ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވި ހީނަރުކަމުން އަރައިގަތުމަށް ޚަރަދު ކުޑަކުރުމުގެގޮތުން ސަރުކާރުން އެޅުއްވި ފިޔަވަޅުތަކާއެކު ފާއިތުވި އަހަރުގެ ދައުލަތުގެ ބަޖެޓުން 9 ބިލިއަން ރުފިޔާ ކުޑަކުރެވިފައިވާކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވެއްޖެއެވެ.
ކޮވިޑްގެ ޙާލަތުގައި ރާއްޖޭގެ އިޤްތިޞާދަށް އަންނަމުންދާ ބަދަލުތަކާއި އިޤްތިޞާދީ ދަތިތަކުން އަރައިގަތމަށް ސަރުކާރުން ކުރައްވަމުންދާ ކަންކަން ހާމަކުރެއްވުމަށް މިއަދުވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަވާފައެވެ. ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ގައި ބޭއްވި މި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރުވަނީ ރާއްޖޭގެ އިޤްތިޞާދީ ޙާލަތު ރަނގަޅުކުރެއްވުމަށް ސަރުކާރުން އަޅުއްވަމުންދާ ފިޔަވަޅުތަކުގެ ތަފްސީލް ހާމަކުރައްވާފައެވެ. އަދި ބައިނަލްއަޤްވާމީ އެހީތެރިކަމާއި ގުޅޭގޮތުން މިނިސްޓަރވަނީ ވާހަކަފުޅުދައްކަވާފައެވެ.
މިނިސްޓަރު އަމީރު ވިދާޅުވީ ކޮވިޑްގެ ޙާލަތާ ގުޅިގެން އިޤްތިޞާދަށް އަންނަމުންދިޔަ ލޮޅުންތައް ކުޑަކުރުމަށް ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅުއްވާފައިވާކަމަށެވެ. އެގޮތުން މިދިޔަ އަހަރުގެ ދައުލަތުގެ ބަޖެޓުގެ ޖުމްލަ ޢާމްދަނީ ކަމަށްވާ 37.9 ބިލިއަން ރުފިޔާއިން ޚަރަދުކޮށްފައިވަނީ 28.9 ބިލިއަން ރުފިޔާކަމަށެވެ. މިއާއެކު މިދިޔަ އަހަރުގެ ދައުލަތުގެ ބަޖެޓުން ޖުމުލަ 9 ބިލިއަން ރުފިޔާ ކުޑަކުރެވިފައިވާކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.
ކޮވިޑުގެ ޙާލަތުގައި ސަރުކާރުން އަޅުއްވާފައިވާ ޚަރަދުކުޑަކުރުމުގެ ފިޔަވަޅުތަކުގެ ބޭނުމަކީ ޢާއްމު ރައްޔިތުންނަށާއި އަމިއްލަ ވިޔަފާރިތަކަށް މި ދަތި ޙާލަތުގައި ސަރުކާރުގެ ފަރާތުން އިޤްތިޞާދީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިކުރެއްވުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ކޮވިޑްގެ ޙާލަތާ ގުޅިގެން ކުދި ވިޔަފާރިތަކައި މެދުފަންތީގެ ވިޔަފާރިތަކަށް ސަރުކާރުންވަނީ ހިލޭ އެހީއާއި ލުއި ލޯނުގެ އެހީތެރިކަން ލިބޭނެ މަގުތައް ފަހިކުރައްވާފައިކަން ސަރުކާރުން ފާހަގަކުރެއްވިއެވެ. އަދި އަމިއްލަ ކުންފުނިތަކާއި ވިޔަފާރިތަކުން ވަޒީފާ ގެއްލު މީހުންނާއި އެކިއެކި ދަތިކަންކަން މެދުވެރިވި ފަރާތްތަކަށްވެސް ސަރުކާރުން މާލީ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. ދާދިފަހުން ސަރުކާރުންވަނީ މުޅިރާއްޖޭގެ އެންމެހައި ގޭބިސީތަކެއްގެ ފެނާއި ކަރަންޓު ބިލްތަކުން ޑިސްކައުންޓު ދިނުމަށްވެސް ނިންމަވައި އެކަން ޢިއުލާންކުރައްވާފައެވެ.