ނަޝީދާ ވާދަކުރަން ރައީސް ޔާމީން ޖެހިލުމެއްނުވޭ، އެކަމަކު ނަޝީދަށް ފުރުޞަތެއް ނެތް- އަދުރޭ

ކުރީގެ ރައީސް މުޙަންމަދު ނަޝީދަކީ އިންތިޚާބެއްގައި ވާދަކުރައްވަން ރައީސް އަބްދުﷲ ޔާމީން ޖެހިލުންވެވަޑައިގަންނަވާ ބޭފުޅެއް ނޫން ކަމަށް ވެރިކަންކުރާ ޕީޕީއެމުން ބުނެފިއެވެ.

ޕީޕީއެމްގެ އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ނައިބު ރައީސް އަބްދުﷲ އަބްދުއްރަޙީމް ވިދާޅުވީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ހުވަފެން ނަޝީދު ދެކެވަޑައިގަތަސް އެމަނިކުފާނު އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުޞަތު ނުދެއްވާނެ ކަމަށެވެ.

އަދުރޭ ވިދާޅުވީ އިންތިޚާބުގައި ނަޝީދު ވާދަކުރަން ފުރުޞަތު ދެވެން ނެތީ ވެރިކަމަށް ގެންނަން "ހެޔޮވާވަރުގެ ބޭފުޅަކަށް" ނަޝީދު ނުވާތީ ކަމަށެވެ. އަދި ނަޝީދަށް ވެރިކަމަށް ދެން ކުރިމަތި ލެއްވެން އޮތީވެސް ރާއްޖޭގެ ޤާނޫނު އަސާސީވެސް އިސްލާޙު ކޮށްގެން ކަމަށާއި އެ ފުރުޞަތު ދެވެން ނެތް ކަމަށް އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ނަޝީދަށް ފުރުޞަތު ހޯދައި ދިނުމަށްޓަކައި ޤާނޫނު އަސާސީއަށް އިސްލާޙު ގެންނަން ޕީޕީއެމުން މަޖިލީހަށް ހުށަހެޅުމަށް އެޕާޓީން އެއްބަސް ނުވާނެ ކަމަށާއި އަދި އެފަދަ މަޝްވަރާއެއް ބަޔަކާއެކު ކުރަންވެސް އެޕާޓީގެ ކައުންސިލުން އެއްބަސް ނުވާނެ ކަމަށެވެ.

 

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.