2019 ވަނަ އަހަރު ސީރިޔާ (ސޫރިޔާ) ގެ ސަރަހައްދަކަށް އެމެރިކާ ސިފައިން ދިން ހަމަލާއެއްގައި އާންމުންގެ 46 މީހުން މަރުވެފައި ވާއިރު، އެމެރިކާއިން އެކަން ސިއްރުކޮށްފައިވާ ކަމުގައި އެމެރިކާގެ ނޫހަކުން ރިޕޯޓުކޮށްފިއެވެ.
ނިއުޔޯކް ޓައިމްސްގައި ހޮނިހިރު ދުވަހު ޝާއިއުކުރި ރިޕޯޓުގައި ވާގޮތުން އިސްލާމިކް ސްޓޭޓް (އައިސިސް) އާ ދެކޮޅަށް ކުރަމުން ދިޔަ ހަނގުރާމައިގައި ދިން އެ ހަމަލާގައި މަރުވެފައި ވަނީ އަންެހެނުންނާއި، ކުޑަކުދިންނެވެ. އެހެންކަމުން އެމެރިކާ ސިފައިން ވަނީ ހަނގުރާމައިގެ ޖަރީމާއެއް ކަމުގައި ބެލެވިދާނެ އެހަމަލާގެ ވާހަކަ މުޅިން ސިއްރުކޮށްފައެވެ. ނިއުޔޯކް ޓައިމްސްެގެ ރިޕޯޓު އާއްމުވުމާ ގުޅިގެން އެމެރިކާ ސިފައިންގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން އިއްޔެ ބުނެފައި ވަނީ އެ ހަމަލާއަކީ ދިނުން "ހުއްދަ" ހަމަލާއެއް ކަމުގައެވެ.
ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ސީރިޔާގެ ބާޣޫޒަށް ޖެހިޖެހިގެން ދިން ވައިގެ ދެ ހަމަލާ ދީފައިވަނީ ސިރީޔާގައި ހަނގުރާމަކުރުމަށް ހަވާލުކޮށްފައިވާ ސްޕެޝަލް އޮޕަރޭޝަންސް ޔުނިޓްގެ އެންގުމަށެވެ.
ސީރިޔާގައި އެމެރިކާގެ ވައިގެ ސިފައިންގެ އޮޕަރޭޝަން ހިންގަމުން ދިޔަ ސެންޓްރަލް ކޮމާންޑުން ނެެރުނު ބަޔާނެއްގައި ބުނެފައި ވަނީ ނިއުޔޯކް ޓައިމްސްއިން އެ ބުނާ ހަމަލާގައި 80 މީހުން މަރުވެފައިވާ ކަމުގައެވެ. އޭގެ ތެރޭގައި އައިސިސްގެ 16 ހަނގުރާމަވެރިންނާއި، އާއްމުން 4 މީހުން ހިމެނޭ ކަމުގައެވެ. އެބަޔާނުގައި ބުނެފައިވާ ގޮތުގައި ދެން މަރުވި 60 މީހުންނަކީ އަންހެންނާއި ކުޑަކުދިންނަކީ އާއްމުން ކަމަށް ޔަގީން ނުވާކަމުގައެވެ. އެއީ އެމީހުންނަކީވެސް ހަނގުރާމަވެރިންކަމަށް ވެދާނެތީއެވެ.
އެމެރިކާ ސިފައިންގެ ބަޔާނުގައި އެ ހަމަލާ ސިފަކޮށްފައި ވަނީ "އަމިއްލަ ނަފުސުގެ ދިފާއުގައި ދެވުނު ހުއްދަ، ހާލަތާ ބައްދަލު މިންވަރަށް ދީފައިވާ ހަމަލާއެެއް"ގެ ގޮތުގައެވެ. އަދި ހަމަލާ ދިން ތަނުގައި އާއްމުން ނެތްކަން ވީހާވެސް ބޮޑަކަށް ޔަގީންކުރުމަށް މަސައްކަތްކޮށްފައި ވާނެކަމުގައެވެ.
ޑިފެންސް ޑިޕާޓްމަންޓްގެ އިންސްޕެކްޓަރ ޖެނެރަލް 18 މާރިޗު 2019 ގައި އެ ހަމަލާގެ ތަހުގީގެއް ފެށިއެވެ. އެހެންނަމަވެސް، ފަހުން ވަނީ އެ ތަހުގީގު ކުރިއަށް ނުގެންގޮސް ހުއްޓާލާފައެވެ.
ހަމަލާ ދިން ވަގުތު ސިފައިންގެ އޮޕަރޭޝަންސް ސެންޓަރުގައި އިން އަސްކަރީ ގާނޫނީ ވަކީލަކު ވަނީ އެ "ހަމަލާއަކީ ހަނގުރާމައިގެ ޖަރީމާއެއްގެ ގޮތުގައި ބެލެވިދާނެ" ކަމަށް ބުނެފައެވެ. އަދި ފަހުން އޭނާ ވަނީ އެކަން ޑިފެންސް ޑިޕާޓްމަންޓުގެ އިންސްޕެކްޓަރ ޖެނެރަލްއަށާއި، ސެނެޓްގެ އާމްޑް ސާވިސަސް ކޮމިޓީއަށް ހުށަހަޅާފައެވެ. އެހެންނަމަވެެސް، އެ ހަމަލާއާމެދު އެއްވެސް ފިޔަވަޅެއް އަޅާފައި ނުވެއެވެ. އަދި ހުރިހާ މަސައްކަތެއް ކޮށްފައި ވަނީ އެ ހަމަލާގެ މައުލޫމާތު ސިއްރުކުރުމަށެވެ.
ނިއުޔޯކް ޓައިމްސްއިން ބުނެފައިވާ ގޮތުގަައި އެ ނޫހުގެ ރިޕޯޓަކީ ސިއްރު ލިޔެކިޔުންތަކާއި، އެ އެކަމުގައި ސީދާ ގޮތުން ބައިވެރިވި މީހުން ދިން މައުލޫމާތުގެ މައްޗަށް ބިނާކޮށް ތައްޔާރުކުރި ރިޕޯޓެކެވެ.