޮތުގެ ސަބަބުންނެވެ.

"ކީޕަރަކަށް މެޗެއްގައި އެކެއް ނޫނީ ދެމިސްޓޭކު ހެދިދާނެ، އޭތި އިންނާނީ ގޯލު ތެރޭގައި، ފޯވަޑުންނާ 6 މިޑްފީޑަރުންނަށް ހެދޭ މިސްޓޭކު ފާހަގަ ނުކުރޭ، ޑިފެންޑަރުންނަށް ހެދޭ މިސްޓޭކުވެސް ފޫބައްދަން މިޖެހެނީ ކީޕަރުންނަށް، ގިނަފަހަރަށް އާދައިގެ ބޯޅައެއް ގޯލަށް ވަދެއްޖެނަމަ ބެލުންތެރިން ބުނަނީ ކީޕަރު މެޗު ވިއްކާލިއްޔޭ، ވިސްނާލަންޖެހޭނެ ކީޕަރުންނަކީވެސް އިންސާނުންކަން، އިންސާނުންނަށް ކުށްކުރެވޭނެކަން، ކީޕަރުންނަށް ކުށްކުރެވިގެން ނުވޭތަ، ކީޕަރުންގެވެސް ހިތް އޮވޭ، އަސްލު ވަރަށް ދެރަވޭ އެހެންކީމަ" އިމްރާން ބުންޏެވެ.

ތެދެކެވެ. ކީޕަރުންގެ ބޮލުގައި ބަލިވާ މެޗު ތަކުގައި ބެލުންތެރިން ދޮގު ތުހުމަތު އަޅުވައެވެ. ރިޝްވަރު ހިފިކަމުގެ ދޮގު ތުހުމަތު އަޅުވައެވެ.  އެހެންވިއްޔާ އިމްރާން ކުރެން އަހާބަލާށެވެ. ދުވަހަކުވެސް އިމްރާންގެ ގާތަށް ބަޔަކު ރިޝްވަތު ދޭން އައިހެއްޔެވެ. އައިނަމަ ހެދީ ކިހިނެއް ހެއްޔެވެ. ނުވަތަ އަތުވެއްޖެނަމަ އަމަލު ކުރާނީ ކިހިނެއް ހެއްޔެވެ....

"ދުވަހަކުވެސް އަދިނާދޭ އެގޮތަށް ބަޔަކު، އަޔަސް އެކަމެއް ނުވާނެ، އެގޮތަށް ރިޝްވަތު ދޭންއުޅޭނީ މޮޔައިން، ހިފާނީވެސް މޮޔައެއް، އެއީ ވަރަށް ވިޔާނުދާ ކަމެއް، އެގޮތަށް އަހަރެން ގަނެއެއް ނުލެވޭނެ، އަހަރެން ހަމަހޭގައި ހުރެ ދުވަހަކުވެސް ރިޝްވަތު ގަބޫލެއް ނުކުރާނަން،" ހުއްޓާނުލައި 15 އަހަރު ދުވަހު ކުޅުމަށް އަޒުމް ކަނޑައަޅައިގެން ހުރި އިމްރާން ބުންޏެވެ.

.............

ކުރުކޮށް..

ނަން: އިމްރާން މުޙަންމަދު

އުފަން ދުވަސް: 8 ޑިސެމްބަރ 1980

އިސްކޮޅު: 5 ފޫޓް 11 އިންޗި

އެންމެމޮޅު ފުޓްބޯޅަ ކުޅުންތެރިޔާ: (ރާއްޖެ / ބޭރު) އޮއްޕު / ޒިދާން

އެންމެމޮޅު ގޯލްކީޕަރު: (ރާއްޖެ / ބޭރު) އިސްހާޤު / އޮލިވަރޚާން

އެންމެމޮޅު ރެފްރީ: (ރާއްޖެ / ބޭރު) އަލީ ސަލީމް / ކޮލީނާ

އެންމެ ރީތި ކުލަ: ހުދު

އެންމެ ދާހިތްވާ ގައުމު: އިޓަލީ

 

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.