އިދިކޮޅު ބާރަ މެމްބަރުންގެ ޝަރީއަތުގެ އަޑުއެހުމަށް މާދަމާ މެންދުރުފަހު ބާއްވަނީ

ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ގަދަކަމުން ވަތްކަމުގެ ތުހުމަތުގައި ދައުވާ ކޮށްފައިވާ އިދިކޮޅު ބާރަ މެމްބަރުންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ކުރިޔަށްދާ ދައުވާގެ އަޑު އެހުމަށް މާދަމާ މެންދުރު ފަހަށް ތާވަލް ކޮށްފިއެވެ.

ބާރަ މެމްބަރުންގެ މައްޗަށް އެއްފަހަރާ ކުރިޔަށް ގެންދާ ޝަރީއަތުގެ އަޑު އެހުން ކްރިމިނަލް ކޯޓުން ތާވަލް ކޮށްފައި ވަނީ މާދަމާ މެންދުރުފަހު ތިނެއް ޖަހާއިރަށެވެ. ކޯޓުން ވަނީ ބާރަ މެމްބަރުންނަށްވެސް ޗިޓް ފޮނުވާފައެވެ. މި ހުރިހާ މެމްބަރުންގެ މައްޗަށްވެސް ކުރާ ދައުވާއަކީ  ގާނޫނު ތަންފީޒް ކުރާ މުވައްޒަފެއްގެ ވާޖިބަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާ އެވެ.

މިއަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހު ގަދަކަމުން މަޖިލީހުގެ އިދާރާއަށް ވަތްކަމުގެ ކުށުގައި ދައުވާ ކުރާ  މެމްބަރުންނަކީ ހިންނަވަރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދާއި ކިނބިދޫ ދާއިރާގެ މެމްބަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިނާއި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ) އާއި ހިތަދޫ މެދު ދާއިރާގެ މެމްބަރު އަދި ކުރީގެ ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީ އާއި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްގެ އިތުރުން މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާޙް އާއި ތުލުސްދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) އާއި މަޑުއްވަރީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަމީތާއި ވިލިނގިލީ ދާއިރާގެ ކުރީގެ މެމްބަރު ސައުދު ހުސައިންގެ މައްޗަށް ވެސް އެ މައްސަލާގައި ދައުވާކުރެ އެވެ. މީގެތެރެއިން ވައްޑެއާއި އަމީތު އަދި ސައުދުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ނިންމާފައެވެ.

މި މެމްބަރުންގެ މައްޗަށް އެންމެ ފަހުން ބޭއްވި ޝަރީއަތުގެ އަޑު އެހުމުގައި ވަކީލުން ހަމަޖެއްސެވުމުގެ ފުރުޞަތު ހުރިހާ މެމްބަރުންނަށްވެސް ކޯޓުން ވަނީ ދެއްވާފައެވެ. މި މެމްބަރުންގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތު ވެއްޖެނަމަ 4 މަހާއި 24 ދުވަހުގެ ޖަލު ޙުކުމެއް އަންނާނެއެވެ. މި މުއްދަތުގައި މަޖިލީހަށް ހާޒިރު ނުވެވުނަސް މަޖިލީހުގެ ގޮނޑި އެ ޙުކުމުން ނުގެއްލޭނެއެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.