ކައުންސިލް އިންތިޚާބު އަވަސްކުރުން މުހިންމު - ނަޝީދު

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އަންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ވީހާވެސް އަވަހަކަށް ބޭއްވުމަކީ ވަރަށް މުހިއްމުކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައި މިވަނީ ޚާއްސަ ޤާނޫނުގައި ބުނެފައިވާ މުއްދަތުގައި ކައުންސިލް އެއިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ނުބޭއްވޭނެކަން ޔަގީންވެ އެކިފަރާތްތަކުން އެކަމުގެ ކަންބޮޑުވުންތައް ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ. ރައީސް މުހައްމަދު ނަޝީދު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ލޯކަލް ކައުންސިލް އިންތިޚާބު ވީހާވެސް އަވަހަށް ބޭއްވުން ވަރަށް މުހިއްމުކަމަށެވެ. އަދި އެކަން ކުރުމަށް ޤާނޫނަށް ބަދަލު ގެންނަން ޖެހޭ ނަމަ އެކަންވެސް ކުރުން މުހިއްމުކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުންވެސް ވަނީ މިކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފަވެ. މިކަން މިހެން ދިމާވެފައި މިވަނީ އިލެކްޝަންސް ކޮމިޝަނަށް ލިބެންޖެހޭ ބާރެއް އެހެންބަޔަކަށް ލިބިދީފައި އޮތުމުންކަމަށް ވިދާޅުވެ އިލްކެޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފުވަނީ މީޑިއާގައި ނުރުހުން ފާޅުވެސް ކުރައްވާފައެވެ.

އިންތިޚާބާބެހޭ ޚާއްސަ ޤާނޫނަކީ ކޮވިޑް-19ގެ ހާލަތާއި ގުޅިގެން އިންތިޚާބު ބޭއްވޭފަދަ ޙާލަތެއް ނެތުމުން ޤާނޫނީގޮތުން އުފެދުނު ހުސްކަން ފުރާލުމަށްޓަކައި އެކުލަވާލި ޤާނޫނެކެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރަން ޖެހުމުން އެކަމަށް މިޤާނޫނުން ޙައްލެއް ގެނައެވެ.

ޚާއްސަ ޤާނުނުގައި ބުނެފައިވަނީ އިންތިޚާބާއި ގުޅޭ ކަންކަން އިލެކްޝަންސް ކޮމިޝަނަށް ކުރެވޭނީ ޢާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުންކަމަށެވެ. ރާއްޖޭގައި ޢިއުލާންކޮށްފައި އޮތް ޢާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިއްޔެ ނިޔަލަށް ހަމަވުމުން އެޗްޕީއޭއިން ވަނީ އަންނަ މަހުގެ 3 ވަނަދުވަހުގެ ނިޔަލަށް އަނެއްކާވެސް މުއްދަތު އިތުރުކޮށްފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.