ރާއްޖޭގެ އެކި ރަށްރަށަށް ފޯނުގެ ޚިދުމަތް ފޯރަމުން ދިޔަ ދުވަސްވަރަކީ ފޯނާ ގުޅިގެން އެކި ކަހަލަ ހެއްވާ ކަންތައްތައް ހިނގަމުން ދިޔަ ދުވަސްވަރެކެވެ. އެއްވެސް ކަހަލަ ނަރެއް ގުޅާފައި ނެތީސް ފޯނުން ދައްކާ ވާހަކަ މާ ދުރު ރަށެއްގައި ހުންނަ މީހަކަށް އަޑު އިވޭތީ ހައިރާން ވެގެން ވާހަކަ ދައްކާ މީހުން އުޅުނެވެ. އެއީ އާ ކަމެއް ނޫނެވެ. ކޮންމެ އައު އުފެއްދުމަކީ ކޮންމެވެސް ބަޔަކަށް ހައިރާންކަން ގެނެސްދޭ ކަމަކަށް އޮންނަނީ ވެފައެވެ. ބައިސްކަލު ތައާރަފު ވެގެން އައި ދުވަސްވަރު ހިމަހިމަ ދެ ފޮރުޅުގެ މަތީގައި ނުވެއްޓި ދުއްވާ މަންޒަރަކީ އެތައް ބަޔަކަށް ހައިރާންކަން ގެނެސްދިން ކަމަކަށް ވިއެވެ.
ފޯނާ ގުޅިގެން ހިނގި ހެއްވާ ކަންތައްތަކުގެ ތެރޭގައި ގެއަކަށް ފޯނުގެ ގުޅުން ދިނީމާ އޭނާ ދީފައި އޮތް ގުޅުމާ (ނަރާ) ފޯނެއް ނުގުޅަނީސް ބިލު އައީމާ މީހަކު ޖެއްސި މައްސަލަ ހިމެނެއެވެ. އޭނާ ދެކޭ ގޮތުގައި އޭނާ ފޯނެއް ނުގުޅަނީސް އެންމެ ރުފިޔާއަކަށްވެސް ބިލު ހަދައިގެން ނުވާނެއެވެ. މިއީ އެހައި ހެއްވާ ކަމެއް ނޫނެވެ. ހެއްވާ ކަމަކަށް ވީ އެހެން މީހެއްގެ ފޯނެއް އޭނާގެ ނަރާ ގުޅީމާ ފޯނު ކުރެވޭނޭ ކަމަށް އޭނާ ޤަބޫލު ނުކުރުމެވެ. އޭނާއަށް އެނގިފައި އޮންނަ ގޮތުގައި އޭނާގެ ގެއަށް ދޫކޮށްފައި އޮތް ނަރާ ގުޅޭނީ ހަމައެކަނި އޭނާގެ ފޯނެވެ.
އެ ދުވަސްވަރު ބައެއް ގޭގެއަށް ގުޅާފައި ކޮން ތަނެއްހޭ އަހައިލީމާ ބުނަނީ ގެއަށް އާއްމުކޮށް ކިޔައި އުޅޭ ނަމެވެ. ގެއަށް ކިޔާ ރަޖިސްޓަރީ ނަމުގެ ބަދަލުގައި ގޭގެ ވެރިމީހާޔާ ގުޅުވައިގެން ނަން ކިޔައި އުޅުމަކީ ބައެއް ރަށްރަށުގައި އޮންނަ އާދައެކެވެ. މިސާލަކަށް ދޮން އާދަންފުޅުގެ މުޙައްމަދުގެ، އިބްރާހީމްކޮއި ގޯތި މި ކަހަލަ ގޮތަކަށް ކިޔައި އުޅެއެވެ. އެކަމަކު ދިރާގުގެ ޓެލެފޯން ޑިރެކްޓަރީގައި އޮންނަނީ ގޭގެ ރަޖިސްޓަރީ ނަމެވެ. އެހެންވީމާ ގޭގެ އާއްމުނަން ނޭނގި ގުޅާ މީހަކަށް މި ކަހަލަ ނަމެއް ބުނީމާ އެނގޭނީ ކޮން އެއްޗެއްތޯއެވެ؟ ކޮން ތަނެއްހޭ އަހައިލީމާ ފޯނު ނަގާ މީހާ ބުނެލައެވެ. "މިއީ ދޮންސޮރުގެ ފާތުމާފުޅުގެ ގެ"
އަދި ބައެއް ގޭގެއަށް ގުޅާފައި ކޮން ތަނެއްހޭ އަހައިލީމާ އަންނަނީ ރުޅިއެވެ. "ވަކި ތަނެއް ނޭނގެންޏާ ގުޅީ ކީއްކުރަން؟" މިއީ އަޅުގަނޑަށް ގެއަކުން ލިބުނު ޖަވާބެކެވެ. އެޔާއެކު އެހެން ސުވާލެއް ކުރާނޭ ފުރުސަތެއް ނުދީ ފޯނު ބޭއްވީއެވެ.
އަދިވެސް އެހެން ހާދިސާއެއް ދަންނަވައިލާނަމެވެ.
އަޙްމަދުގެ މާމައަކީ އުމުރުން ހަތްދިހަ އަހަރު ވެފައި އިން މީހެކެވެ. ފޯނުގެ ކަންތައްތައް އެންމެ ފޯރި ގަދަ ވެގެން ދިޔަ ދުވަސްވަރު އެއްދުވަހަކު އަޙްމަދު އޭނާގެ މާމަ ގެ ހާލު ބަލައިލާން މާމަގެ ގެއަށް ހިނގައްޖެއެވެ. ފޯނު ލުމުގެ ކަންތައްތައް ހިނގާކަން މާމައަށްވެސް އޮތީ އެނގިފައެވެ. އުމުރުން ދުވަސް ވެފައި އިން ކަމުގައި ވިޔަސް ފޯނުގެ ސަބަބުން ލިބޭ ފަސޭހަތައް ކޮންމެވެސް ވަރަކަށް މާމައަށް ވިސްނެއެވެ.
އަޙްމަދު ވަރަށް ގިނައިރު ވާންދެން މާމަޔާ ވާހަކަ ދައްކާން އިނެވެ. ވާހަކައިގެ ތެރޭގައި މާމަ ބުންޏެވެ.
"އަޙްމަދަށް މާމަގެ ހާލު ބަލައިލާން ތިޔަ އާދެވެނީ މަހަކު އެއް ފަހަރު. އެއީވެސް މާމަ ބަލައި ފޮނުވައިގެން ގެނައީމާ."
"އެކަމަކު މި ފަހަރު މި އައީ މާމަ ބަލައި ފޮނުވީމައެއް ނޫނެއްނު؟" އަޙްމަދު ހިނިތުން ވެލާފައި ބުންޏެވެ.
"އާނ. މި ފަހަރު ތިޔަހެން ވެއްޖެ. އެކަމަކު ނަޔަސް މިހާރު ހާލު ބެލިދާނެތާ. ފޯނު ކޮށްލަނިކޮށް މިހާރު މާމަގެ ހާލު ބެލިދާނެ."
އަޙްމަދު ބުނެލިއެވެ. "އާނ. އެކަމަކު އަދި މި ގެއަކަށް ފޯނެއް ނުލައެއްނު؟'
މާމަ ކުޑަކޮށް ނުރުހުން ވެފައި ބުންޏެވެ. "ބަލަ މި ގޭގައި ނެތަސް ތިޔަ ގޭގައި ފޯނެއް ހުރެއެއްނު؟"