އަންނަ އަހަރަށް 27.9 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި

2018 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވި 27.9 ބިލިއަން ރުފިޔާގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުން މިއަދު މެންދުރު ފަހު ފާސްކޮށްފިއެވެ.

27.9 ބިލިއަން ރުފިޔާގެ ބަޖެޓް މިއަދު މަޖިލީހުން ފާސްކޮށްފައި ވަނީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 39 މެމްބަރުންގެ އިއްތިފާގުންނެވެ. އެއީ ވެރިކަންކުރާ ޕީޕީއެމް އާއި ސަރުކާރު ކޯލިޝަނުގެ އެމްޑީއޭގެ މެމްބަރުންނެވެ. އިދިކޮޅު މެމްބަރުން ވަނީ ބަޖެޓް ޖަލްސާ ބޮއިކޮޓް ކުރައްވާފައެވެ. މަޖިލީހުން މިއަދު ބަޖެޓް ފާސްކޮށްފައި ވަނީ ބަޖެޓް ފާސްކުރުން ލަސްކޮށް ދިނުމުގެ ކޯޓު އަމުރަކަށް އިދިކޮޅު މެމްބަރުން ސުޕްރީމް ކޯޓަށްވެސް ހުށަހަޅާފައި ވަނިކޮށެވެ.

މިއަދު ފާސްކުރި ބަޖެޓުގައިވާ މުހިންމު ކަންކަމަށް ބަލާއިރު އަންނަ އަހަރު ސިވިލްސާވިސް މުއައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ޖަހާފައި އޮތް 234 މިލިއަން ރުފިޔާ އާއި އައިޖީއެމްއެޗާ އިންވެގެން އަޅަމުން އަންނަ ދަރުމަވަންތަ ހޮސްޕިޓަލުގެ ތަރައްގީއަށް އޮތް 818 މިލިއަން ރުފިޔާ އާއި ބޯހިޔާވަހި ކަމުގެ މަޝްރޫއު ތަކަށް އޮތް 580 މިލިއަން ރުފިޔާ ހިމެނެއެވެ.

ބަޖެޓުގައި ޕީއެސްއައިޕީގެ ތެރެއިން ހަތް ބިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދު ކުރަން ބަޖެޓުގައި ނިންމާފައިވާއިރު، ޕީއެސްއައިޕީގެ ގޮތުގައި އަންނަ އަހަރު ހިންގަން ހުށަހަޅާފައިވާ 522 މަޝްރޫއުގެ ތެރޭގައި ހިނގަމުންދާ 430 މަޝްރޫއު އާއި އަލަށް ފަށާ 93 މަޝްރޫއެއް ހިމެނެ އެވެ.

ބަޖެޓް ފާސްކުރި ޖަލްސާގައި ޕީޕީއެމް އާއި އެމްޑީއޭގެ ބަޔެއް މެމްބަރުން ވިދާޅުވި ގޮތުގައި މިއީ ތަރައްގީގެ ބަޖެޓެކެވެ. މިބަޖެޓާއެކު އަންނަ އަހަރަކީ ރާއްޖޭގެ ތަރައްގީގައި އިތުރު ކާމިޔާބުތަކެއް ހޯދާނެ އަހަރެއް ކަމަށް މެމްބަރުން ވިދާޅުވިއެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.