އަދުރޭގެ ހިފެހެއްޓުމެއްނެތް ތައުރީފު ރައީސް ޔާމީނަށް

ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕާއި ވަޒީރުންގެ މަޖިލީހާއި އެޕާޓީގެ މުޅި ލަޝްކަރުވެސް އޮތީ ވަރަށް ސާބިތުކަމާއެކު ކަމަށާއި އެ ލަޝްކަރު ފޫއަޅުވާލެވޭވަރުގެ ގާބިލްކަން އިދިކޮޅު ލަޝްކަރުގައި ނެތް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ރުމާލު ދޭއް ޖަގަހައިގައި ރޭ އޮތް ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ  އެޕާޓީގެ އާންމު މެމްބަރުން ފޫއަޅުވާލެވޭނެ ހަމަލާއެއްވެސް އިދިކޮޅު ފަރާތްތަކުގައި ނެތް ކަމަށާއި، ހުރިހާ ފަރާތްތަކުންވެސް ތިބީ ރައީސް އަބްދުﷲ ޔާމީންއާއެކު ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީންއަށް ތައުރީފު ކުރައްވައި އަދުރޭ ވިދާޅުވީ ދެވަނަ ދައުރަކަށް ރައީސް ޔާމީން ހޮވަންޖެހޭ ކަމަށާއި ސަބަބަކީ އެފަދަ އިޚްލާސްތެރި ވެރިޔަކު ދިވެހި ތާރީޚުވެސް ދެކެފައި ނެތުން ކަމަށެވެ. އަދި ރައީސް ޔާމީން ގައުމަށް ގެނެސްދެއްވަމުން ގެންދަވާ ތަރައްގީއަކީވެސް މުހިންމު ސަބަބެއް ކަމަށެވެ.

އެހެންވެ މުސްތަގުބަލުގައި ރައީސް ޔާމީން ސިފަ ކުރައްވާނީ އުތީމު މަހާރަދުންނާއި، ދޮންބަންޑާރައިންނާއި، ޝަހީދު ހުސެއިން އާދަމްއާވެސް އެއްސަފެއްގައި ކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި ދުނިޔޭގެ ނިސްބަތުން ރައީސް ޔާމީން ސިފަކުރާނަމަ ޖޯޖް ވޮޝިންޓަނާއި، ސޮލާހުއްދީނުލް އައްޔޫބީއާ އެއްސަފެއްގައި ސިފަ ކުރެވޭނެ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ އެހާބޮޑަށް ރައީސް ޔާމީނަށް ތައުރީފު ކުރައްވައި ވާހަކަ ދެއްކެވީ މަގާމެއް ބޭނުން ވެގެން ނޫން ކަމަށާއި ގައުމަށް އޮތް ތެދުވެރި ލޯތްބެއްގެ ސަބަބުން ކަމަށެވެ. މި ޖަލްސާގައި ރައީސް ޔާމީންއަށް އަދުރޭ އިންތިހާއަށް ތައުރީފު ކުރެއްވިއިރު ރައީސް ޔާމީންވެސް ޖަލްސާގައި ބައިވެރިވެވަޑައިގެންވިއެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.