އިނގިރޭސިވިލާތުގެ ބަޔޯފާމަސޫޓިކަލް ކުންފުނި އާސްޓްރާޒެނެކާއާއި އޮސްފޯޑް ޔުނިވަސިޓީ ގުޅިގެން ކޮވިޑް-19 އަށް އުފެއްދި ވެކްސިން ބޭނުންކުރުމުގެ ހުއްދަ އިނގިރޭސިވިލާތުން ދީފިއެވެ.
މެޑިސިންސް އެންޑް ހެލްތުކެއާ ޕްރޮޑަކްސް ރެގިއުލޭޓަރީ އޮތޯރިޓީ (އެމްއެޗްއާރްއޭ) އިން މި ވެކްސިނަށް ހުއްދަލިބުމަކީ ކޮވިޑް-19 އާއި ދެކޮޅަށް މަސައްކަތްކުރާ ފަރާތްތަކަށް ލިބުނު ބޮޑު ހިތްހަމަޖެހުމެކެވެ. އެއީ، އާދައިގެ ފްރިޖްގެ ފިނިހޫނު މިނުގައި (2-8 ޑިގްރީ ސެލްސިޔަސް) އެ ވެކްސިން ރައްކާކޮށްފައި ބެހެއްޓޭތީއެވެ.
އިނގިރޭސިވިލާތަކީ އޮކްސްފޯޑް ޔުނިވަސިޓީގެ ސައިންސުވެރިން ތައްޔާރުކޮށް، އާސްޓްރާޒެނެކާ ކުންފުނިން އުފައްދައި ނެރުނު މި ވެކްސިން ބޭނުންކުރުމުގެ ހުއްދަދިން ފުރަތަމަ ގައުމެވެ.
"ވަރަށް އުފާވެރި ޚަބަރެއް" "އިނގިރޭސި ސައިންސަށް ލިބުނު ބޮޑު ކާމިޔާބިއެއް." ވެކްސިނަށް ހުއްދަދިނުމާ ގުޅިގެން އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޮންސަން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވެއެވެ.
"މިކަމުން (ވެކްސިނަށް ހުއްދަ ލިބުމުން) އަހަރުމެން ދިރިއުޅުން އާދައިގެ ހާލަތަށް އަނބުރައި ގެނައުމުގެ ދުވަސް އަވަސްވެގެން ދިޔައީ. އަންނަ ރަބީއު މޫސުމުގައި މިކަމުން އަރައިގަނެވޭނެއޭ މިހާރު އިތުބާރާއެކު އަހަރުމެންނަށް ބުނެވިދާނެ." އިނގިރޭސި ހެލްތު ސެކްރެޓަރީ (ހެލްތު މިނިސްޓަރ) މެޓް ހޭންކޮކް ވިދާޅުވިއެވެ.
އިނގިރޭސިވިލާތުން ވަނީ މި ވެކްސިންގެ 100 މިލިއަން ޑޯޒް ގަތުމަށް އޯޑަރުދީފައެވެ. އަދި ޖަނަވަރީ 4 ގައި ވެކްސިން ޖަހަން ފަށައި ކުރު މުއްދަތެއްގެ ތެރޭގައި އެތައް މިލިއަން ބަޔަކަށް ވެކްސިން ޖެހުމަށް ވަނީ ނިންމާފައެވެ.
މި ވެކްސިންގެ އެއް ޑޯޒް ޖެހުމުން ފުދޭކަމަށް އިނގިރޭސި ސައިންސުވެރިން ވަނީ ބުނެފައެވެ.
އިންގިރޭސި ސަރުކާރުގެ ސައިޓިފިކް އެޑްވައިޒަރު ޕްރޮފެސަރ ކެލަމް ސެމްޕަލް ވިދާޅުވީ މިހާރު ގަސްތުކޮށްފައި އޮތީ "އެއް ޑޯޒު ޖަހާގޮތަށް" ކަމުގައެވެ. ބޭނުމަކީ "ވީހާ ގިނަބަޔަކަށް ވެކްސިން ޖެހުމެވެ."
ސެމްޕަލް ވިދާޅުވި ގޮތުގައި އުމުރުން ދުވަސްވީ މީހުން ބޭނުން ކޮށްގެން ކުރި ޓެސްޓްތަކުގެ ނަތީޖާ ދައްކާގޮތުން، އެއް ޑޯޒު ޖެހުމުން ބަލި ގޯސްވުން ހުއްޓުވުގެ އިތުރަށް މީހާގެ ދިފާއީ ނިޒާމުން ވައިރަސްއާ ދެކޮޅަށް ރަނގަޅަށް މަސައްކަތްކުރެއެވެ.
އާސްޓްރާޒެނެކާއިން ބުނި ގޮތުގައި އެ ކުންފުނީގެ ވެކްސިން ދުނިޔޭގެ އެންމެ ފަގީރު ގައުމުތަކަށް ހެޔޮ އަގުގައި ލިބޭނެ ގޮތް ހަދާނެއެވެ. އަދި އެކުންފުނި މި ވެކްސިން ނެރެނީ ވިޔަފާރީގެ ފައިދާއަކަށް ނޫނެވެ.