ތިލަމާލޭ ބްރިޖުގެ މަސައްކަތަށް ވިލިމާލޭ ހުޅަނގު ދެކުނު ފަރާތު އެއްގަމާއި ފަޅުތެރެ ހުސްކުރަން އަންގައިފި

ތިލަމާލޭ ބްރިޖުގެ މަސައްކަތަށް ވިލިމާލޭ ހުޅަނގު ދެކުނު ފަރާތު އެއްގަމާއި ފަޅުތެރެ ހުސްކުރަން އަންގައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން މިގޮތަށް އަންގާފައިވަނީ ބުރިޖު މަސައްކަތަށް ވިލިނގިލީގެ ފަޅުތެރެއާއި އެއްގަމުން ޚާއްޞަކޮށްފައިވާ ސަރަހައްދު ވަކިކުރުމަށް ފެންސް ޖެހުމުގެ މަސައްކަތް ފަށާފައިވާތީއެވެ.

"އެސަރަހައްދަށް އަރާގޮތަށް އެ ސަރަހައްދުގެ އެއްގަމާއި، ފަޅުތެރޭގައި އަޅާފައިހުރި އުޅަނދުތައް އެ އުޅަނދުތަކުގެ ވެރިފަރާތްތަކުން ނުވަތަ އުޅަނދުތައް ބެލެހެއްޓުމާއި ހަވާލުވެ ތިބި ފަރާތްތަކުން ނެގުމަށް އަންގަމެވެ." މާލޭ ސިޓީ ކައުންސިލުން ބުންޏެވެ.

އެ ސަރަހައްދުން ނަގާ އުޅަނގުތައް ބަދަލުކުރުމަށް ސިޓީ ކައުންސިލުން ވަކި ސަރަހައްދެއް ކަނޑައަޅާފައިވާއިރު، އެ ސަރަހައްދަށް އުޅަނދުތައް ބަދަލު ކުރުމަށް އަންނަ އަންގާރަ ދުވަހުގެ ހަވީރު 6:00ގެ ނިޔަލަށް ވަނީ މުއްދަތު ދީފައެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ އެ މުއްދަތުގެ ތެރޭގައި ތިލަމާލެ ބުރިޖުގެ މަސައްކަތްތަކަށް ދަތިވާގޮތަށް އެ ސަރަހައްދުން ނުނަގާހުރި ހުރިހާ އުޅަނދެއް ސިޓީ ކައުންސިލުން ނަގާ އުޅަނދުފަހަރު ބަހައްޓަން ކަނޑައަޅާފައިވާ ސަރަހައްދަށް ބަދަލުކުރާނެ ކަމަށެވެ.

އެފަދަ އުޅަނދުފަހަރު ނެގުމުގެ ތެރޭގައި އަދި ނެގުމަށް ފަހު އުޅަނދާއި އުޅަނދުގައިވާ ތަކެއްޗަށް ލިބޭ ގެއްލުމާއި، އުނިއިތުރަށް އެ ކައުންސިލުން ޒިންމާ ނުވާނެކަމަށް ވެސް މާލޭ ސިޓީ ކައުންސިލުން ބުނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.