މި ސަރުކާރުގެ ސިޔާސަތަކީ ސަރުކާރުން ހިންގާ ހުރިހާ މަޝްރޫޢުތަކެއް އާބާދީ ބޮޑު ސަރަޙައްދުތަކުގައި ހިންގުން: އަލްއުސްތާޛް މުޙައްމަދު އަނީލް

މި ސަރުކާރުގެ ސިޔާސަތަކީ މާލެ ފިޔަވާ ޚާއްސަކޮށް އާބާދީ ބޮޑު ސަރަޙައްދުތަކުގައި ސަރުކާރުގެ ފަރާތުން ހިންގާ ހުރިހާ މަޝްރޫޢުތަކެއް ހިންގުން ކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްމިކް އެފެއާޒް އަލްއުސްތާޛް މުޙައްމަދު އަނީލް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ކުޅުދުއްފުށީ ސިޓީގައި ރޭ ކުރިއަށް ގެންދިޔަ އިޙްޔާ ފޯރަމްގައި ވާހަކަ ދައްކަވަމުންނެވެ. މިއީ މާލެއިން ބޭރުގައި އިޙްޔާ ފޯރަމް ކުރިއަށް ގެންދިޔަ ފުރަތަމަ ފަހަރެވެ.

ސްޓޭޓް މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ތަރައްޤީގެ މަޝްރޫޢުތައްކަމުގައިވިޔަސް އަދި އިންސާނުން ބިނާކޮށް ޚާއްސަކޮށް ހޭލުންތެރިކަމުގެ މިފަދަ މަޝްރޫޢުތައްކަމުގައިވިޔަސް ފޯރުކޮށްދިނުން އެއީ ސަރުކާރުގެ ސިޔާސަތެއްކަމަށެވެ.

އެގޮތުން މާލޭގައި މި ފޯރަމް ބާއްވާގޮތަށް ކުޅުދުއްފުށީ ސިޓީގައި ވެސް މި ފޯރަމް ބޭއްވިގެން ދިޔަކަމީ ކުރިއަށް އެޅިގެން ދިޔަ ފިޔަވަޅެއްކަމަށް އޭނާ ވިދާޅުވިއެވެ.

ރޭގެ އިޙްޔާ ފޯރަމުގައި އެ ސިޓީގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެފައިވާތީއާއި އެސިޓީން މިނިސްޓްރީއަށް ދެއްވި އެއްބާރުލުމަށްޓަކައި ޝުކުރުއަދާކުރައްވަމުން ސްޓޭޓް މިނިސްޓަރ އަނީލް ވިދާޅުވީ މީގެ ކުރިން ރާއްޖޭގައި މިފަދަ ދީނީ ޕްރޮގްރާމްތައް ކުރިއަށްގެންދާއިރު ފެންނަ މަންޒަރަށް ބަލާއިރު ރޭގެ ފޯރަމުގައި އެހާ ގިނަ ބަޔަކު ބައިވެރިވާނެކަމަށް އުންމީދު ނުކުރައްވާ ކަމަށެވެ. އަދި ކުޅުދުއްފުށީ ސިޓީން ދެއްކީ ވަރަށް ރީތި ނަމޫނާއެއް ކަމަށެވެ.

މި ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވާ އެހެން ސިޓީތަކާއި ރަށްތަކުގެ ރައްޔިތުން ކުޅުދުއްފުށީ ސިޓީ ނަމޫނާއަކަށް ދެކިގެން އިޙްޔާ ފޯރަމްތަކުގައި ބައިވެރިވާނެކަމަށް އުންމީދުކުރައްވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރުމަށް ކުރިއަށް ގެންދާ އިޙްޔާ ފޯރަމް މާލެ ފިޔަވައި ތިން ސިޓީއާއި އިސްލާމީ މަރުކަޒުތައް ހުންނަ ދެ ރަށެއްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ފޯރަމްގައި ގުރުއަތުލުން ވެސް ކުރިއަށްދާނީ މާލޭގެ ފޯރަމްތަކުގައި ވެސް ކުރިއަށްދާ ފަދައިން ކަމަށާއި ރާއްޖޭގެ ފަސް ސަރަހައްދުގައި ބޭއްވޭ ފޯރަމްތަކާއި މާލޭގައި ބޭއްވޭ ފޯރަމްތަކުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތްތަކުގެ ތެރެއިން އެއްވަނަ އަށް ދާ ފަރާތަކަށް ޢުމްރާ ދަތުރެއްދިނުމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު އަލީ ވަނީ އިޢުލާން ކުރައްވާފައެވެ. އަދި ދެވަނައަށްދާ ފަރާތަކަށް އަގުބޮޑު ފޯނެއް ދިނުމަށް ހަމަޖެހިފައިވާއިރު، ތިން ވަނައަށް ދާ ފަރާތަކަށް ރަނގަޅު ފެންވަރުގެ ޓީވީއެއް ލިބޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މިނިސްޓަރ އޮފް ސްޓޭޓް އަނީލް ވިދާޅުވީ ގުރުއަތުލުން ކުރިއަށް ގެންދާނީ މާލެއާއި އަތޮޅުތައް ވަކިން ކަމަށާއި އެއީ ގިނަ ބަޔަކަށް އިނާމު ލިބުމުގެ ފުރުސަތު ފަހިކޮށްދިނުމަށްޓަކައި ކަމަށެވެ.

މިފަދަ އިނާމުތައް ދިނުމުގެ މަޤްސަދަކީ އިޙްޔާ ފޯރަމްފަދަ މުހިންމު ދީނީ މަޢުލޫމާތުތައް ފޯރުކޮށްދޭ ޖަލްސާތަކުގައި ގިނަބަޔަކު ބައިވެރިވާން ހިތްވަރު ދިނުންކަމަށް ވެސް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓްރީގެ ސިޔާސަތަކީ ރާއްޖޭގެ އެކި ހިސާބުތަކުގައި ލާމަރުކަޒީކޮށް ޚިދުމަތްތައް ދިނުން ކަމަށާއި ކައުންސިލާއި ވަރަށް ގާތުން މިނިސްޓްރީން މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ވެސް މިނިސްޓަރ އޮފް ސްޓޭޓް އަނީލް ރޭ ވަނީ ދެއްވާފައެވެ.

މާލެ ފިޔަވާ ސިޓީތަކުގައި އިޙްޔާ ޕްރޮގްރާމް ހިންގުމަކީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީގެ އިސްނެންގެވުމުގެ މަތިން ކުރިއަށް ގެންދާ ކަމެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.