މަރުވާނެކަމުގެ ޔަޤީންކަމާއި، އެކަމަށް ތައްޔާރުވުމުގެ މުހިއްމުކަން

ފުރާނަލައި ހެއްދެވި ކޮންމެ މަޚްލޫޤަކު މަރުގެ ރަހަދެކޭނެކަމީ ކުޑަވެސް ޝައްކެއް އެކަމުގައިވާ ކަމެއްނޫނެވެ. މީސްތަކުންނަށް އެނގިފައިނުވާ ކަމަކީ މަރު އެ މީހަކާ ބައްދަލުކުރާނެ ވަގުތެކެވެ. اللهُ ވަޙީކުރައްވާފައިވެއެވެ. { كُلُّ نَفْسٍ ذَائِقَةُ الْمَوْتِ وَإِنَّمَا تُوَفَّوْنَ أُجُورَكُمْ يَوْمَ الْقِيَامَةِ فَمَنْ زُحْزِحَ عَنِ النَّارِ وَأُدْخِلَ الْجَنَّةَ فَقَدْ فَازَ وَمَا الْحَيَاةُ الدُّنْيَا إِلَّا مَتَاعُ الْغُرُورِ} (آل عمران: 185) މާނައީ: {ކޮންމެ ނަފްސަކީވެސް، މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެކެވެ. އަދި، (ތިޔަބައިމީހުން ކުޅަ ޢަމަލުތަކަށް) ތިޔަބައިމީހުންނަށް ފުރިހަމަޔަށް ޖަޒާ ދެއްވާނެކަން ކަށަވަރީ، ޤިޔާމަތްދުވަހުންނެވެ. ފަހެ، ނަރަކައިން އެއްކިބާކުރައްވައި، ސުވަރުގެޔަށް ވެއްދެވި މީހާ (ދަންނާށެވެ!) ފަހެ، އެމީހަކު ނަސީބުލިބިގެންފިކަން ކަށަވަރެވެ. ކެހިވެރިކަމުގެ ވަގުތީ އުފަލެއް ދޭ އެއްޗެއްކަމުގައި މެނުވީ، ދުނިޔޭގެ ދިރިއުޅުން ނުވެއެވެ.}

اللهُ އަށް އީމާންނުވާ ބައެއްމީހުން ހީކުރާފަދައިން، މަރުވުމަކީ އެމީހެއްގެ ކަންތައްތައް އެހިސާބުން ނިމުމަކަށްއަންނަ ކަމެއްނޫނެވެ. އެހެނެއްކަމަކު މި ދުނިޔޭގައި މީހާގެ ޢަމަލުތައްހުރި ގޮތެއްގެ މައްޗަށް ބަރުޒަޚުގެ ޢާލަމުގައި އެ މީހަކާމެދު މުޢާމަލާ ކުރެވެމުން ދާހުއްޓެވެ. އަންނަނިވި ޙަދީޘުގައި ވާފަދައިންނެވެ. قَالَ رَسُولُ اللهِ صَلَى اللَّهُ عَلَيهِ وَسَلَّمَ: {إِنَّ أَحَدَكُمْ إِذَا مَاتَ عُرِضَ عَلَيْهِ مَقْعَدُهُ بِالْغَدَاةِ وَالْعَشِيِّ، إِنْ كَانَ مِنْ أَهْلِ الْجَنَّةِ فَمِنْ أَهْلِ الْجَنَّةِ، وَإِنْ كَانَ مِنْ أَهْلِ النَّارِ فَمِنْ أَهْلِ النَّارِ، يُقَالُ: هَذَا مَقْعَدُكَ، حَتَّى يَبْعَثَكَ اللهُ إِلَيْهِ يَوْمَ الْقِيَامَةِ.} (مُتَّفَقٌ عَلَيهِ) މާނައީ: ރަސޫލު اللَّهِ صَلَى اللَّهُ عَلَيهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. {ހަމަކަށަވަރުން، ތިޔަބައިމީހުންކުރެ މީހަކު މަރުވުމުން އޭނާއަށް ޙައްޤުވެގެންވާ ތަން ހެނދުނާއި ހަވީރު ހުށަހަޅުއްވައި ދައްކަވަމުން ގެންދަވާހުއްޓެވެ. އޭނާއީ ސުވަރުގެވަންތަ ވެރިޔަކުނަމަ، ސުވަރުގެއިން އޭނާއަށް ލިބެނިވި ތަނެވެ. އަދި އޭނާއީ ނަރަކަވަންތަ ވެރިޔަކުނަމަ ނަރަކައިން އޭނާގެ މަޤާމެވެ. އޭނާއަށް ބުނެވޭހުއްޓެވެ. މިއީ ކަލެއަށް ޙައްޤުވެގެންވާ ތަނެވެ. ޤިޔާމަތްދުވަހު ތިބާ اللهُގެ ޙަޟުރަތަށް މަޙުޝަރު ކުރައްވައިފުމަށްދާނދެން މިކަން މިގޮތުގައި ހިނގަމުންދާހުއްޓެވެ.}

اللهُތަޢާލާ އަޅަމެންގެ ޢަމަލުތައް އިޞްލާޙުކުރުމުގެ ތައުފީޤު ދެއްވައި ކަށްވަޅުގެ ޢަޛާބާއި ނަރަކައިގެ ޢަޛާބުން އަޅަމެން މިންޖުކުރައްވާށިއެވެ. އާމީން!

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.