ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) އަށް މިއަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު ދެގައުމުގެ ގުޅުން ކުރިޔަށްވުރެ ވަރުގަދަ ވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ޔޫއޭއީގެ 46 ވަނަ ގައުމީ ދުވަހުގެ މުނާސަބަތުގައި ޔޫއޭއީގެ ރައީސް ހިޒް ރޯޔަލް ހައިނަސް، ޝެއިޚް ޚަލީފާ ބިން ޒައިދު އައްނަޙްޔާން އާއި ޔޫއޭއީގެ ނައިބު ރައީސްގެ އަދި ބޮޑުވަޒީރު ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަކްތޫމަށާއި، އެ އެޤައުމުގެ ވަލީއަޙުދު، ޝެއިޚް މުޙައްމަދު ބިން ޒައިދު އައްނަޙްޔާނަށް ރައީސް ފޮނުއްވި ތަހުނިޔާގެ މެސެޖެއްގައެވެ.
ރައީސްގެ މެސެޖުގައި ވިދާޅުވެފައި ވަނީ ރާއްޖެއާއި ޔޫއޭއީއާ ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ އަޚުވަންތަ ގާތް ގުޅުން، ދެ ޤައުމުގެ ތަރައްޤީ އާއި ކުރިއެރުމަށާއި ދެ ޤައުމުގެ ރައްޔިތުންނަށް ލާބަ އާއި މަންފާވާ ގޮތަށް ކުރިއަށްއޮތް ތަނުގައިވެސް އިތުރަށް ބަދަހިވެގެން ދާނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި، އެމަނިކުފާނު މިއަހަރުގެ އޮކްޓޫބަރ މަހުގެ ތެރޭގައި އެގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ސަބަބުން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހި ވެފައިވާކަން ރައީސްގެ މެސެޖުގައި ވަނީ ފާހަގަ ކުރައްވާފައެވެ.
ރައީސްގެ މެސެޖުގައި ވިދާޅުވެފައި ވަނީ ޔޫއޭއީ ދަތުރުފުޅުގެ ސަބަބުން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ގޮސްފައިވާތީ ދެޤައުމުގެ ގުޅުން މިގޮތުގައި ދެމެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާގެ ފުރިހަމަ އެއްބާރުލެއްވުން ޔޫއޭއީގެ ވެރިންނަށް ދެއްވާނެ ކަމަށެވެ. ވަކިވަކިން ފޮނުއްވި މެސެޖުގައި ރައީސް ވިދާޅުވެފައި ވަނީ ރާއްޖެ އާއި، ޔޫއޭއީގެ ގުޅުން މިއަދު ވަނީ އެކުވެރިކަމުގެ އާ ހަރުފަތަކަށް ދަތުރުކޮށްފައި ކަމަށެވެ.
ޔޫއޭއީގެ ޤައުމީ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން އަންނަނީ އެގައުމުގެ ހަތް ސަރަޙައްދު އެއްކޮށްލައިގެން ވެރިކަމެއް އުފެދުނު ދުވަހެވެ.
ޔޫއޭއީގެ ގައުމީ ދުވަހާއި ގުޅުވައިގެން އެގައުމުގެ ވެރިންނަށް ރައީސް ތަހުނިޔާގެ މެސެޖު ފޮނުއްވިއިރު ރައީސްގެ ދެކަނބަލުން ވަނީ މިއަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ޔޫއޭއީއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ. މިދަތުރުފުޅުގައި ދެގައުމުގެ މެދުގައި ވަނީ އެއްބަސްވުން ތަކެއްގައި ސޮއިވެސް ކުރެވިފައެވެ.