ބަންގްލަދޭޝްގެ އަސްކަރިއްޔާ އާއި ދިވެހި އަސްކަރިއްޔާގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމުގެ މަޝްވަރާއެއް ބާއްވައިފިއެވެ.
އެމްއެންޑީއެފުން ބުނީ މި މަޝްވަރާ ކުރެވުނީ ބަންގްލަދޭޝްއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލަންސީ ރިއަރ އެޑްމިރަލް އަޚްތަރު ޙަބީބް، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙުމަދު ޝިޔާމް އަރިހަށް ކުރެއްވި ޒިޔާރަތެއްގައި ކަމަށެވެ.
ދިވެހި އަސްކަރިއްޔާގެ މައި އިދާރާ ކަމަށްވާ ބަންޑާރަކޮށީގައި ބޭއްވި މި ބައްދަލު ކުރެއްވުމުގައި ދެގައުމުގެ އަސްކަރިއްޔާގެ ގުޅުން އިތުރަށް ބަދަހި ކުރެއްވުމާއި، ދިވެހި އަސްކަރިއްޔާއަށް ތަމްރީނާއި އުނގެނުމުގެ ފުރުޞަތު ބަންގާޅުން ތަނަވަސް ކުރެއްވުމުގެ ގޮތުން ފުޅާ ދާއިރާއެއްގައި ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ.
މީގެއިތުރުން އެމްއެންޑީއެފްގެ ކުރިއެރުމާއި ތަރައްޤީއަށް ބަންގްލަދޭޝްގެ އަސްކަރިއްޔާއިން ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވައި ޗީފް އޮފް ޑިފެންސް ފޯސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.