ބަންގާޅުގައި މަރުވި ފަތުހީގެ ހަށިހަނޑު ރާއްޖެ ގެނެސްފި

ބަންގްލަދޭޝްގެ އަންހެނަކާ ކައިވެނި ކުރަން އެގައުމަށް ގޮސް އޭނާއާ ކައިވެނިކުރިތާ ގިނަ ދުވަސް ތަކެއް ނުވަނީސް މަރުވި އައްޑޫ ސިޓީ މަރަދޫފޭދޫ އަބްދުﷲ ފަތުޙީގެ ހަށިގަނޑު ރާއްޖެ ގެނެސްފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ ފަތުޙީގެ ހަށިގަނޑު ރާއްޖެ ގެނައީ އޭނާގެ އާއިލާއިން އެދިގެން ކަމަށެވެ. ފަތުޙީގެ ބަޔެއް ދަރިން ބުނެފައި ވަނީ ބައްޕަ ބަންގާޅަށް ދިޔައީ އަމިއްލަ ކަމެއްގައި ކަމަށް ބުނެފައިވާ ކަމަށާއި އެގައުމަށް ގޮސް ގިނަ ދުވަސްތަކެއް ނުވެ މީހަކާ ކައިވެނި ކުރިކަން އަންގާފައިވާ ކަމަށެވެ.

އަދި ކައިވެނިކުރިތާ ގިނަ ދުވަސްތަކެއް ނުވަނީސް މިމަހުގެ 1 ވަނަ ދުވަހު ރާއްޖެ އައުމަށް ނިންމާފައިވާ ކަމަށާއި ރާއްޖެ އަންނަނީ އަނބިމީހާ ހީކުރި ވަރަށްވުރެ ގޯސް ވުމުން ކަމަށްވެސް ބުނެފައިވެއެވެ. އަދި ބައްޕަ ދިޔައީ އައްޑޫގައި ހުންނަ ގެ މޯގޭޖްކޮށް ބޭންކުން 1 ލައްކަ ދިވެހި ރުފިޔާ ވެސް ހިފައިގެން ކަމަށް ބުނެފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަންހެން މީހާ ފަތުޙީއާ ކައިވެނި ކުރަން ރަން ކިޔާފައި ވަނީ ވެސް 1 ލައްކަ 50 ހާސް ރުފިޔާއަށެވެ. ކައިވެންޏަށް ފަހު ފަތުޙީ ރާއްޖެ އަންނަން ބޭނުންވި ނަމަވެސް އޭގެ 1 ދުވަސް ކުރިން އޭނާ ވަނީ މަރުވެފައެވެ. އާއިލާގެ ބަޔެއް މީހުން ބުނަނީ ގުދުރަތީ މަރަކަށްވުރެ އެއީ ވިހައެއް ފަދަ އެއްޗެއް ބޯން ދީގެން މަރާލި ކަމެއް ކަމަށް ޝައްކު ކުރެވޭ ކަމަށެވެ.

ސަބަބެއް ކަމަށް އާއިލާގެ ބަޔެއް މީހުން ބުނަނީ ކަންތައް ހިނގައިދިޔަ ގޮތުންނެވެ. އާއިލާގެ ބަޔެއް މީހުން ބުނެފައި ވަނީ ފަތުޙީ މަރުވުމުން ހޮސްޕިޓަލުން ނެރެގެން ގެންދިޔުމުން ފަތުޙީގެ ހަށިގަނޑު ހޯދަން ފުލުހުން ކުރި މަސައްކަތުގައި ފެނުނީ ވަޅުލާން އުޅެނިކޮށް ކަމަށެވެ. ނަމަވެސް ބަންގާޅު ފުލުހުން ވަނީ ހަށިގަނޑާ ހަވާލުވެ މޯޗަރީގައި ބާއްވާފައެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.