ފ.ނިލަންދޫގައި މިއަހަރުގެ ދިވެހި ބަހުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޚާއްޞަ އެސެމްބްލީއެއް ބާއްވައިފިއެވެ. މިއީ ފ.އަތޮޅު ކައުންސިލާއި ފ.އަތޮޅު ޕޮލިސްއާއި ނިލަންދޫގައިހުރި އެހެނިހެން މުއައްސަސާތައް ގުޅިގެން ކުރިއަށް ގެންދިޔަ އެސެމްބްލީއެކެވެ.
ފ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ކުރިއަށް ގެންދިޔަ މިޙަރަކާތް ޝަރަފްވެރި ކޮށްދެއްވީ ފ. ނިލަންދޫ / ފައުނު ، މުޙައްމަދު ފަރީދުއެވެ. މުޙައްމަދު ފަރީދުއަކީ ފ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އެސިސްޓެންޓް ހެޑްމާސްޓަރެއްގޮތުގައި ގިނަދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވުމަށްފަހު މިހާރު ރިޓަޔަރ ކުރައްވާފައިވާ ބޭފުޅެކެވެ.
މުޙައްމަދު ފަރީދުގެ އެންމެ ޚާއްޞަ އެއް މަސައްކަތަކީ ނިލަންދޫ ތާރީޚު ދިރާސާކޮށް ނިލަންދޫއާއި ބެހޭ ގޮތުން މުހިންމު މަޢުލޫމާތުތަކެއް ހިމަނައިގެން ފޮތެއް ތައްޔާރުކޮށް އެފޮތް ވުޖޫދަށް ގެނައުމަށް ކުރެއްވި ބުރަ މަސައްކަތެވެ. ރޭގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވުމުގެ ގޮތުން ފަރީދު ދެއްކެވި ވާހަކަ ފުޅުގައި މިފަދަ މުހިންމު ދުވަހެއް ރަސްމީ ޞިފައެއްގައި ފާހަގަކުރަމުން ގެންދާކަމީ އަންނަން އޮތް ޖީލުތަކަށް އަޅުގަނޑުމެންގެ މިދިވެހިބަސް އެންމެ ރަނގަޅު ގޮތުގައި ފޯރުކޮށްދިނުމަށް ކުރެވޭ ވަރަށް މުހިންމު މަސައްކަތެއްކަމުގައި ފާހަގަ ކުރެއްވިއެވެ.
ހަމައެހެންމެ ދިވެހި ބަހުގެ އުސްތާޛުން ބަސްކުރިއެރުވުމަށްޓަކައި ކުރައްވަމުންގެންދަވާ މަސައްކަތްތަކުގައި ކުލަޖެހިގެންދާނީ ޅަދަރިންނަށް އެބަސްތައް ދަސްކޮށްދެވިގެން ކަމަށާއި މިކަމަށްޓަކައި ތަޢުލީމީ މަންހަޖުގެތެރެއިން ޚާއްޞަ މަސައްކަތްތަކެއް ކުރެވިދާނެ ކަމަށްވެސް ފާހަގަ ކުރެއްވިއެވެ. ޝަރަފްވެރި މެހެމާނުގެ ވާހަކައިގައި ފަހުން އުފެދިގެން އައި ބައެއް ބަސްތަކަށްވެސް އަލިއަޅުއްވާ ލެއްވިއެވެ.
އެގޮތުން ރާއްޖޭގައި އަލަށް ބިނާކުރެވުނު ބްރިޖާއި ގުޅިގެން ރީތި ދިވެހިބަހެއް އުފެދިގެން ދިޔަ ކަމަށާއި އެގޮތުން "ދާލަން" މިއީ ވަރަށްވެސް ރީތި ނަމެއްކަމަށް ޤަބޫލުފުޅު ކުރައްވާކަމަށް ވިދާޅުވިއެވެ. މިބަސް އައިސްފައިމިވަނީ ފާލަން މިލަފްޒާއި ގުޅިގެން ކަމަށާއި ފާލަމަކީ ރަށްރަށަށް އަރާ ފޭބުމަށާއި މުދާ އަރުވާ ބޭލުމަށް އެއްކޮޅު ރަށާއި ގުޅިފައިވާ ތަނަކަށް ކިޔާ ނަމެއްކަމަށާއި އެގޮތުން ދާލަން އަކީ އެއްރަށުން އަނެއް ރަށަށް ދިއުމަށް ބޭނުންކުރާ ދެކޮޅުންވެސް ރަށާއި ގުޅިފައިވާ ތަނަކަށް ކިޔާނަމެއްކަމަށް ފާހަގަ ކުރެއްވިއެވެ.
މިއެސެމްބްލީގައި ޚާއްޞަ ކަންތައްތަކެއް ހިމެނިގެން ދިޔައިރު ފ. އަތޮޅު ޕޮލިސް އިން ވަނީ ދިވެހި ބަހާއި ބެހޭ ގޮތުން ވަރަށް ޢިލްމީ ވާހަކަތަކެއް ހިމަނައިގެން ތައްޔާރުކޮށްފައިވާ ޕްރެޒެންޓޭޝަނެއް ހުށަހަޅާ ދީފައެވެ. މިޕްރެޒެންޓޭޝަން ހުށަހަޅާ ދެއްވީ ނިލަންދޫ ޕޮލިސްގެ އިންޗާރޖް ސަބްއިންސްޕެކްޓަރ އޮފް ޕޮލިސް އަޙުމަދު ޝަފީޢު ނަޢީމެވެ. މިޕްރެޒެންޓޭޝަނުގައި ވާހަކަ ދެއްކުމުގެ މިންގަނޑުތަކާއި އުޞޫލުތަކުގެ އިތުރުން މުޢާމަލާތާއި މުވާޞަލާތު ކުރުމަކީ ކޮބާކަން ބަޔާންކޮށްދެއްވާ އަލިއަޅުއްވާލެއްވިއެވެ. މިގޮތުން ބަހުގެ މާހިރުން ވިދާޅުވެފައިވާ މުހިންމު ބަސްތަކަށްވެސް އަލިއަޅުއްވާލެއްވިއެވެ. އަދި ދޭދޭ ދެމީހަކު ވާހަކަ ދައްކާއިރު ދެފަރާތުންވެސް ވިސްނުން ބަހައްޓަންވީ ކަންތަކަކަށްވެސް ބައްލަވާލެއެވިއެވެ.
ފ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންވެސްވަނީ ވަރަށް މުހިންމު ޙަރަކާތެއް ހުށަހަޅާ ދީފައެވެ. އެގޮތުން ދިވެހި ބަހުގެ ބަސްކޮމެޓީގެ މުހިންމު ޖަލްސާއެއް ބާއްވާ އަލަށް އުފެދިފައިވާ ބަސްތަކާއި އެބަސްތައް ބޭނުންކުރުމުގެ މުހިންމު ކަމާއި ބެހޭ ގޮތުން ދަރިވަރުންވަނީ ބަސްކޮމެޓީގައި ފުޅާ ދާއިރާއެއްގައި ވާހަކަ ދައްކާފައެވެ. މިގޮތުން ދަރިވަރުން މަޝްވަރާ ކުރި ބަސްތަކުގެ ތެރޭގައި ފަންނިއްޔާތު، ދާލަން، ނަފްސީ، ވޭދަނަ، ފައްސި، ނައްސި، ދޮވަތި، މަހާސިންތާ، ފުރަދާރު ފަދަ ބަސްތަކާއި ބެހޭ ގޮތުން މަޝްވަރާކޮށްފައިވެއެވެ.
ނިލަންދޫގެ ގިނަ ޢަދަދަދެއްގެ ރައްޔިތުން ބައިވެރިވި މިއެސެމްބްލީގައި ހުރިހާ އެންމެންގެ ލޭކައްކުވާލާފަދަ އައިޓަމެއް ހުށަހަޅާދިނީ ފ.އަތޮޅު ހޮސްޕިޓަލުންނެވެ. އެގޮތުން ހޮސްޕިޓަލުން ހުށަހަޅައިދިން އައިޓަމްގެ ތެރޭގައި އަންބާ ކިއުމާއި ރައިވަރު ކިއުމާއި ލަވަކިއުމާއި ޅެންބައިތު ކިއުމާއި ފަރިހި ހުށަހަޅައި ދީފައިވެއެވެ. މިބައިބައި ހުށަހަޅައިދިނީ ނިލަންދޫގައި ތިބި މިކަމުގެ ފަންނު ވެރިންނެވެ.
އެސެމްބްލީ ނިންމާލުމުގެ ގޮތުން މިޙަރަކާތް ރޭވުމުގެ އެންމެ އިސްފަރާތް ކަމުގައިވާ ފ.އަތޮޅު ކައުންސިލްގެ ރައީސް ޢަލީ މުޙައްމަދު ވެސް ވަނީ ބައިވެރިންނާއި މުޚާޠަބުކޮށް ދިވެހި ބަސްބޭނުން ކުރުމުގައި ސަމާލުކަން ދޭންވީ ބައެއް ކަންކަމަށް އަލިއަޅުއްވާލާ ވާހަކަ ދައްކަވާފައެވެ.
އެގޮތުން މިއަދު މުޖުތަމަޢުގައި ދިވެހި ބަހަށް ދެވިފައިވާ ޤަދަރު ވަރަށްބޮޑަށް ކުޑަވެގެން ގޮސްފައިވާ ކަމަށާއި މުޖުތަމަޢުގައި ދިރިއުޅޭ ދިވެހިން ނޫން އެހެން މީސްމީހުން ދިވެހި ބަހުން ވާހަކަ ދައްކާއިރު ބަސްބަސް ބޭނުން ކުރަމުންދާ ގޮތަށް ދިވެހިންވެސް ބަސްތައް ބޭނުން ކުރަމުންދާކަން ފާހަގަ ކުރައްވައި މިކަމުން ދުރުހެލިވެ އެންމެ ގުޅިގެން މުއްސަދި ބަހެއް ގޮތުގައި އޮތް ދިވެހިބަސް ރަނގަޅު ގޮތުގައި ބޭނުން ކުރުމަށް މަސައްކަތް ކުރުމަށް އިލްތިމާސް ކުރެއްވިއެވެ.