މިއަދުގެ ވާހަކަކޮޅު އަނެއްކާ ވެސް މި އަމާޒުކޮށްލަނީ ކިޔަވައިދިނުމުގެ ފަހުގެ ގޮތްތަކުގެ ތެރެއިން މިޒަމާނުގެ ކުލާސްރޫމުތަކުގައި ބޭނުންކުރެވޭ ޝައުޤުވެރި ކިޔަވައިދިނުމުގެ ގޮތަކާ ބެހޭގޮތުންނެވެ. އާދެ އެއީ ޖަސްޓް-އިން-ޓައިމް-ޓީޗިން (ޖޭ.އައި.ޓީޓީ/ޖިޓް) އެވެ. މިގޮތަށް ޖަސްޓް-އިން-ޓައިމް މިނަން ބޭނުންކުރެވޭ ސަބަބުތަކުގެ ތެރޭގައި ސީދާ ސީދާ މުދައްރިސުގެ ހާޒިރުގައި ނޫންނަމަވެސް ގާތްގަޑަކަށް ދަރިވަރުން އަމިއްލައަށް ކުރަން ހަވާލުކުރާ މަސައްކަތަކުން ރޭވޭ އުނގެނުމުގެ ތަޖުރިބާއެކެވެ. މިކަމަކީ މުދައްރިސުގެ ކިޔަވައިދިނުމުގެ ބައެއް ގޮތަށް ކުރަން ހަވާލުކުރެވޭ މަސައްކަތެކެވެ. ދިވެހިބަހުން ސީދާ މި މަފުހޫމު ބޭނުންކުރުން ރަނގަޅީ މިވެނި ނަމެއްގައޭ މުޅިއަކުން ޔަޤީންކޮށް ދަންނަވާކަށް ނޭނގެއެވެ. ނަމަވެސް އެ މަފުހޫމުގެ މާނައަށް ބަލައިގެން ދިވެހި ބަހުން އެއަށް ނަމެއް ދޭކަމަށްވާނަމަ، ދަރިވަރުންނާ ހަވާލުކުރާ މަސައްކަތެއްގެ ތެރެއިން އެވަޤުތުކޮޅު ތެރޭގައި އުނގެނެވޭ ގޮތަށް ރޭވޭ ކިޔަވައިދިނުމެއް ކަމުގައި ބެލެވިދާނެއެވެ. މިއީ ވަރަށް ގިނަ ފަހަރަށް އިންޓަރނެޓުން ލިބެން ހުންނަ ތަފާތު މަޢުލޫމާތާއި އަދި ވެބްސައިޓްތަކުން ކިޔަން ހަވާލުކުރެވޭ ބައިތަކެއްގެ ތެރެއިން ދަރިވަރުން އުނގެނުން ފަރުމާ ކުރެވޭ ގޮތެކެވެ.
ޖަސްޓް-އިން-ޓައިމް-ޓީޗިން އަކީ ނޮވެކް، ޕަޓަރސޮން، ގަވްރިން، އަދި ކްރިސްޓިއަން (1999) ނުވަދިހައިގެ އަހަރުތަކުގެ ތެރޭގައި ހުށަހެޅުއްވި ކިޔަވައިދިނުމުގެ ގޮތެކެވެ. މި ޢިލުމުވެރިން ސިފަކުރައްވާގޮތުގައި މި ގޮތަށް ކިޔަވައިދޭއިރު އިންޓަރނެޓްގައިވާ ތަފާތު ވެބްސައިޓްތައް، މަންސަތައް، އެކިބާވަތުގެ އޮންލައިން ރިސޯސްތައް/ އޮންލައިންކޮށް ކިޔެން ހުންނަ ކިޔުންތައް، ވީޑިއޯތައް، ފަދަ އެކި ބާވަތްތަކުގެ ބައިތައް ދަރިވަރުންނަށް ކިޔަން ނުވަތަ ބަލަން ހަވާލު ކުރެވޭނެއެވެ. މިގޮތަށް އުނގެނުން ރާވާއިރު މުދައްރިސް ދުރާލައި ތަފާތު ވެބްސައިޓްތައް، ވީޑިއޯތައް، އެހެނިހެން ޕްލެޓްފޯމްތައް ހުންނާނީ ބަލާފައެވެ. އެ ބައިތައް ހިމަނަގެން ފިލާވަޅުގައި ކަނޑައަޅާ މުހިންމު މަޤުޞަދެއް ޙާޞިލުކުރުމަށް ދަރިވަރުންނަށް އިރުޝާދާ ދީ ކަންކުރާނެ ގޮތުގެ ތަފުސީލު ހަވާލު ކުރެވެއެވެ. މި ކަން ގުރޫޕް މަސައްކަތެއްގޮތަށް ނުވަތަ ފަރުދީކޮށް ވެސް ދެވިދާނެއެވެ. މިގޮތަށް ރާވާ ޙަރަކާތްތަކުގައި ލާޒިމު ކުރާ އެންމެ މުހިންމު ކަމަކީ ސީދާ ދަރިވަރުން ކިޔާނެ، ބަލާނެ، ވާހަކަދައްކާނެ ހަރަކާތްތެރިކަމާ އެކު، ކުރާނެ ކަންތައްތަކެއް ފިޔަވަޅުތަކާ އެކު، ރޭވިފައިވާ އުނގެނުމުގެ ހަރަކާތަކަށް ވުމެވެ. ބައެއް ޢިލުމުވެރިން ދެކޭގޮތުގައި މިގޮތަކީ 'ފްލިޕްޑް ކުލާސްރޫމް' /ފޮރޮޅި ކުލާސްރޫމް ފަދަ ކިޔަވައިދިނުމުގެ ގޮތްތަކާއި ވެސް ވަރަށް ބޮޑަށް ގުޅުން ހުރި ކިޔަވައިދިނުމުގެ ގޮތެކެވެ (ޖެޑިކިން، 2012). ފްރޮޅި ކުލާސްރޫމްގައި ޢާއްމުކޮށް މުދައްރިސް ހަވާލުކުރާ ކިޔުންތަކަކުން ކިޔުމަށްފަހު ނުވަތަ ބަލަން ހަވާލުކުރާ ވީޑިއޯތަކެއް ބެލުމަށްފަހު ނިންމަން ޖެހޭ މަސައްކަތްތަކެއް ހުންނާނެއެވެ. އެއަށްފަހު ކުލާހަށް އައިސް ކުރާނެ ޢަމަލީ މަސައްކަތްތަކެއް ރާވާނެއެވެ. މިއިން ކޮންމެ ގޮތަކަށް ކަންކުރި ނަމަވެސް ފްލިޕްޓް ކުލާސްރޫމުގައި ވެސް ދެވެނީ ސީދާ ކުލާހުން ބޭރުގައި ދަރިވަރުން އަމިއްލަ މަސައްކަތުން އުނގެނެން ކުރަންޖެހޭ ކަންތައްތަކެކެވެ. ފްލިޕްޓް ކުލާސްރޫމުގައި ވަރަށް ގިނަފަހަރަށް ކިޔާ ބައިތަކަކުން ނުވަތަ ބަލާ ވީޑިއޯތަކަކުން ދެނެގަނެވޭ މަޢުލޫމާތުތަކެއް ޖެހެނީ ޕްރެކްޓިކަލް/ޢަމަލީ މަސައްކަތްތަކަށް ބޭނުންކުރާށެވެ. މި ބާވަތުގެ މަސައްކަތަކީ ކުޑަ ވަގުތުކޮޅެއްގައި ކިޔުމަށް ހަވާލުކުރެވޭ ލިޔުންތަކެއް ނުވަތަ ކިޔަވައިދޭން އުޅޭ ބައިތަކާއި ގުޅޭ މަސައްކަތެކެވެ. މިހެން ހަވާލުކުރެވޭ ކަންކަމަކީ ދަރިވަރުން ކުލާހަށް އައުމުގެ ކުރިން ފިލާވަޅުގައި އޮޅުންފިލުވައިދޭ ބައިތަކަށް އެހީތެރިވެދޭނެ ފަދަ މަސައްކަތަކަށް ވާންޖެހެއެވެ. ބައެއްފަހަރު މިފަދަ މަސައްކަތަކަށް ވެބް-ބޭސްޑް-އެސައިންމަންޓްސްއޭ ވެސް ކިޔެއެވެ. ސަބަބަކީ ހަވާލު ކުރެވޭ ކިއުންތައް، ބަލަންޖެހޭ ވީޑިއޯތައް، އަދި ވެބްސައިޓްތައް މިއީ އޮންލައިންކޮށް ލިބެންހުންނަ ވަސީލަތްތަކެއް ބޭނުންކޮށްގެން ކުރަން ޖެހޭ ކަމަކަށްވުމެވެ. މިފަދަ މަސައްކަތެއް ދިނުމަށްފަހު، ޖެހިގެން އަންނަ ދުވަހު މުދައްރިސު ފިލާވަޅު ފެށުމުގެ ކުރިން، ހަވާލު ކުރި ކިއުންތައް ދަރިވަރުން ކިއާފައިވޭތޯ ބަލާނެއެވެ. ހަމައެއާ އެކު ފިލާވަޅުގެ އެކި ބައިތައް ކުރިޔަށް ގެންދާނީ އެ ހަވާލުކުރި މަސައްކަތުން ކުދިން ކިޔާފައި ދެނެގަނެވިފައިވާ މަޢުލޫމާތުތައް ގުޅުވަމުންނެވެ. ދަރިވަރުންނާއި ހަވާލުކުރި ކިއުންތައް ކިޔާފައި ވޭތޯ ބަލާއިރު އެއްވެސް ހާލެއްގައި އެކަން ކުރާނީ އެސެސްމަންޓް އޮފް ލަރނިން (އެނގިފައިވާ މިންވަރު ވަޒަންކުރުމަށްވުރެ) އެސެސްމަންޓް ފޯރ ލަރނިން (އުނގެނުމަށް ފަހި ވަޒަންކުރުމެއް) ގޮތަށެވެ. ބައެއް ފަހަރު އެފަދަ ކިއުންތަކުން ކުއިޒެއް ދިން ނަމަވެސް އަދި ސުވާލާއި ޖަވާބު ގެންދެވުނު ނަމަވެސް އެކަން ކުރާނީ އިތުރަށް އޮޅުންފިލުވައިދީ އުނގެނުމުގެ ފުރުސަތު އިތުރަށް ފަހިވެ ފިލާވަޅު ދޭހަވާ މިންވަރު ބޮޑު ކުރުމުގެ ގޮތުންނެވެ.
ޖެޑިކިން (2012) ލިޔުއްވާ ގޮތުގައި ޖަސްޓް-އިން-ޓައިމް-ޓީޗިން (ޖިޓް) އަކީ އަލަށް ތަޢާރަފުވި ކިޔަވައިދިނުމުގެ ގޮތެއް ނޫނެވެ. ނަމަވެސް އެއީ އެތައް ދިރާސާތަކާއި ތިއަރީތަކުގައި މިހާރު ވެސް އޭގެ ފައިދާ ހާމަކޮށްފައިވާ ކިޔަވައިދިނުމުގެ ގޮތެކެވެ. މިގޮތް ބޭނުން ކުރަން ފެށުމުގެ ޚިޔާލު ފެށުނީ ވަރަށް ގިނަ ފަހަރަށް ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިން، މެތަމެޓިކްސް (ސްޓެމް) ފަދަ މާއްދާތަކުގެ ވަރަށް ބައިވަރު ކޮންޓެންޓް/އޮއްޓަރު މަޢުލޫމާތުތައް ކިޔައިދީ ޝަރަހަކުރަން ހޭދަކުރާ ވަގުތު މަދުކޮށް، ދަރިވަރުންގެ ބައިވެރިވުން އުނގެނުމުގައި އިތުރުކުރުމަށެވެ. ވަރަށް ގިނަ ފަހަރަށް މި މާއްދާތަކުގައި ޝަރަހަކޮށްދެވޭ މަޢުލޫމާތުތައް ކިޔައިދީ ހެދުމަށް ކުލާހުގެ ގަޑީގައި އެތައް ވަގުތުތަކެއް ހޭދަވެއެވެ. މިކަން ކުޑަކޮށް ދަރިވަރުންގެ ވެސް މުދައްރިސުގެ ވެސް ވަގުތު އެންމެ އެދެވޭގޮތުގައި ބޭނުން ކުރުމަށްޓަކައި ރޭވޭ ޙަރަކާތްތެރި އަދި ޒިންމާދާރު (އެކްޓިވް އެންޑް އޮޓޮނޮމަސް ލަރނިން) އުނގުނުމުގެ ގޮތެކެވެ. ބައެއް މުދައްރިސުން، އެގޮތަށް ހަވާލުކުރެވޭ ކިޔުންތައް ފުރިހަމަ ކުރިތޯ ބެލުމަށްޓަކައި ކުލާހަށް އައުމުގެ ކުރިން ހަދަން ޖެހޭ ކުއިޒެއް ގޫގްލް ކުލާސްރޫމް ނުވަތަ މޫޑްލް ނުވަތަ އެހެން ވެސް އޮންލައިން ޕްލެޓްފޯމެއްގައި ދަރިވަރުން ހަދަންދީފައި އޮވެދާނެއެވެ. މީގެ ބޭނުމަކީ ދަރިވަރު އަމިއްލައަށް ވެސް އޭނާއަށް ކިޔުނު ބައިތަކާއި ގުޅޭ ގޮތުން އެނގުނީ ކިހާ މިންވަރަކަށްތޯ ވަޒަންކޮށްލުމަށް ފުރުސަތު ދިނުމެވެ. މިގޮތަށް ހަދާ ކުއިޒުތަކުގައި އެއްފަހަރަށް ވުރެ ގިނަފަހަރަށް ކުއިޒު ހެދުމަށްވެސް ޖާގަ ދެވިދާނެއެވެ ބޭނުމަކީ އެހަވާލު ކުރި ކިއުންތައް އެނގޭ މިންވަރު އިތުރު ކުރުމެވެ. މިގޮތަށް ތައްޔާރު ކުރެވޭ ކުއިޒުތައް ސެލްފް/ގްރޭޑިން ނުވަތަ އޮޓޮމެޓިކް ގުރޭޑިން ގޮތަށް ވެސް ތައްޔާރު ކުރެވިފައި ހުންނާނެވެ.
ޖަސްޓް-އިން-ޓައިމް-ޓީޗިންގެ މަސައްކަތް ދަރިވަރުންނަށް ޓަކައި، ރާވާއިރު މައިގަނޑު ބޭނުމަކަށް ވާންވާނީ:
(1) ކުލާހަށް އައުމުގެ ކުރިން ދަރިވަރުން ކިޔަވާނެ ބައިތަކާ ގުޅޭ މުހިންމު މަޢުލޫމާތުތަކަކަށް ޝައުޤުވެރިކަން އިތުރު ކުރުވުން
(2) ކިޔަވައިދޭން އުޅޭ ބައިތަކާ ބެހޭގޮތުން އަމިއްލައަށް ހޯދޭ މަޢުލޫމާތުގެ މިންވަރު އިތުރު ކުރަން ފުރުސަތު ފަހިކޮށް ދިނުން
(3) އިންޓަރނެޓްގެ ތަފާތު ވެބްސައިޓްތަކުގައި ހިމަނާފައިވާ މުހިންމު ލިޔުންތަކަށް ދަރިވަރުން އަހުލުވެރިކުރުވާ އެފަދަ މަޢުލޫމާތުތައް ހުންނަ ތަންތަން ދެކެފަރިތަވެ ހޯދުމަށް އެހީތެރިވެދިނުން
މި ތިން ކަމަކީ ވެސް މިޒަމާނުގެ ކިޔަވައިދިނުމުގެ ވައްޓަފާޅީގައި ކޮންމެހެން ވެސް ހިމަނަންޖެހޭ ކަންތައްތަކެކެވެ. ދިވެހިރާއްޖޭގެ މަންހަޖުގައި ވެސް އިޝާރާތްކުރާފަދައިން ދުރު މުސްގުބަލަށް ހޭލާ ހުންނަ ހަމައެކަނި ކުލާހުން ކިޔަވައިދޭ އެއްޗަކަށްވުރެ ދުރަށް ވިސްނަން ދަސްކޮށްދެވިފައިވާ ބަޔަކަށް ދަރިވަރުން ހަދަން ޖެހެއެވެ. އޭގެ ސަބަބުން ކޮންމެ ދިމާޔަކުން މަޢުލޫމާތު ލިބެން ހުންނަ، މިފަދަ، ދުވަސްވަރެއްގައި އޭގެ ބޭނުން ވެސް އެންމެ އެދެވޭ ގޮތުގައި ހިފައި އަދި ހަމައެހެން، ތަފާތު ނަޒަރުން ލިޔެފައިވާ މަޢުލޫމާތު ކިޔައި، ތަހުލީލުކޮށް، އެކި ގޮތްގޮތަށް ވިސްނާ ހެދުމުގެ ފުރުސަތު މިފަދަ ކަންކަމުގެ ތެރެއިން ފަހިވެއެވެ. 21 ވަނަ ގަރުނުގެ ޖީލަކީ މިފަދަ ކަންކަމަށް ތަމުރީނު ދޭންޖެހޭ ބައެކެވެ. ދުނިޔޭގެ އެތައް ބިތެއްގައި ޢަދަދު ނުކުރެވޭހާ ގިނަ ވެބްސައިޓްތަކާއި ބްލޮގްތަކާއި ވީޑީއޯތައް ވަނީ ތަޢުލީމީ ހުރިހާ ދާއިރާއެއްގެ ޢިލްމާ ގުޅޭ ގޮތުން ވެސް ހެދިފައެވެ. އޭގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ކުރާނަމަ، ޖަސްޓް-އިން-ޓައިމް-ޓީޗިންގެ ތަފާތު މަސައްކަތްތައް ދަރިވަރުންނާއި ހަވާލުކުރުމަކީ މުހިންމު ކަމެކެވެ. މިއީ ފަށާ ތަޢުލީމުން ފެށިގެން ގޮސް ޔުނިވަރސިޓީގެ މަރުހަލާއިގެ ކިޔަވައިދިނުމުގެ ތެރޭގައި ވެސް ހިމެނުން މުހިންމު ކިޔަވައިދިނުމުގެ ގޮތެކެވެ. އެކި މަރުހަލާއިގައި ހަވާލުކުރެވޭ ކިއުންތައް، ބަލަން ހަވާލުކުރެވޭ ވީޑިއޯތައް ވާންޖެހޭނީ އެ ޢުމުރުފުރައަކާ ގުޅޭ އަދި ދަރިވަރުންގެ ހެދިބޮޑުބުމުގެ ތަފާތު މަރުހަލާތަކާއި ސިދާ ގުޅުން ހުންނަ ބައިތަކަކަށެވެ. މި ކަމަށް ރިއާޔަތްކޮށް ޖިޓްގެ ތަފާތު މަސައްކަތްތައް ކޮންމެ މަރުހަލާއެއްގައި ވެސް ދެވިދާނެއެވެ.
މިއަދުވެސް މި ލިޔެލެވުނީ ކިޔަވައިދިނުމުގެ ގޮތްތަކުގެ ތެރެއިން މުދައްރިސުންނަށް އަމާޒުކޮށް ހުށަހަޅައިލެވުނު ބޭނުންތެރި ވާހަކަ ކޮޅެއް ކަމުގައި އުއްމީދު ކުރަމެވެ. މިފަދަ ކޮންމެ ޚިޔާލަކީ ވެސް ތަޖުރިބާކޮށް އަޖުމަ ބަލައިލުން ރަނގަޅު އަދި ދަރިވަރުންގެ އުނގެނުން އިތުރަށް ހަރުދަނާ ކުރުމަށް މަގުފަހިވާނެ ގޮތްތަކެކެވެ. ކިޔަވައިދިނުމަކީ އެއްވެސް ހާލެއްގައި އެއް ގޮތަކަށް އެއް ރިދަމަކަށް އެއް ވައްޓަފާޅިއަކަށް ގެންދަން ޖެހޭކަމެއް ނޫނެވެ. އާ ގޮތްތަކާއި އާ ޚިޔާލުތައް އަބަދުވެސް ތަޖުރިބާ ކުރަމުންދާ ބަޔަކަށްމުދައްރިސުންވުމަކީ އަޅުގަނޑުގެ އުއްމީދެވެ.