ލަންކާގެ ސްކޫލެއްގައި ކިޔަވަމުން އައި ދިވެހި ދަރިވަރުން ތަކެއް މާރާމާރީ ހިންގުމާއި ގުޅިގެން ލަންކާގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކުދިން ދޫކޮށްލައިފިއެވެ.
ދިވެހި ކިޔަވާކުދިން ތަކެއްގެ މެދުގައި ހިނގި ބަހުސެއް ހޫނުވެ، މާރާމާރީ ހިންގުމުގެ ސަބަބުން އެތަނުން އެއްކުއްޖަކު ހޮސްޕިޓަލުން ފަރުވާ ހޯދަންވެސް ޖެހުނުއިރު ފުލުހުން ވަނީ މީގެތެރެއިން ދެކުއްޖަކު ހައްޔަރު ކޮށްފައެވެ. އަދި އިތުރު ދެކުއްޖެއްގެ ބަޔާންވެސް ފުލުހުން ނެގިއެވެ. އެނގިފައިވާ ގޮތުގައި ކަތުރެއް ފަދަ ތޫނު އެއްޗެއް ހަރާލުމުގެ ސަބަބުން މިތަނުން އެއްކުއްޖަކަށް ސީރިއަސް އަނިޔާ ތަކެއްވެސް ވިއެވެ. އަދި އެތަނުގައި ހިނގި މާރާމާރީ ހުއްޓުވަން އުޅުނު އެ ސްކޫލްގައި ކިޔަވާ ލަންކާގެ ކުއްޖަކަށްވެސް އަނިޔާ ތަކެއް ވިއެވެ.
މި މައްސަލައިގައި ފުލުހުން އެކުދިންނަށް ޝަރުތު ކޮށްފައި ވަނީ މައްސަލަ ވަކިގޮތަކަށް ފުލުހުން ނުނިންމަނީސް ލަންކާއިން ފުރައިގެން ގޮސްގެން ނުވާނެ ކަމަށެވެ. ފުލުހުން މައްސަލަ ތަހުގީގު ކުރަމުން އަންނައިރު މިހުރިހާ ކުދިންނަކީވެސް ލަންކާގައި ހުންނަ އިންޓަރނޭޝަނަލް ސްކޫލެއް ކަމަށްވާ ޑޭބްރިޖް އިންޓަރނޭޝަނަލް ސްކޫލްގެ ދަރިވަރުންނެވެ.
އެނގިފައިވާ ގޮތުގައި އަނިޔާވި ކުއްޖާ ދޫކޮށްލުމަށް ފަހު އެހެން ބަޔެއް ކުދިން އެތަނުން ވަނީ ފިލާފައެވެ. ނަމަވެސް ފަހުން ލަންކާ ފުލުހުން ވަނީ އެކުދިން ހޯދާފައެވެ.