ގައުމީ އެއްބައިވަންތަ ކަމުގެ ސަރުކާރަކަށް ތާއީދު ކުރަން އަދާލަތުން ފާސްކޮށްފި

ކުރިޔަށް އޮތް 2018 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރަކަށް ތާއީދު ކުރަން އަދާލަތު ޕާޓީގެ މަޝްވަރާގެ މަޖިލީހުން ގަރާރެއް ފާސްކޮށްފިއެވެ.

އަދާލަތުން ނެރުނު ބަޔާނެއްގައި ބުނީ ރަސްމީކޮށް އެޕާޓީން އެގޮތަށް ނިންމައި، ރިޔާސީ އިންތިޚާބުގެ އިތުރުން 2019 ގައި އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައިވެސް ކޯލިޝަން ޕާޓީ ތަކުން އެއްބަސްވާ ގޮތުގެ މަތިން އަމަލު ކުރަން ވަނީ ނިންމާފައެވެ.

އަދާލަތުން ބުނީ އެގޮތަށް އެޕާޓީން ނިންމީ ރައްޔިތުންގެ މަޖިލިސް ހުއްޓުވާލައި، މިނިވަން މުއައްސަސާތަކުގެ ޤާނޫނީ ހައިސިއްޔަތު ސަރުކާރުން ކަނޑުވާލައި، ވެރިކަން ހިންގުމުގެ ނިޒާމުވެސް ސަރުކާރުން ރޫޅާލާފައިވާތީއެވެ. އަދާލަތު ޕާޓީން ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އިދިކޮޅު ކޯލިޝަނާއެކު ކުރިޔަށްދާން ނިންމިއިރު އެޕާޓީން ވަނީ އެންމެ ފަހުން އޮތް ދެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައިވެސް ކޯލިޝަން ހަދާފައެވެ. 2008 ވަނަ އަހަރު އެމްޑީޕީއާއެކު އަދި 2013 ވަނަ އަހަރު ޕީޕީއެމްއާއެކުއެވެ.

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ކުރިޔަށްދާނެ ގޮތެއް އިދިކޮޅު ޕާޓިތަކުގެ ތެރެއިން އަދާލަތު ނޫން އެހެން ޕާޓީއަކުން ނުނިންމައެވެ. އެމްޑީޕީގެ ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެފައި ވަނީ އިދިކޮޅު ފަރާތްތަކުން އެއްކެންޑިޑޭޓްނެރެ އެއީ އިންތިގާލީ ރައީސަކަށް ހަދަން ފެނިވަޑައިގަންނަވާ ކަމަށެވެ. އަހަރެއްހާ ދުވަސް ފަހުން އާ އިންތިޚާބެއް އެ ރައީސް ބޭއްވުމަށް ނަޝީދު ވަނީ ތާއީދު ކުރައްވާކަން ހާމަކުރައްވާފައެވެ. ޖުމްހޫރީ ޕާޓީންވެސް އަދި ވަކިގޮތެއް ނުނިންމާއިރު އިދިކޮޅު ފަރާތްތަކާއެކު ހުންނެވި ކުރީގެ ރައީސް މައުމޫން ވިދާޅުވެފައި ވަނީ އެކަމާމެދު ވާހަކަ ދެއްކުން އަދި އަވަސް ކަމަށެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.