ފަޅިމޫނު - 155

(31 މާރިޗު 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"ދާން ތިޔަ އުޅެނީ ކޮން ތަނަކަށް؟"

"ދެން ދާނީ ވަކިން ކޮން ތަނަކަށްތޯ؟ އަޅުގަނޑުގެ މަގަށް ތިޔަ ހުރަސް އެޅުއްވީ ނޫންތޯ؟ މާދަމާ ހެނދުނު ބަލާނީ. މި ތަނަކީ އަޅުގަނޑުގެ ދަރިފުޅަށް ގެއްލުމެއް ނުވާނޭ ކަހަލަ ތަނެއް ވިއްޔާ މި ތާނގައި މަޑުކުރާނީ."

އިންސްޕެކްޓަރު ގޮނޑީގައި އިށީނދެފައި ބުނެލިއެވެ. "ހޫނ... އެހެންވީމާ ކަލޭ ރޭލުން ބޭލުމަކީ އަހަރެން ކުރި ނުބައި ކަމަކަށް ނުވިތާ. ނިންމައިގެން ތިޔަހަރީ ދިމާވީ ކޮންމެ ތަނެއްގައި ޖާގަ ޖަހާ ގޮތަށް ބަލައިގެންނެއްނު؟ ރަނގަޅު ގޮތަކީ ކަލޭ އަހަންނަށް ފެންނަ ފަށުގައި ހުރުން. ބޭނިއްމާ މިތާނގައި ކަލެއަށް އުޅެވޭނޭ ގޮތް އަހަރެން ހަދައިދީފާނަން. އަތުގައި ފައިސާ އެބަހުރިތަ؟"

"ﷲ ގެ ރަޙްމަތްފުޅުން އަޅުގަނޑަކީ އާމްދަނީ ހޯދައިގެން ކައިގެން ބޮއިގެން އުޅޭ މީހަކީން. ކުރާ މަސައްކަތަކީ ކުލީކާރު ދުއްވުން. މިހާރުވެސް އަތުގައި ދެހާސް ރުފިޔާ އެބައޮތް. މިޔަށްވުރެ އިތުރަށް ބޭނުން ވެއްޖެއްޔާ ކަރާޗީއަށް ގޮސް ފައިސާ ހިފައިގެން އަތުވެދާނަން. ރަށުގައި މިހާރުވެސް މީހަކު އަޅުގަނޑުގެ ކާރު ދުއްވާނެ."

އިންސްޕެކްޓަރު އެހެން މީހަކަށް ގޮވައިލިއެވެ. "އާދަނާ..."

ބޭރުން ގޮވައިލީ އަޑު އިވުނެވެ. "އާދެ... އާދެ... މި އަންނަނީ."

މާ ގިނަ އިރުތަކެއް ނުވެ ފުލުހުންގެ މީހަކު އައިސް އެތެރެއަށް ވަދެއްޖެއެވެ.

އިންސްޕެކްޓަރު ބުންޏެވެ. "ކަލޭގެ ގޭގައި ކުއްޔަށް ދޭ ކޮޓަރިއެއް އެބަހުއްޓެއްނު؟ މިއީ ރަނގަޅު މީހެއް ކަމަށް ފެނޭ. މީނާއަށް އެ ކޮޓަރި ކުއްޔަށް ދީ."

"އާދެ. ވިދާޅު ގޮތެއް."

އިންސްޕެކްޓަރު ބާދްޝާއާ މުޚާތަބުކޮށް ބުންޏެވެ. " އަހަރެން މި އުޅެނީ އޮފީހުގެ ކަމެއްގައި ކަރާޗީއަށް ދާން. ކަލޭގެ އެޑްރެސް އަހަންނަށް ދީ. ކަލެޔާ ބެހޭ ތަހުގީގެއް ކުރަން އަހަރެން ބޭނުން. ތަހުގީގު ނިމެންދެން ކަލޭ ހުންނާނީ މި އާދަނުގެ ބެލުމުގެ ދަށުގައި އެ ގޭގައި."

ބާދްޝާ ބުނެލިއެވެ. "އާދެ. ވަރަށް ހެޔޮފުޅު."

އިންސްޕެކްޓަރު ބުންޏެވެ. "އަހަރެން މި ބުނާ ގޮތަށް ހެދީމާ ފައިދާ ވާނީ ކަލެއަށް. އެއް ކަމަކަށް ކަލޭ ހުންނާނެ ތަނެއްގެ މައްސަލަ ހައްލުވީ. އާދަނުގެ ގޭގައި އޭނާގެ އަނބިދަރިންނާއި މުސްކުޅި މަންމަ އުޅޭނެ. ކަލޭގެ ދަރިފުޅު ބަލަހައްޓާނޭ ބަޔަކުވެސް ވީ."

"އާދެ. އަޅުގަނޑު، އަޅުގަނޑުގެ ބަފައިބެގެ ގެއާއި އަޅުގަނޑުގެ ގޭގެ އެޑްރެސް އަރުވާނަން. ގަރާޖުގެ އެޑްރެސްވެސް އަރުވާނަން. އަޅުގަނޑުގެ ކާރު އޮންނާނީ އެ ގަރާޖުގެ ވެރިމީހާގެ ބެލުމުގެ ދަށުގައި. އެކަމަކު އެތަނުން އެކަކު ގާތުވެސް އަޅުގަނޑު އުޅޭ ތަނެއްގެ ވާހަކަ ވިދާޅުނުވުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް."

"ކަލޭ އެ މީހުންނަށް ފިލައިގެން އުޅެން ބޭނުން ވަނީ ކީއްވެގެން؟"

"އަޅުގަނޑުގެ މައިދައިތަ މި ތަނަށް އަތުވެއްޖެއްޔާ ދަރިފުޅު އަތުލަން ވެގެން އަޅުގަނޑާ އަރައިރުންވާނެ. ދަރިފުޅުގެ މަންމަ ލަންޑަނުން އެނބުރި އަންނަންދެން މި ދަރިފުޅުގެ ބެލެނިވެރިއަކީ އަޅުގަނޑު. އެހެން މީހަކުގެ ބެލުމުގެ ދަށުގައި ބާއްވާކަށް ބޭނުމެއް ނޫން."

"މަންމަ އެނބުރި އައީމާ ހަދާނީ ކިހިނެއް؟"

"އަޅުގަނޑު އޭނާ..." މިހައިތަނަށް ބުނެފައި ބާދްޝާ ހުއްޓައިލިއެވެ. އޭނާ ބޭނުން ވަނީ ވަރިކޮށްލާފައި ދަރިފުޅު އަތުލަން ކޯޓަށް ދާނަމޭ ބުނާށެވެ.

އެކަމަކު އޭނާއަކަށް އެ ވާހަކަ ފުރިހަމައެއް ނުކުރެވުނެވެ. އެ ވަގުތު އޭނާގެ ކުރިމަތީގައި ސިފަ ވެގެން ދިޔައީ ފަރުޒާނާއެވެ. އޭނާ ކުރި އާދޭހެވެ. "ޖާނީ. އަންނަ ރުޅިއާއި ހިލިގަންނަ ޖޯޝަކާއެކީ ރުޚްސާނާ ވަރި ނުކުރާތި. އޭނާ އެނބުރި އަންނަންދެން އިންތިޒާރު ކުރޭ. އޭނާ އެނބުރި އައިސް އޭނާގެ ދިފާއުގައި ދައްކާ ވާހަކައިގެ ސަބަބުން ޖާނީގެ ކުށްހީ ފޮހެވިގެން ހިނގައިދާނެ."

ދެން ސިފަ ވެގެން ދިޔައީ ރުޚްސާނާއެވެ. އޭނާ ބުނަނީއެވެ. "ޖާނީ. ﷲ އަށްޓަކައި ބުނަން. އަހަރެންގެ ވަފާތެރިކަމާއި ޚިދުމަތުގެ އަގު ވަޒަންކުރާތި. އަހަންނަށް އިންތިޒާރު ކުރާތި."

އިންސްޕެކްޓަރު އަހައިލިއެވެ. "ބުނަން އުޅުނު ވާހަކަ ނުބުނެ ހުއްޓައިލީ ކީއްވެގެން؟"

އޭނާ ސިހިފައި ބުނެލިއެވެ. "އަޅުގަނޑު ދަންނަވަން އުޅުނީ ދަރިފުޅުގެ މަންމަ އެނބުރި އައީމާ އޭނާޔާއެކު ދިރިއުޅޭނީތޯ ނޫންތޯ ނިންމާނީއޭ. ދެން އޮންނާނީ ދަރިފުޅުގެ މައްސަލަ. އެ މައްސަލަ ނިންމާނީ ކޯޓުން ނޫންތޯ؟ މި ވަގުތު މި ދަރިފުޅުގެ ހައްގުވެރިއަކީ އަޅުގަނޑު. ދަރިފުޅުގެ މާމައާއި ކާފައަށް އަޅުގަނޑު އުޅޭ ތަނެއް ނާންގަވާށޭ ދެންނެވީ އެހެން ވެގެން."

އިންސްޕެކްޓަރު އިރުކޮޅަކު ވިސްނައިލުމަށް ފަހު ބުންޏެވެ. "ގާނޫނު ހުއްދަ ކުރާ ކޮންމެ ކަމެއް އަހަރެން ކޮށްދޭނަން. މައްސަލަ ތަހުގީގު ކުރުމުގެ ތެރޭގައި ތިޔަހެން އެމީހުންނަށް ކަމެއް ސިއްރު ކުރަން ޖެހޭ ކަމަށް ފެނިއްޖެއްޔާ ސިއްރު ކުރާނަން. މިހާރު އާދަނާ އެކު އޭނާގެ ގެއަށް ދޭ."

ބާދްޝާ އާދަނާއެކު އޭނާގެ ގެއަށް އަތުވެއްޖެއެވެ. އޭނާއަށް މިހާރު އެވަނީ ގާނޫނީ ހިމާޔަތެއް ލިބިފައެވެ. އޭނާ އެހެރީ ކުލީ ކޮޓަރިއެއްގައި ކަމުގައި ވިޔަސް ގާނޫނު ތަންފީޒުކުރާ އިދާރާގެ ރައްކާތެރިކަމުގެ ދަށުގައިވެސް މެއެވެ. އާދަނުގެ ގެއަކީ ވަރަށް ބޮޑު ގެއެކެވެ. ގޭގެ ފުރަގަހުބައިގައި ހުސް ކޮޓަރިއެއް ހުއްޓެވެ. ބާދްޝާ އުޅެން ދެއްކީ އެ ކޮޓަރިއެވެ.

އޭނާއަށް ކޮޓަރިއަށް ވަދެވުނުއިރު ފަތިހު ހަތަރެއް ޖަހައިފިއެވެ. އާދަނުގެ މަންމައަކީ ފަތިސް ނަމާދަށް ބަންގި ގޮވުމުގެ ކުރިން ތެދުވަން އާދަވެފައިވާ މީހެކެވެ. ތުއްތު ކުއްޖަކު ގޮވައިގެން ގެއަށް މީހަކު އައި ޚަބަރުވުމާއެކު އޭނާ އައިސް ބާދްޝާގެ ދަރިފުޅު އަތުލައިފިއެވެ. އަދި ސުވާލަކު ފުލު ސުވާލެއް ކުރަން ފަށައިފިއެވެ. އެ ސުވާލުތަކަށް ޖަވާބު ދިނުމަކީ ކުރަން ޖެހޭ ކަމަކަށް ވާތީ ބާދްޝާ ގެންދިޔައީ ޖަވާބު ދެމުންނެވެ. އިރުއެރީ ސުވާލާއި ޖަވާބުގައެވެ.

މުސްކުޅި އަންހެންމީހާ ބުންޏެވެ. "އަހަރެން މިއީ މަންމަ ކަމުގައި ބަލާ. މި ކުއްޖާފުޅަކީ މިހާރު އަހަރެންގެ މާމަދަރިއެއް. މި ސޮރުގެ ކަންކަމާ ފިކުރު ނުކޮށް އަރާމުކޮށް ނިދައިލާ. އަހަރެން މި ސޮރު ބަލަހައްޓާނަން."

ދަރިފުޅު ގޮވައިގެން އޭނާ ކޮޓަރިއަށް ހިނގައްޖެއެވެ. ބާދްޝާ އަރާމުގައި ނިދައިފިއެވެ.

ފަސް ވަނައަށް ވީ ދުވަހު އިންސްޕެކްޓަރު އެނބުރި އަތުވެއްޖެއެވެ. އޭނާ ފުލުސް އޮފީހަށް ގެންގޮސް ބުންޏެވެ. "ކަލޭ ދިން އެޑްރެހަށް ދިޔައީމާ ފަރީދު އަޙްމަދާއި އޭނާގެ އަނބިމީހާޔާ ބައްދަލުވި. އެމީހުން ކަލޭ ވީ ތަނެއް ނޭނގިގެން ވަރަށް ސުވާލުކުރި. ޚާންޕޫރު މަގުން ދިޔަ ރޭލުގައި ބާދްޝާ ޖާނީ ނަމަކަށް ކިޔާ މީހަކު އިނޭ އޭނާގެ އަތުގައި ތުއްތު ކުއްޖަކު އޮތޭ އަހަރެން ބުނިން. އަދި އެ ކުއްޖާއަކީ އޭނާގެ ކުއްޖެއް ކަމަށް ސާބިތުކޮށް ދީފިއޭވެސް ބުނިން. އެހެންވީމާ އޭނާ ހައްޔަރު ކުރުމަކީ ގާނޫނީ ގޮތުން ކުރެވޭނޭ ކަމެއް ނޫނޭ މިހާރު ވީ ކޮން ތާނކު ކަމެއް ނޭނގެއޭ އަހަރެން ބުނިން. އެޑްރެސް ދިނީ ބާދްޝާއޭ މި އައީ މައުލޫމާތު ހޯދަން ވެގެންނޭވެސް ބުނިން."

ބާދްޝާ ވަރަށް ބޮޑަށް އުފާވެފައި ބުނެލިއެވެ. "ސާހިބާ. އަޅުގަނޑަށާއި އަޅުގަނޑުގެ ދަރިފުޅަށްޓަކައި ތިޔަ ކޮށްދެއްވީ ވަރަށް ބޮޑު ކަމެއް. ވަރަށް ހެޔޮފުޅު. އަޅުގަނޑުގެ މައިދައިތަ މިތަނަށް އައިނަމަ ކަންތައްގަނޑު ވަރަށް ބޮޑު ކޮށްލީސް."

"އަހަރެން ކަލޭގެ މައިދައިތަޔާ ބައްދަލު ކުރިން. އެއީ އަޖައިބެއް ކަހަލަ މީހެއް. އެކަމަކު އޭނާގެ ފިރިމީހާ ފަރީދު އަޙްމަދަކީ ވިސްނުންތެރި މީހަކުހެން ހީވޭ. އޭނާ ދެއްކީ ވަރަށް އާރުލާ ވާހަކަ. އަދި އަންހެން ޑަކްޓަރަކުވެސް ހުރި. ފަރުޒާނާއޭ ކިޔާ މީހެއް. އޭނާވެސް ވާހަކަދެއްކީ ކަލޭގެ ހިމާޔަތުގައި. މިހާރު އަހަންނަށް ކަލޭގެ ގޭގެ ހާލަތު އޮތްގޮތް އެނގިއްޖެ. މިތާނގައި ކަލެއަށް މިނިވަންކަމާއެކު އުޅެވިދާނެ. އެއްވެސް ހުރަހެއް ނޯންނާނެ."

ބާދްޝާ ޝުކުރު އަދާކޮށްފައި ދާން އުޅެގަތީމާ އިންސްޕެކްޓަރު ބުންޏެވެ. "މިތާނގައި އިށީނދެބަލަ."

ބާދްޝާ އިށީނީމާ އިންސްޕެކްޓަރު ބުންޏެވެ. "ކަލޭގެ އަނބިމީހާއަކީ ޑަކްޓަރެކޭ އަހަރެން ގާތު ނުބުނަމެއްނު؟"

"ޑަކްޓަރަކަށް ވިއްޔާ ވާނީ ކީއްތޯ؟ އަންހެނެއް ނޫންތޯ؟"

"ބާދްޝާ. ކަލެއަށް ތިޔައޮތީ ވަރަށް ބޮޑަށް އޮޅިފައި. ކަލޭގެ އަނބިމީހާ ފުރައިގެން ދިޔައީ ދޮގު ހަދާފައި. އެއީ ތެދެއް. އެކަމަކު އެއީ ވަފާތެރިއެއް. ތެދުވެރިއެއް."

"ސާހިބާއަށް ތިޔަކަން އެނގިވަޑައިގަތީ ކިހިނެއްތޯ؟"

"އަހަރެންގެވެސް ތަޖުރިބާތަކެއް އެބަހުރި. ބައެއް އަންހެނުން ފިރިމީހާއަށް އިތުބާރު ކުރާވަރުން ގަބޫލު ކޮށްގެން ތިބެނީ ކުޑަކުޑަ ދޮގެއް ހަދައިލިޔަސް އެކަމަކުން މާ ބޮޑު ގެއްލުމެއް ނުވާނެ ކަމަށް. ގޭގެ ބާއްޖަވެރިކަމަށްޓަކައި ފިރިމީހާއަށް ގެއްލުމެއް ނުވާ ކަހަލަ ދޮގެއް ހަދައިލުމަކީ އެންމެ ރަނގަޅު ކަމެއް ކަމަށް އެމީހުން ގަބޫލު ކުރޭ."

"ގޭގެ މައްސަލައެއް ހައްލު ކުރުމަށްޓަކައި ނޫނީ އަމިއްލަ ބުރުސޫރަ ރީތި ކުރުމަށްޓަކައި އެހެން ފިރިހެނެއްގެ ބޭނުން ހިފުމަކީވެސް ރަނގަޅު ކަމެއްތޯ؟"

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.