ދެކުނު ޕެސިފިކްގެ ކުޑަ ގައުމެއް ކަމުގައިވާ ސަމޯއާ ދަސްތޫރީ މައްސަލަ ގަނޑެއްގެ ތެރެއަށް ވެއްޓިއްޖެއެވެ. އެގައުމުގައި އެންމެ ފަހުން ބޭއްވި އާއްމު އިންތިޚާބު ކާމިޔާބުކުރެއްވި އިދިކޮޅު ލީޑަރު ފިއާމޭ ނައޯމީ މަޓައާފާ އާއި އޭނާއަށް ތާއީދުކުރައްވާ މެންބަރުން އައު ސަރުކާރު އެކުލަވާލުމުގެ މަސައްކަަތަަށް ގާނޫނުހަދާ މަޖިލީހަށް މިއަދު ހެނދުނު ވަޑައިގަތުމުން އޭނާ ނުވެއްދުމުންނެވެ. އޭނާއަކީ ސަމޯއާގެ ބޮޑުވަޒީރުކަމަށް ހޮވިވަޑައިގަތް ފުރަތަމަ އަންހެން ބޭފުޅާއެވެ.
ދައުރު ހަމަވީ ބޮޑުވަޒީރު ޓިއުލޭޕާ ސައިލެލޭ މަލިއެލެގާއޯ ވަނީ އަދިވެސް ވެރިކަމުގައި ހުންނެވީ އޭނާކަމަށް ވިދާޅުވެ، ވެރިކަމުން ދުރުވެވަޑައިގަތުމަށް އިންކާރުކުރައްވައި، އަލަށް އިންތިޚާބުވެވަޑައިގަތް ބޮޑުވަޒީރު ގާނޫނުހަދާ މަޖިލީހަށް ވެއްދުމަށް ދެކޮޅުހައްދަވާފައެވެ.
ސަމޯއާގައި ވެރިކަމުގެ ވާދަވެރިކަން ބޮޑުވެ ސިޔާސީ ކޯޅުން އިތުރުވެފައިވާތާ ދުވަސްގަނޑެއް ވެއްޖެއެވެ. މި މައްސަލައިގެ އަސްލަކީ 22 އަހަަރުއްސުރެ ވެރިކަން ކުރައްވަމުން ގެންދަވާ ޓިއުލޭޕާ ބަލި ގަބޫލުކުރެއްވުމަށް ދެކޮޅުހެއްދެވުމެވެ.
އެ ގައުމުގެ ސުޕްރީމް ކޯޓުން ވަނީ ގާނޫނު ހަދާ މަޖިލީހުގެ ޖަލްސާ ބޭއްވުމަށް އަމުރު ނެރެފައެވެ. ގާނޫނު އަސާސީ ބުނާގޮތުން އިންތިޚާބެއް ބާއްވާތާ ގިނަވެގެން 45 ދުވަހުގެ ތެރޭގައި ގާނޫނުހަދާ މަޖިލީހުގެ ޖަލްސާއެއް ބާއްވަން ޖެހެއެވެ. މިއަދަކީ 45 ވަނަ ދުވަހެވެ.
ސަމޯއާގެ އޮ ލެ އާއޮ އޮ ލެ މަލޯ (ހެޑް އޮފް ސްޓޭޓް) ޓުއިމަލާއެލިފާނޯ ވައަލެޓޯއާ ސުއަލައުއީ-2 ފާއިތުވި ހަފުތާގައި ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ "ފަހުން ހާމަކުރާނެ ސަބަބުތަކަކަށް ޓަކައި" ސަމޯއާގެ ގާނޫނުހަދާ މަޖިލިސް ސަސްޕެންޑް ކުރަން ނިންމަވާފައިވާ ކަމުގައެވެ. ގާނޫނުހަދާ މަޖިލީހުގެ ރައީސު ވަނީ ހެޑް އޮފް ސްޓޭޓްގެ މި ނިންމެވުމަށް ތާއީދުކުރަައްވާފައެވެ.
އިންތިޚާބުވެވަޑައިގެންފައިވާ ބޮޑުވަޒީރު ފިއާމޭ މިއަދު ގާނޫނުހަދާ މަޖިލީހަށް ވެންނެވުމަށް ފުލުހުން ހުރަސްއެޅުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިހާރުގެ ބޮޑުވަޒީރު ޓިއުލޭޕާ ވިދާޅުވީ އަދިވެސް ވެރިކަމުގައި ހުންނެވީ އޭނާ ކަމުގައެވެ.
"އަހަރުމެންނަކީ ވަގުތީގޮތުން ވެރިކަން ހިންގަން އޮތް ސަރުކާރު ކަމުގައި ވިޔަސް، ސަމޯއާގައި އޮތީ އެންމެ ސަރުކާރެއް. އެ ދައުރު އަދާކުރުންމަތީ އަދިވެސް އަހަރުމެން މިތިބީ. އަދި އާދައިގެ މަތިން ކަންކަން ހިންގަމުން މިދަނީ." ބޮޑުވަޒީރު ޓިއުލޭޕާ ވިދާޅުވިއެވެ.
2 ލައްކަ 20 ހާސް މީހުންގެ އާބާދީއެއް އޮންނަ ސަމޯއާ ދަސްތޫރީ މައްސަލަގަނޑެއްގެ ތެރެއަށް ވެއްޓުނީ އެޕްރީލް މަހުގެ 9 ވަނަ ދުވަހު ބޭއްވި އިިންތިޚާބުުގައި ވެރިކަންކުރާ 'ފާސްޓް' ޕާޓީއާއި، އިދިކޮޅު ހިއުމަން ރައިޓްސް ޕްރޮޓެކްޝަން ޕާޓީ (އެޗްއާރްޕީޕީ) އަށް އެއްވަރަކަށް ގޮނޑި (25 ގޮނޑި) ލިބުމުންނެވެ.