ހުޅުމާލެ ފޭސް ދޭއްގައި ދެ ސުކޫލެއް އަޅަން ބިން ޙަވާލުކޮށްފި

ހުޅުމާލެ ފޭސް ދޭއްގައި ދެ ސުކޫލެއް އަޅަން ބިން ޙަވާލުކޮށްފިއެވެ.

މި ދެ ސްކޫލު އެޅުމަށް އެޑިއުކޭޝަން މިނިސްޓްރީއަށް ބިން ހަވާލުކޮށް، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، މި ރަސްމިއްޔާތު ބާއްވާފައިވަނީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ (އެޗްޑީސީ) ގައެވެ.

މި އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު ސުހައިލް އަހުމަދެވެ.

އެޑިއުކޭޝަން މިނިސްޓްރީއަށް ދޫކުރި ދެ ބިމުގެ ތެރެއިން 60720.88 އަކަފޫޓުގެ ޕްލޮޓް N5-32ގައި އަޅަނީ 1،200 ކުދިންގެ ޖާގައިގެ ސްކޫލެކެވެ. އަދި 65534.61 އަކަފޫޓުގެ ޕްލޮޓް N4-23 ގައި އަޅާނީ 1،500 ކުދިންގެ ޖާގައިގެ ސްކޫލެކެވެ.

މި ދެ ސްކޫލު އަޅަން ސޮއި ކޮށްފައިވާއިރު، އަމީން ކޮންސްޓްރަކްޝަން އަދި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ހުޅުމާލެ ފޭސް ދޭއްގައި މިހާރުވެސް ދަނީ ދެ ސްކޫލެއް އަޅަމުންނެވެ. މިއަހަރުގެ ބަޖެޓުގައިވާ ގޮތުން، މިއަހަރުގެ ތެރޭގައި ފޭސް ދޭއްގައި ހަތަރު ސްކޫލެއް އަޅަން ފަށާނެއެވެ.

މީގެ އިތުރުން ހުޅުމާލެ ފޭސް ދޭއްގައި އިންޓަރނޭޝަނަލް ސްކޫލެއް ހަދަން އައިލެންޑަރސް އެޑިއުކޭޝަންއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ އިރު، އެސްޖޭ ކޮންސްޓްރަކްޝަންއާ ހަވާލުކޮށްގެން ފޭސް ދޭއްގައި ދެ ޕްރީ ސްކޫލެއްވެސް ދަނީ އަޅަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.