ބައިނަލްއަޤުވާމީ މަދަނީ ދަތުރުފަތުރުގެ ދުވަހުގެ މުނާސަބަަތުގައި ޓޫރިޒަމް މިނިސްޓަރު ދެއްވި ޚިޠާބު

بسم الله الرحمن الرحيم

މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ

މާލެ، ދިވެހިރާއްޖެ

ބައިނަލްއަޤުވާމީ މަދަނީ ދަތުރުފަތުރުގެ ދުވަސް – 7 ޑިސެމްބަރ 2017

މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ މިނިސްޓަރ

މިނިސްޓަރ އޮފް ޓޫރިޒަމް އޮނަރަބަލް މޫސާ ޒަމީރު ދެއްވާ ޚިޠާބު

الحَمْدُ لِلهِ رَبِّ الْعَالَمِينَ وَالصَّلاَةُ وَالسَّلامُ عَلى رسول الله، وَعَلى آلِهِ وَأصْحَابهِ وَمَنْ تَبِعَهُمْ بإحْسَانٍ إلى يوْمِ الدِّينِ.

ބައިނަލް އަޤުވާމީ މަދަނީ ވައިގެ ދަތުރު ފަތުރުގެ ދުވަހުގެ އުފާވެރި ތަހުނިޔާއާއި މުބާރިކް ބާދީ ދިވެހިރާއްޖޭގެ ޢިއްތަތްތެރި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމުގެ ދެކަނބަލުންނަށާއި ސިނާޢަތުގެ ބައިވެރިންނަށް އަދި ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރިސް ކުރުމުގެ އުފާވެރިކަން ލިބިގަންނަމެވެ.

ރާއްޖޭގެ އިޤްތިޞާދީ ހުރިހާ ހަރަކާތްތަކެއް ފުޅާވެ މަންފާ އިތުރު ވަމުން ދާހެން އޭވިއޭޝަން ސިނާޢަތްވެސް ދަނީ ތަރައްޤީވެ ފުޅާވަމުންނެވެ. ވައިގެ ޚިދުމަތްތައް ހޯދާ ފަސިންޖަރުންގެ ޢަދަދު ކޮންމެ އަހަރަކުވެސް ދަނީ އިތުރުވަމުންނެވެ. އެތެރޭގެ އުދުހުންތަކާއި ބައިނަލް އަޤުވާމީ އުދުހުންތަކުގައިވެސްމެއެވެ. އަދި ވައިގެމަގުން މުދާ އެތެރެ ކުރުމާއި ބޭރުކުރުންވެސް ހުރީ ކުރިއަރައިދާ ހަރަކާތެއްގެ ގޮތުގައެވެ. 2015 ވަނަ އަހަރާ އަޅާބަލާއިރު ބައިނަލް ޢަޤުވާމީ މަގުން ދަތުރު ކުރި ފަސިންޖަރުންގެ ޢަދަދު 2016 ވަނަ އަހަރު %5.1 އިތުރު ވެފައިވާއިރު ހަމަ އެ މުއްދަތުގައި އެތެރޭގެ އުދުހުންތައް ބޭނުން ކުރި ދަތުރުވެރީންގެ ޢަދަދު ވަނީ %10.1 ކުރިއަރާފައެވެ. ސަރުކާރުގެ އަމާޒަކީ މި ޢަދަދުތައް ކޮންމެ އަހަރަކުވެސް އިތުރު ވަމުން ދާނޭ ގޮތަށް ސިޔާސަތުތައް ބައްޓަން ކުރުމެވެ.

މިދާއިރާ އިތުރަށް ތަރައްޤީކޮށް އިތުރު ފުރިހަމަކަމެއް ގެނައުމަށް ސަރުކާރުން މި ފަހުން ޢިއުލާންކޮށްފައިވާ އެއް ޕްރޮޖެކްޓަކީ މުޅި ރާއްޖެ ގުޅިގެންދާނޭ ބީދައިން އެކި ހިސާބުތަކުގައި ވައިގެ ބަނދަރުތަކެއް ތަރައްޤީ ކުރުމެވެ. ސަރުކާރުން ޕްލޭންކޮށްފައިވާ ޢަދަދަށް އެއާޕޯޓްތައް އެޅުމުން އެތެރޭގެ އުދުމުގެ ވިއުގަ ދެގުނައަށް ފުޅާވެގެންދާނެއެވެ. އެކިހިސާބުތަކަށް ފަސޭހަކަމާއެކު ދަތުރު ފަތުރުކޮށް އުޅުމުގެ ފުރުޞަތުތައް ގިނަވެ  ބައިނަލް އަޤުވާމީ ދަތުރުތަކަށްވެސް އިތުރު ދޮރޯށިތައް ހުޅުވިގެންދާނެވެ. ހަމަ އެފަދައިން، ފަތުރުވެރިކަމުގެ ސިނާޢަތާއި އިޤްތިޞާދީ އެހެނިހެން ޙަރަކާތްތައް އިތުރުކޮށް ފުޅާކުރުމުގެ މަގުތައްވެސް ތަނަވަސްވެގެން ދާނެއެވެ. މިދާއިރާއާއި ގުޅޭ މަތީ ތަޢުލީމާއި ވަޒީފާގެ ފުރުޞަތުތައްވެސް އިތުރުވެގެން ދާނެއެވެ.

ސަރުކާރުން އެއާޕޯޓްތައް ތަރައްޤީ ކުރަމުންދާނީ ސިވިލް އޭވިއޭޝަން އޮތޯރިޓީން ކަނޑައަޅާފައިވާ ސަލާމަތާއި ރައްކާތެރިކަމުގެ މިންގަނޑުތައް ހިފެހެއްޓޭ ގޮތަށް، ދެމެހެއްޓެވިނި ގޮތައްވެސް މެއެވެ. ރާއްޖޭގައި މިހާރު އޮޕަރޭޓް ކުރަމުންދާ އެއާޕޯޓްތަކުގައި ސަލާމަތާ ރައްކާތެރިކަން ޔަޤީންކުރުމަށް ދިމާވަމުންދާ ގޮންޖެހުންތައް ސަރުކާރުންދަނީ ބަލަމުންނެވެ. އަދި ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޤަވާޢިދުތަކާ އެއްގޮތަށް ވައިގެ ބަނދަރުތައް ހިންގަމުން ދާނޭގޮތަށް އެ ޕްރޮޖެކްޓްތައް ރާވައިގެން ކުރިއަށް ގެންދިއުމަކީ ސަރުކާރުގެ ސިޔާސަތެވެ.

މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ސަލާމަތާއި ރައްކާތެރިކަން ޔަޤީން ކުރުމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީއާއި ޑައިރެކްޓަރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން (ޑާސާ)، އިން ކުރާ ހުރިހާ މަސައްކަތްތަކަކީ ޢާއްމު ގޮތެއްގައި ހުރިހާ ފަރާތްތަކަށް ޙިއްސާ ކުރާ ކަންތައްތަކެއް ނޫނެވެ. މިދާއިރާ ތަރައްޤީކޮށް ސަލާމަތާއި ރައްކާތެރިކަމުގެ މިންގަނޑުތައް މައްޗަށް ޖެއްސުމަށް ކުރެވިފައިވާ މަސައްކަތާބެހޭ މަޢުލޫމާތު އެހާބޮޑަށް ޢާންމުވެފައި ނުވަނީ މިސަބަބާ ހުރެކަމުގައި ވެދާނެއެވެ. ނަމަވެސް، މި ހުރިހާ ކަމަކީ ސިނާޢަތުގެ ބައިވެރިންނަށް އެކަމާ ގުޅޭ ހުރިހާ މަޢުލޫމާތެއް ހިއްސާކުރެވި އެފަރާތްތަކުގެ ފުރިހަމަ ޝާމިލުވުން އެކުލެވޭ ކަންކަމެވެ.

އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) އިން 2010 ވަނަ އަހަރު ކުރި އޯޑިޓުން ރާއްޖެއަށް ލިބުނު މާކުސް ހުރީ "މެޗުއަރ ސްޓޭޓް" ކަމަށްބުނާ މިންގަނޑަށްވުރެ ދަށުގައެވެ. ނަމަވެސް 2014 ވަނަ އަހަރުގެ އޯޑިޓްގައި ރާއްޖެވަނީ "މެޗުއަރ ސްޓޭޓް" މިންގަޑުން ފަހަނައަޅާ ކުރިއަށްގޮސް މަތީ މާކްސްއެއް ހޯދާފައެވެ. އެއީ ފޮތްތައް ތަރުތީބުކޮށްލާ މަތި އޮމާންކޮށްލައިގެން ހޯދި ނަތީޖާއެއް ނޫނެވެ. އެ ނަތީޖާ ހޯދީ ސިވިލް އޭވިއޭޝަން އޮތީރިޓީގެ އިސްވެރިންނާއި މުވައްޒަފުންގެ ބުރަ މަސައްކަތުންނެވެ. ވިސްނުންތެރިކަމާ ރޭވުންތެރިކަމާއެކު ކުރިއަށް ގެންދެވުނު "ކޮންޓިނިއަސް އިމްޕްރޫވްމަންޓް" ޙަރަކާތްތަކެއްގެ ސަބަބުންނެވެ. އެ މަސައްކަތުގެ ބޮޑުބައި ކުރިއަށް ގެންދެވިފައިވަނީ 2012 ވަނަ އަހަރު ސިވިލް އޭވިއޭޝަން އޮތޯރިޓީ އުފެދުމަށް ފަހުއެވެ.

އައިކާއޯގެ އޯޑިޓްގެ އިތުރުން ސަރަޙައްދީ ފެންވަރުގައިވެސް އޮތޯރިޓީ އޯޑިޓް ކުރެވެއެވެ. ރާއްޖެއަކީ "ސައުތް އޭޝިއަން ރީޖަނަލް އިނިޝެޓިވް (ސާރި)" ގެ މެންބަރެކެވެ. "ސާރި" އަކީ "ޔޫރަޕިއަން އޭވިއޭޝަން ސޭފްޓީ އޭޖެންސީ (އިއާސާ)" އާއި ސައުތު އޭޝިއާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީތަކާ ދެމެދު އެކުލަވާލެވިފައިވާ ފަންނީ ފޯރަމެކެވެ. އެގޮތުން "ސާރި" ގެ ފަރާތުން ސައުތު އޭޝިއާ ސަރަޙައްދުގެ ޤައުމުތަކުގެ އޭވިއޭޝަން ޤަވާޢިދުތަކާއި ހަމަ ތަކާއި އުޞޫލުތައް އެއްގޮތް ކުރުމަށް ކުރާ މަސައްކަތުގައި ރާއްޖެ ވަރަށް ފުރިހަމައަށް ބައިވެރިވެއެވެ. "ސާރި" ން އެކުލަވާލާ ޤަވާޢިދުތައް އޭގެ މަފްހޫމާ އެއްގޮތަށް ތަންފީޒު ކުރަމުން ދޭތޯ ބެލުމަކީވެސް މި "އިނިޝެޓިވް" ގެ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ. "ސާރި" ގެ ފަރާތުން މިހާތަނަށް ކުރެވުނު އޯޑިޓްތަކުންވެސް ރާއްޖެއިން ހޯދާފައިވަނީ ވަރަށް ފުރިހަމަ ކާމިޔާބީއެކެވެ. ރަނގަޅު ކުރަންޖެހޭ ބައެއް ކަންކަން ފާހަގަ ކުރުމާއެކު ރާއްޖެއިން ޢަމަލު ކުރަމުންދާ ޤަވާޢިތުތަކާއި އޮތޯރިޓީން އެކުލަވާލާފައިވާ "ސްޓޭންޑަޑް އޮޕަރޭޓިންގ ޕްރޮސީޖާ (އެސް އޯ ޕީ)" ތަކާއެކު މަސައްކަތް ކުރުމުގެ ވައްޓަފާޅިއަށް ތައުރީފުގެ ބަސްތައް ރައްދުކޮށްފައި އެބަހުއްޓެވެ. ވަކީން ޚާއްސަކޮށް ކަންތައްތައް ފޮރުވަން މަސައްކަތް ނުކުރުމާއި އަމިއްލަ މައްސަލަތައް އޮޑިޓަރުންނަށް ކިޔައިދީ އެކަންކަން ރަނގަޅުކުރުމަށް ރޭވިފައިވާ ޙަރަކާތްތައް އޮޅުންފިލުވައިދިނުމުގައި "ޓްރާންސް ޕޭރަންސީ ލެވަލް" ވަރަށް ރަނގަޅުކަމުގައި ފާހަގަކޮށްފައިވެއެވެ.

ސިވިލް އޭވިއޭޝަން އޮތީރިޓީން އަލަށް ޢަމަލު ކުރަންފެށުނު އޮޕަރޭޝަންސް ޤަވާޢިދުގެ ދަށުން ރާއްޖޭގައި ތަފާތު ވައްތަރުގެ އުދުހުންތައް ކުރިއަށް ގެންދިއުމުގެ ފުރުޞަތުވަނީ ހުޅުވާލެވިފައެވެ. އެގޮތުން 2017 ވަނަ އަހަރު މުޅީން އަލަށް ސްކައި ސްޕޯޓްސް ހަރާކާތްތައް ކުރިއަށް ގެންދިއުމަށް "އޭވިއޭޝަން ރެކްރިއޭޝަނަލް އޯގަނައިޒޭޝަން" އެޕްރޫވަލްއެއް ވަނީ ދޫކުރެވިފައެވެ. މީގެ އިތުރުން ކުރީންވެސް އަޅުގަނޑު އިޢުލާންކޮށްފައިވާ ފަދައިން މި ޤަވާޢިދުން ފުރުޞަތުލިބޭ ހެލިކޮޕްޓަރ އޮޕަރޭޝަން އާއި ބެހޭގޮތުން އިނގިރޭސިވިލާތުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީއާ އެކު ވެފައިވާ ފްރޭމްވާރކް އެގްރީމެންޓުގެ ދަށުން ކަމާގުޅޭ ރިސްކް އެސެސްމަންޓެއް މިހާރުވަނީ ހަދާ ނިމިފައެވެ. ކަމާބެހޭ ތަޖުރިބާކާރުން ރާއްޖެއަށް ޒިޔާރަތްކޮށް ދިރާސާކުރި މި އެސެސްމަންޓުގެ ޑްރާފްޓް ރިޕޯޓަށް ރާއްޖެއިން ކޮމެންޓުކޮށް މިހާރު އަޅުގަނޑުމެން މިތިބީ ފައިނަލް ރިޕޯޓްގެ އިންތިޒާރުގައެވެ.

އަޅުގަނޑުމެން ޤަބޫލު ކުރަނީ ޢަމަލު ކުރަން ފެށިފައިވާ ފްލައިޓް ކުރޫ ޤަވާޢިދުތަކުގެ ސަބަބުން ފަޅުވެރީންގެ ފެންވަރު މަތި ކުރެވި ޔޫރަޕާއި ކުރިއަރާފައިވާ އެހެނިހެން ޤައުމުތަކުން މިހާރު ޢަމަލު ކުރަން ފަށާފައިވާ ފެޓީގް ރިސްކް މެނޭޖްމަންޓް ސިސްޓަމްތައް ރާއްޖޭގައިވެސް ޤާއިމުކުރެވިގެންދާނޭ ކަމަށެވެ. އެއާއެކު ފެޓީގްގެ ސަބަބުން އޮޕަރޭޝަންސް ދާއިރާއަށް ދިވާމާ ގޮންޖެހުންތައް މެނޭޖް ކުރެވޭނޭ ނިޒާމެއް  އުފަންވެ އެދާއިރާއިން ސަލާމަތްތެރިކަމަށް ހުރި ގޮންޖެހުންތަކާމެދު އެކަށީގެންގާ ފިޔަވަޅު އެޅިގެންދާނެވެ. މި ކަމުގައިވެސް އަޅުގަނޑުމެން މި ހިނގަނީ "އޭވިއޭޝަން ޕައިނިޔަރިންގ" ޤައުމުތަކުން ދައްކާ މަގުތަކުންނެވެ. އަހަރުތަކެއްގެ މައްޗަށް ބިނާވެފައިވާ އެ ފަރާތްތަކުގެ ތަޖުރިބާއާ ފަންނީ ލަފާގެ މަތީންނެވެ.

އަޅުގަނޑު މި ބަޔާންކުރި ވާހަކަ ތަކުގެ ޚުލާސާއަކީ އޭވިއޭޝަން ސިނާޢަތުގެ ހުރިހާކަމެއް އެންމެ ފުރިހަމަވެ އިތުރު ގޮންޖެހުމެއް ނެތް ވާހަކައެއް ނޫނެވެ. ރަނގަޅުކުރަންޖެހޭ ކަންތައްތަކާއި ގިރާ ކުރަންޖެހޭ ލަނޑުދަނޑިތައް ފާހަގަކޮށް އެކަންކަމަށް އެދެވޭ ޙައްލު ހޯދުމަށް މިހާރުވެސް ދަނީ މަސައްކަތް ކުރެވެމުންނެވެ. ސިވިލް އޭވިއޭޝަން ބަހުރުވައިންނަމަ، ދިރިހުރި މެނޭޖްމަންޓް ސިސްޓަމެއްގެ ތެރެއިން ކަންތައްތައް ރަނގަޅު ކުރުމުގެ މަސައްކަތް އަބަދުވެސް ދާނީ ކުރިއަށެވެ. މި ދާއިރާގައި މަސައްކަތް ކުރާގޮތަކީ އެއްކަމެއް ފުރިހަމަ ކުރުމަށް ފަހު ދެން އިތުރު ކަމެއް ނުކޮށް ތިބުމުގެ ބަދަލުގައި ފުރާނަހުރި ޝަޚުސެއްހެން މަސައްކަތް ކުރާ ނިޒާމުތަކެއް އެކުލަވާލައި ހިންގޭ ހުރިހާ ޙަރަކާތެއްވެސް މިހާރަށްވުރެ ކުރިއަށް އޮތްތަނުގައި އިތުރަށް ފުރިހަމަވެ އިތުރަށް ރަނގަޅު ވަމުން ދާނޭ ގޮތަށް ރާވައިގެން މަސައްކަތް ކުރުމެވެ.

ރާއްޖޭގެ އޭވިއޭޝަން ސިނާޢަތަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެކަށީގެންވާ އިންސާނީ ވަޞީލަތްތައް ހޯދުމުގެ މައްސަލައެވެ. މިއީ ހަމައެކަނި ރާއްޖެއަށް ދިމާވެފައިވާ މައްސަލައެއް ނޫނެވެ. ޢާއްމުގޮތެއްގައި ހުރިހާ ޤައުމެއްގެ އޮތޯރިޓީތަކަށްވެސް މި މައްސަލައާ ކުރިމަތިލާންޖެހެއެވެ. ތަރައްޤީވަމުން އަންނަ ޤައުމުތަކުގައި މި މައްސަލަ ތަންކޮޅެއް ބޮޑުކަން ފާހަގަ ކުރެވެއެވެ. އެކަށީގެންވާ ޙައްލެއް ހޯދުމަށް ސިވިލް އޭވިއޭޝަން އޮތީރިޓީން މިހާރުވެސް ދަނީ މަސައްކަތް ކުރަމުންނެވެ. ތަފާތު ވިސްނުންތަކާއެކު ޙައްލު ހިމެނޭ މޮޑެލްތައް ދަނީ ތައްޔާރު ކުރެވެމުންނެވެ. މި ކަމާ ގުޅޭގޮތުންވެސް ސިވިލް އޭވިއޭޝަން އޮތޯރިޓީން ސަރުކާރަށް އަރުވާ ފަންނީ ލަފައާ އެއްގޮތަށް ޢަމަލު ކުރުމަކީ ސަރުކާރުގެ ސިޔާސަތުކަމުގައި ދަންނަވަމެވެ.

ފަސިންޖަރުންގެ ޙައްޤުތަކާއި އިތުބާރު ކުރުމުގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން އަބަދުމެ މަސައްކަތް ކުރަމުންދާކަމުގައި ދަންނަވަމެވެ. ފަސިންޖަރުންގެ ޙައްޤުތަކާ ބެހޭގޮތުން ތައްޔާރު ކޮށްފައިވާ ބިލު އިރާދަ ކުރެއްވިއްޔާ 2018 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެކަން ވަރަށް އުފަލާއެކު އިޢުލާން ކުރަމެވެ. އެ ބިލާއެކު މި ދާއިރާއިން ރާއްޖެއިން ޤާއިމު ކުރަމުން މިދާ ޤާނޫނީ އޮނިގަނޑަށް އިތުރު ފުރިހަމަކަން ލިބި އިތުބާރު ބޮޑުވެގެން ދާނެ ކަމާމެދަކު އަޅުގަނޑު ޝައްކެއް ނުކުރަމެވެ.

ރާއްޖޭގެ އޭވިއޭޝަން ސިނާޢަތް ކުރިއެރުވުމަށް މަސައްކަތް ކުރާ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާ ކުރަމެވެ. އޮތޯރިޓީއަށް ފަންނީ އެހީ ތެރިކަން ފޯރުކޮށްދޭ ފަރާތަތްތައްވެސް މި ޝުކުރުގައި ޝާމިލު ކުރަމެވެ. ސިނާޢަތުގެ ބައިވެރީންގެ ފަރާތުން މިދާއިރާ ކުރިއެރުވުމަށް ދެއްވާ ސަމާލު ކަމާއި އެކަމަށް ކުރާ މަސައްކަތްތަކަށް ހިތްވަރުދީ ސާބަސް ދިނުމާއެކު އެފަރާތްތަކަށްވެސް ޝުކުރު އަދާ ކުރަމެވެ.

އޭވިއޭޝަން ސިނާޢަތުގެ ބެލެނިވެރި ދައުލަތުގެ މުއައްސަސާ ސިވިލް އޭވިއޭޝަން އޮތޯރިޓީން މި ސިނާޢަތް ކުރިއެރުވުމަށް ކުރަމުންގެންދަނީ ވަރަށް އެކަށީގެންވާ މަސައްކަތްތަކެއް ކަމުގައި ސަރުކާރުން ޤަބޫލު ކުރަމެވެ. އަދި މި ދާއިރާގައި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރަމުން ގެންދަނީ އެދެވޭ ގޮތެއްގައި ކަން ފާހަގަ ކުރަމެވެ. އެހެންކަމުން ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ބޯޑު ޗެއާމަންއާއި ބޯޑު ޑިރެކްޓަރުންގެ އިތުރުން ޗީފް އެގްޒެކެޓިވް އާއި މެނޭޖްމަންޓު އަދި ޚާއްޞަކޮށް މުވައްޒަފުންނަށް މި ދުވަހުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް ފޮނުވުމާއެކު ވަރަށް ޚާއްޞަ ޝުކުރެއް އަދާކުރަމެވެ.

އެއްވެސް ޝައްކެއް ނެތް ގޮތުގައި މި ދާއިރާވެސް ކުރިއަރައި ތަރައްޤީވެ އިޤްތިޞާދީ މަންފާ އިތުރު ވެގެން މިދަނީ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ ތޫނުފިލި ވިސްނުންފުޅާއި ޙިކުމަތްތެރި ރޭވުންތެރިކަމުގެ ސަބަބަނުންނެވެ. ކުރިއަރައިދާނޭ ގޮތަށް ސިޔާސަތު ބައްޓަށް ކުރުމަށް އެމަނިކުފާނަށް ލިބިފައިވާ ތަޢުރީފު ޙައްޤު ޤާބިލުކަމުގެ ސަބަބުންނެވެ. އަދި ފަސްޖެހުމަކާ ނުލާ ތަރައްޤީގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް ގެންގުޅުއްވާ ނުގުޑާ ޢަޒުމުގެ ސަބަބުންނެވެ. އަޅުގަނޑުމެން މިދެކޭ ތަރައްޤީއާއި ތަމައްދުންގެ އިސް މޭސްތިރިއަށް ހަންހާރަވެތި ބަސްތައް ރައްދު މިކުރަކީ ޝުކުރުގެ އަތްތިލަ ބަޑިއާ އެކުގައެވެ.

އަޅުގަނޑު އެދެނީ ރާއްޖޭގެ އޭވިއޭޝަން ދާއިރާ ދުވަހެއް ދުވަހަކަށް ތަރައްޤީވެ ފުޅާވަމުން ދިއުމަށެވެ. އެކަމުގެ ފައިދާއާއި މަންފާ އެންމެހާ ދިވެހީންނަށް ފޯރަމުން ދިއުމަށެވެ. މި ދާއިރާއަށް އަދަށްވުރެ ފަހި މާދަމާއެއް މިންވަރު ކުރެއްވުން އެދި ގަދަ ކީރިތިވަންތަ ﷲ ސުބުޙާނަހޫ ވަތާޢާލާއަށް އިޚުލާސްތެރި ދުޢާ ދަންނަވަމެވެ. އާމީން!

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.