ކުރިޔަށް އޮތް ބާރަ ގަޑިއިރަކީ ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މޫސުން ގޯސް ވަގުތު ތަކަކަށް ވާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފިއެވެ.
މެޓް އޮފީހުން ބުނެފައިވާ ގޮތުގައި ކުރިޔަށް އޮތް ބާރަ ގަޑިއިރަކީ ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ވަގުތު ތަކެއް ކަމުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވާން ޖެހޭނެއެވެ. ޚާއްސަކޮށް ކަނޑުދަތުރު ކުރައްވާ ފަރާތްތަކުންނެވެ.
މޫސުމާބެހޭ އޮފީހުން ބުނީ ރާއްޖެއަށް މި ކުރަނީ ލަންކާ މަތީގައި އުފެދިގެން އުޅޭ ކޮޅިގަނޑެއްގެ އަސަރު ކަމަށާއި ކޮޅިގަނޑު ތޫފާނަކަށް ބަދަލު ވުމުގެ ފުރުޞަތުވެސް އޮތުމުން އެކަމަށް ޚާއްސަ ކަމެއް ދަތުރުކުރާ ފަރާތްތަކުން ދޭންޖެހޭނެ ކަމަށެވެ. ލަންކާއިންވެސް ވަނީ އެގައުމުގައި އުފެދިފައިވާ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެދާނެ ކަމުގެ އިންޒާރު ނެރެފައެވެ.
މެޓުން ބުނީ ރާއްޖެ މަތީގައި މިހާރު އުފެދެމުން އަންނަ ކޮޅިގަނޑުގައި މޫސުން އިތުރަށް ގޯސް ވަމުން އަންނާނެ ކަމަށާއި ކޮޅިގަނޑުގެ މިސްރާބު މިހާރު ހުރީ ލަންކާގެ ދެކުނުން އިންޑިއާގެ ހުޅަނދު އުތުރުން އަރަބި ކަނޑަށް ދަތުރުކުރާ ގޮތަށް ކަމަށެވެ. ރާއްޖޭގެ މޫސުން ގޯސްވުމުގެ ސަބަބުން ބަޔެއް ހިސާބު ތަކަށް މިހާރުވެސް އަންނަނީ އެކިވަރުގެ ގެއްލުންތައް ވަމުންނެވެ.