ރާއްޖޭގެ ފަޅު ތަކަކާއި ރަށްތަކެއް ވިއްކައިގެން ދައުލަތަށް ލިބުނު 23 މިލިއަން ޑޮލަރު ހަވާލު ކޮށްފައިވާނީ އޭރުގެ ނައިބު ރައީސް އަޙްމަދު އަދީބުގެ އަތްޕުޅަށް ކަމަށާއި އެއިން އެއްވެސް ފައިސާއަކަށް ޚިޔާނާތްތެރި ވެފައިނުވާނެ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޒިޔަތު ބުނެފިއެވެ.
ކޯޓުގައި މިއަދު ޒިޔަތުގެ މައްޗަށް ކުރިޔަށް ދިޔަ ޝަރީއަތުގެ މަޖިލީހުގައި އޭނާ ވިދާޅުވީ ދިވެހި ފައިސާއިން ބަލާއިރު 357 މިލިއަން ރުފިޔާ އޭރުގެ ނައިބު ރައީސް އަޙްމަދު އަދީބުއާ ހަވާލު ކޮށްފައިވާނީ ޗެކް ތަކަކުން ކަމަށެވެ. ދައުލަތުން މިއަދު ޒިޔަތުގެ މައްޗަށް ކުރިޔަށް ގެންދިޔަ ޖުމްލަ 15 ދައުވާގައިވާ ގޮތުން ޒިޔަތު ވަނީ ދައުލަތަށް ވަންނަންޖެހޭ 23 މިލިއަން ޑޮލަރަށް ޚިޔާނާތްތެރި ވެފައެވެ.
23 މިލިއަން ޑޮލަރުގެ ޗެކްތަކާ އެމްއެމްޕީއާރުސީން ހަވާލުވެފައި ވަނީ ޒިޔަތު ކަމަށް އޭނާގެ ފަރާތުން އެއްބަސްވެ، އެ ހުރިހާ ޗެކެއް އޭރުގެ ނައިބު ރައީސް އަދީބުއާ ހަވާލުކުރި ކަމަށް ޝަރީއަތުގައި ޒިޔަތު އަމިއްލައަށް އެއްބަސްވި ނަމަވެސް އޭނާ ވަނީ އެ ފައިސާއަށް އޭނާ ޚިޔާނާތްތެރިވި ކަމަށް ދައުލަތުން ބުނާ ބުނުމަށް އިންކާރު ކޮށްފައެވެ.
ޒިޔަތުގެ ފަރާތުން ވަކީލުން ބުނީ އެ ފައިސާގެ ޗެކުތައް ސީދާ އަޙްމަދު އަދީބުއާ ހަވާލު ކޮށްފައި ވަނީ ފައިސާ ދައުލަތަށް ވަތްކަމުގެ ހެއްކެއްގެ ގޮތުން ކަމަށާއި، އަދި އެކަން އެގޮތަށް ކުރަން އަދީބު އޭރު ވަޒީރު ކަމާ ހަވާލުވެ ހުންނެވި ޓޫރިޒަމް މިނިސްޓަރީން އެމްއެމްޕީއާރުސީއަށް އަންގާފައިވެސް އޮންނާތީ ކަމަށެވެ. ޒިޔަތުގެ ވަކީލު ވިދާޅުވީ އެ 23 މިލިއަން ޑޮލަރު ޖަމާކޮށްފައި ވަނީ އެސްއޯއެފްގެ އެކަންޓަށް ކަމަށެވެ. ނަމަވެސް އެއީ އެސްއޯއެފްގެ އެކައުންޓަށް ޖަމާނުކުރެވޭނެ ފައިސާ ކަމަށްވެސް ވަކީލު ވިދާޅުވިއެވެ.
ޒިޔަތު މިހާރުވެސް ހުރީ 8 އަހަރުގެ ޖަލު ޙުކުމެއްގައެވެ. އެއީ 5 މިލިއަން ޑޮލަރުގެ ޚިޔާނާތުގެ ދައުވާ ސާބިތު ވުމާއި ގުޅިގެންނެވެ. އަދި މިހާރު އުފުލާފައިވާ ދައުވާތައް ސާބިތު ވެއްޖެނަމަ ޒިޔަތުގެ މައްޗަށް ވަރަށް ދިގު މުއްދަތެއްގެ ޖަލު ޙުކުމެއް އައުން އެކަށީގެންވެއެވެ.