ނަޝީދާއި ލަންކާގެ ބޮޑުވަޒީރު ރިޔާސީ އިންތިޚާބާބެހޭ މަޝްވަރާތަކެއް ކުރައްވައިފި

ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމް ސިންގ އާއި ރާއްޖޭގެ ކުރީގެ ރައީސް މުޙަންމަދު ނަޝީދު ލަންކާގެ ވެރިރަށް ކޮލަމްބޯގައި ބައްދަލު ކުރައްވައިފިއެވެ.

ނަޝީދު ވަނީ ރަނިލްއާ ބައްދަލު ކުރެއްވުމަށް ފަހު ނަންގަވާފައިވާ ފޮޓޯއެއް ޓްވީޓުވެސް ކުރައްވާފައެވެ. މިބައްދަލުވުމާ ބެހޭ ގޮތުން ނަޝީދު ވިދާޅުވެފައި ވަނީ ރާއްޖޭގެ ސިޔާސީ މަސްރަހާބެހޭ ގޮތުން ދެބޭފުޅުންގެ މެދުގައި މި ބައްދަލުވުމުގައި މަޝްވަރާ ކުރެއްވި ކަމަށެވެ.

އެގޮތުން ކުރިޔަށް އޮތް ރާއްޖޭގެ ރިޔާސީ އިންތިޚާބަކީ މިނިވަން އިންސާފުވެރި އިންތިޚާބަކަށް ހެދުމަށްޓަކައި ކުރެވިދާނެ ކަންކަމާމެދު ދެބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް މަޝްވަރާގެ އިތުރު ތަފްސީލު ނުދެއްވައެވެ. މީގެ ދެތިން ދުވަސް ކުރިން ލަންޑަނުން ކޮލަމްބޯއަށް ވަޑައިގެންފައިވާ ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އެމަނިކުފާނަށް ވާދަކުރެއްވޭނެ ކަމަށެވެ. ނަޝީދު ވަނީ މީގެކުރިންވެސް އެކިފަހަރު މަތިން ރަނިލްއާ ބައްދަލު ކުރައްވާފައެވެ.

ނަޝީދުގެ މައްޗަށް ވަނީ ތޭރަ އަހަރުގެ ޖަލު ޙުކުމެއް އިއްވާފައެވެ. ޖަލުގައި ހުންނެވުމަށް ފަހު ބޭސްފަރުވާއަށް ލަންޑަނަށް ވަޑައިގެންނެވި ފަހުން އެނބުރި އަދި ރާއްޖެ ވަޑައިގެންފައި ނެތަސް ވަރަށް ގިނަފަހަރު އަވައްޓެރި ސްރީލަންކާއަށް ނަޝީދު ވަނީ ވަޑައިގެންފައެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.