ބާސްމަތީ ހަނޑުލުގެ 'މިލްކުވެރިކަމުގެ' މައްސަލައިގައި އިންޑިޔާއާއި ޕާކިސްތާނު ދެމެދުގައި އަރައިރުން ގަދަވެއްޖެއެވެ.
މި މައްސަލަ ބޮޑުވީ ބާސްމަތީ ހަނޑުލަކީ އިންޑިޔާގެ އެއްޗެއް ކަމަށް ބުނެ ޔޫރަޕިއަން ޔުނިއަން (އީޔޫ) ޖިއޮގްރަފިކަލް އިންޑިކޭޝަން (ޖީއައި) ހޯދަން އިންޑިޔާއިން ހުށަހެޅުމުންނެވެ.
ވަކި އުފެއްދުމަކީ ވަކި ގައުމެއް ނުވަތަ ރަށެއްގެ އެއްޗެއްކަން ކަނޑައަޅައި، އެ އުފެއްދުމަކަށް ޖީއައި ޓެގް ދިނުމުން އެގައުމަކަށް އެ އުފެއްދުމެއް ވިއްކުމުގައްޔާއި، އުފެއްދުމުގައި ބޭނުންކުރާ ގޮތްތައް ރައްކާތެރިކުރުމުގައި އިނާޔަތްތަކެއް ލިބިގެން ދެއެވެ.
އިންޑިޔާގެ ހުށަހެޅުމަށް އިއުތިރާޒުކޮށް ޕާކިސްތާނުގެ އިންޓެލްޗުއަލް ޕްރޮޕަޓީ އޮގަނައިޒޭޝަން (އައިޕީއޯ) އިން ވަނީ ބްރަސެލްސްގައި މަސައްކަތްކުރާ ބައިނަލްއަގްވާމީ ގާނޫނީ ވަކީލުންގެ އޮފީހެއް މެދުވެރިކޮށް އީޔޫއަށް މައްސަލަ ހުށަހަޅާފައެވެ. ޕާކިސްތާނުން ބުނާ ގޮތުގައި އެގައުމަކީވެސް ބާސްމަތީ ހަނޑު އުފައްދައި ދުނިޔޭގެ ބާޒާރަށް ނެރުމުގައި ހިއްސާ ބޮޑު ގައުމަކަށް ވާއިރު އިންޑިޔާއަށް އެކަނި ބާސްމަތީ ހަނޑުލުގެ 'މިލްކުވެރިކަން' ދިނުމަކީ އިންސާފެއް ނޫނެވެ.
މިކަން ހާމަކުރައްވާފައި ވަނީ ޕާކިސްތާނުގެ ކޮމާސް އެޑްވައިޒަރު ޢަބްދުއްރައްޒާޤު ދާވޫދެވެ. އޭނާ ވަނީ ޕާކިސްތާނުން މިމައްސަލަ ދިފާއުކުރުމުގައި ފަރުވާތެރިކަމާއެކު ކުރިއަށް ދާނެކަމުގެ ޔަގީންކަން ޕާކިސްތާނު ހަނޑޫ އުފައްދާ ފަރާތްތަކަށް ދެއްވާފައެވެ.
އީޔޫގެ ރެގިއުލޭޝަންސް އޮފް ދަ ޔޫރަޕިއަން ޕާލަމެންޓްގެ މައްދާ 50(2) ގެ ހ. ބުނާގޮތުން އެއްވެސް ގައުމަކުން ވަކު އުފެއްދުމަކަށް ޖީއައި ޓެގް ހޯދަން ހުށަހަޅައިފިނަމަ، އެ އުފެއްދުމާ ގުޅުންހުރި އެހެން ގައުމަކަށް އެކަމާ އިއުތިރާޒުކޮށް މައްސަލަ ހުށަހެޅިދާނެއެވެ.
ޖީއައި ޓެގު ދެނީ 10 އަހަރު ދުވަހުގެ މުއްދަތަށެވެ. އެއަށްފަހު މުއްދަތު އިތުރުކުރެވޭނީ މުރާޖައާކުރުމަށް ފަހުއެވެ.
ދުނިޔޭ ބާޒާރަށް ނެރޭ ބާސްމަތީ ހަނޑުލުގެ %65 އިންޑިޔާއިން ނެރޭއިރު ޕާކިސްތާނުން ނެރެނީ %35 އެވެ. ޕާކިސްތާނުން ބުނާ ގޮތުގައި ބާސްމަތީ ހަނޑު ބޭރުކޮށްގެން އެ ގައުމަށް އަހަރަކު 800 މިލިއަން އެމެރިކާ ޑޮލަރާ 1 ބިލިއަން ޑޮލަރާ ދެމެދުގެ އާމްދަނީއެއް ލިބެއެވެ.
އީޔޫގެ ގަވާއިދު ބުނާ ގޮތުން އެއްވެސް ގައުމަކުން ވަކި އުފެއްދުމަކަށް ޖީއައި ޓެގް ހޯދަން ހުށަހަޅާ ހުށަހެޅުން އެ ޖަމާއަތުގެ ރަސްމީ ޖާނަލްގައި ގެޒެޓް ކުރާތާ ތިން މަސްދުވަހުގެ ތެރޭގައި އެހުށަހުޅުމަށް އިއުތިޒާރުކޮށް ހުށަހަޅަން ޖެހެއެވެ. ޕާކިސްތާނުން މި އިއުތިރާޒު ހުށަހަޅާފައި ވަނީ އެ މުއްދަތު ހަމަވުމުގެ ކުރިންނެވެ.
މިހާރު އީޔޫއިން އިންޑިޔާއަށް ޖީއައި ޓެގް ދީފައިވާ އެންމެ މަޝްހޫރު އުފެއްދުމަކީ ދާރްޖީލިންގް ސައިފަތެވެ. ޕާކިސްތާނުގެ ހުންޒާ އެޕްރިކޮޓާއި، ކަސޫރީ މޭތިއަށްވެސް ވަނީ ޖީއައި ޓެގް ލިބިފައެވެ.