ޗައިނާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއި ކޮށްގެން ނުވާނެ ކަމަށާއި މަޖިލީހުން އެކަމަށް ރުހުންދޭން ފާސް ކޮށްފައި ވަނީވެސް މަޖިލީހުގެ އިޖުރާއަތުތަކާވެސް ޚިލާފަށް ކަމަށް ޖުމްހޫރީ ޕާޓީން ބުނެފިއެވެ.
ޖުމްހޫރީ ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ފްރީ ޓްރޭޑް އެއްބަސްވުމަށް ރުހުން ދިނުމަށް މަޖިލީހުގައި ވޯޓު ލާފައި ވަނީ އެފަދަ އެއްބަސްވުމެއް މަޖިލީހުން ފާސްކުރަން ބޭނުންވާ އަދަދަށް މެމްބަރުންވެސް މަޖިލީހުގައި ނެތި ކަމަށެވެ. އަދި އެއްބަސްވުން ސަރުކާރުން އަވަސް އަރުވާލައިގެން މަޖިލީހަށް ވައްދައި ގަވައިދާ ޚިލާފަށް ފާސްކޮށް ނިންމާލިއިރު އެއްބަސްވުމުގައި ފޮރުވިފައިވާ ގިނަ ސިއްރު ހިމެނޭ ކަމަށްވެސް ޖޭޕީން ވަނީ ބުނެފައެވެ. އެހެންވެ އެއްބަސްވުމަށް މަޖިލީހުން ރުހުން ދިނުމަށް އެދުވަހު ނެގި ވޯޓަކީވެސް ބާތިލް ވޯޓެއް ކަމަށް ޖޭޕީން ވަނީ ބުނެފައެވެ.
ޖޭޕީން ބުނެފައި ވަނީ ވޯޓަކަށް ދިޔައިރު އެގްރީމެންޓުގައިވާ ތަފްސީލު މަޖިލީހުގެ އިދިކޮޅު މެމްބަރުންނަށް ސަރުކާރުން ޙިއްސާ ކޮށްފައިނުވާ ކަމަށާއި އެ އެއްބަސްވުމުގެ ސަބަބުން ބޮޑެތި ފިޔަފާރި ތަކުގެ އިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށްވެސް ބޮޑެތި ގެއްލުންތަކެއް ވެގެންދާނެ އެވެ. އެހެންކަމުން މި އެއްބަސްވުމުގައި ސޮއި ނުކުރަން ޗައިނާއަށްވެސް ޖޭޕީން ވަނީ ގޮވާލާފައެވެ.