ޗައިނާއާއެކު ރާއްޖެއިން ހަދާ މިނިވަން ވިޔަފާރީގެ އެއްބަސްވުމާހެދި ރާއްޖެއާ އެންމެ އަވައްޓެރި ސްރީލަންކާ އާއި އިންޑިޔާއާއެކު ރާއްޖެއިން އުފައްދާފައިވާ ގުޅުމަށް އެއްވެސް ވަރެއްގެ ހީނަރުކަމެއް ނާންނާނެ ކަމަށް ރާއްޖޭގެ ފަރާތުން މިއަދު ބުނެފިއެވެ.
ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި ހުންނަ ދިވެހި އެމްބަސީގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެގައި ބަންޑާރަ ނައިބު އަނިލް އާއި ފިޝަރީޒް މިނިސްޓަރ ޑރ ޝައިނީގެ އިތުރުން ރާއްޖެއިން ކޮޅުނބަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙަންމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެފައި ވަނީ ޗައިނާއާއެކު އެކުލަވާލާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ ލަންކާ އާއި އިންޑިޔާއަށް އޭގެ ސަބަބުން އެއްވެސް ގެއްލުމެއް އޮންނާނެ އެއްޗެއް ނޫން ކަމަށެވެ.
މިބައްދަލުވުމުގައި އެބޭފުޅުން ވިދާޅުވީ ޗައިނާއާއެކު ކުރަން އުޅޭ ފްރީ ޓްރޭޑްގެ މުއާމަލާތަކީ ހަމައެކަނި ވިޔަފާރީގެ އެއްބަސްވުމެއް ކަމަށެވެ. އެބޭފުޅުން ވިދާޅުވެފައި ވަނީ މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ވަރަށްގިނަ ސިނާއަތްތަކަށް ފައިދާވާނެ ކަމަށެވެ. ޚާއްސަކޮށް މަސްވެރިކަމުގެ ސިނާއަތަށް ރަނގަޅު ކުރިއެރުމެއް އަންނާނެ ކަމަށް ފިޝަރީޒް މިނިސްޓަރ ޑރ ޝައިނީ ވިދާޅުވިއެވެ.
ސަރުކާރުން ބުނަމުން ދަނީ ޗައިނާއާއެކު އެކުލަވާލާ މިނިވަން ވިޔަފާރީގެ އެއްބަސްވުމާއެކު ޗައިނާއަށްވުރެ ބޮޑަށް ފައިދާ ކުރާނީ ރާއްޖޭގެ އިގްތިސޯދަށް ކަމަށާއި މިކަމަކީ ރާއްޖެއަށް ދެރައެއް އޮތް ކަމެއްނޫން ކަމަށެވެ. ޗައިނާއާއެކު މިނިވަން ވިޔަފަރީގެ އެއްބަސްވުމެއް އެކުލަވާލަން ކެބިނެޓުން ނިންމި ނިންމުމަށް ރައްޔިތުންގެ މަޖިލީހުންވެސް މިހާރު ވަނީ ރުހުން ދީފައެވެ.