ލީބިޔާގެ ލީޑަރު ކާނަލް މުޢައްމަރު އަލްޤައްޒާފީގެ ވެރިކަން 2012 ވަނަ އަހަރު ވައްޓާލުމަށް ފަހު ވެރިރަށް ޓްރިޕޮލީ (ޠަރާބުލުސް) ގައި އުފެދުނު ސަރުކާރާ ދެމެދު ގޯސްވެފައި އޮތް ގުޅުން އާދައިގެ ހާލަތަށް ގެނައުމުގެ މަސައްކަތް މިސްރުން ފަށައިފިއެވެ.
ލީބިޔާގެ ގާނޫނީ ސަރުކާރު ކަމުގައި އދ، އިން ގަބޫލުކުރާ ސަރުކާރަކީ ޓްރިޕޮލީގައި ގާއިމުވެފައި އޮތް ގަވަމެންޓް އޮފް ނޭޝަނަލް އެކޯޑް (ޖީއެންއޭ) ކަމުގައި ވިޔަސް، މިސްރުން ގަބޫލުކުރަމުން އައިސފައި ވަނީ ލީބިޔާ އިރުމަތީގައި ގާއިމުވެފައި އޮތް ސަރުކާރެވެ. އެއީ ހަނގުރާމަވެރި ލީޑަރު ޚަލީފާ ޙަފްތަރުގެ ތާއީދުވެސް އޮތް ސަރުކާރެވެ. އެހެންކަމުން ޙަފްތަރާއެކު މިސްރުން އައީ ގާތް ގުޅުމެއް ބާއްވަމުންނެވެ.
އެހެންނަމަވެސް، މިސްރުގެ ސަލާމަތީ ކަންކަމާ ބެހޭ އިސްވެރިންގެ ވަފުދެއް ކުއްލިއަކަށް ޓްރިޕޮލީއަށް ގޮސް ޖީއެންއޭގެ އިސްވެރިންނާއެކު މަޝްވަރާތައް ފެށުމާއެކު މަންޒަރު މިވަނީ ބަދަލުވާން ފަށާފައެވެ.
ޚަބަރުފަތުރާ ވަސީލަތްތަކަށް މައުލޫމާތުދެއްވަމުން ލީބިޔާގެ ފޮރިން މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި މިސްރުގެ ވަފުދުގެ މި ދަތުރުގެ ބޭނުމަކީ ދެގައުމުގެ ޑިޕްލޮމެޓިކް ގުޅުން އާދައިގެ ހާލަތަށް ގެނެސް އަހަރުތަކަކަށް ކެނޑިފައި އޮތް ގުޅުން އަލުން އާދައިގެ ހާލަތަށް ގެނައުމަށް ހުރި ހުރަސްތައް ނައްތާލުމެވެ.
އެ އޮފިޝަލް ވިދާޅުވި ގޮތުގައި ޖީއެންއޭ ސަރުކާރުން ވަނީ ދެގައުމުގެ ދެމެދުގައި 'ހަތަރު މިނިވަންކަމުގެ' މައްޗަށް ބިނާކޮށް އެކުލަވާލާފައި އޮތް އެއްބަސްވުމަށް ދެގައުމުން އަލުން އަމަލުކުރަން ފެށުމެވެ. އެ ހަތަރު މިނިވަންކަމަކީ އެއްގައުމުން އަނެއް ގައުމަށް ދަތުރުކުރުމުގެ މިނިވަންކަމާއި، މުދާ މިލްކުކުރުމުގެ މިނިވަންކަމާއި، އެއްގައުމުގެ ރައްޔިތުން އަނެއްގައުމުގައި ދިރިއުޅުމުގެ މިނިވަންކަމާއި، މަސައްކަތްކުރުމުގެ މިނިވަންކަމެވެ.
މިސްރުގެ ވަފުދުން ކުރި މަޝްވަރާތަކުގެ ތަފްސީލާއި، އެ މަޝްވަރާތަކުން ނުކުން ނަތީޖާ އަދި ނޭނގުނު ނަމަވެސް ޓްރިޕޮލީން ލިބޭ ޚަބަރުތައް ބުނާގޮތުގައި، މިސްރުގެ ޖަލުތަކުގައި ތިބި ލީބިޔާ ރައްޔިތުންނަށް ޒިޔާރަތްކުރުމުގެ ފުރަސަތު ދިނުމާއި، ޓްރިޕޮލީގައި ހުރި މިސްރުގެ އެންބަސީ އަލުން ހުޅުވައި، މަަސައްކަތްފެށުން ހިމެނެއެެވެ. އަދި ދެ ގައުމުގެ ދެމެދުގައި ވައިގެ ދަތުރުފަތުރު އަލުން ފަށައި، މިސްރުގެ އެއާޕޯޓުތަކަށް ލީބިޔާގެ މަތިންދާބޯޓު ޖެއްސުމުގެ ހުއްދަދިނުން ހިމެނެއެވެ.
މިސްރުގެ ފޮރިން މިނިސްޓްރީއާއި ޖާސޫސީ އިދާރާގެ އިސް ބޭފުޅުން ހިމެނިވަޑައިގަންނަވާ މި ވަފުދަކީ 2014 ގެ ފަހުން ޓްރިޕޮލީއަށް ޒިޔާރަތްކުރާ މިސްރުގެ ފުރަތަމަ ވަފުދެވެ.
އަނެއްކޮޅުން، މިސްރުގެ ޚާރިޖީ ވަޒީރު ސާމިޙު ޝުކްރީ ވަނީ ލީބިޔާގެ ޖީއެންއޭގެ ޚާރިޖީ ވަޒީރު މުޙައްމަދު ޠާހިރު ސިޔާލާއާއި ފޯނުން ގުޅުއްވައި ލީބިޔާގައި ހަމަޖެހުން ގާއިމުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާމެދު މަޝްވަރާކުރައްވާފައެވެ.
ޓްރިޕޮލީގައި އޮތް ޖީއެންއޭ ސަރުކާރާ މިސްރާ ދެމެދު ގުޅުން އާދައިގެ ހާލަތަށް ބަދަލުވުމަކީ މިސްރާއި ތުރުކީގެ ގުޅުން ރަނގަޅުވުމަށް މަގުފަހިވާނެ ކަމެއް ކަމަށް މުރާސިލުން ދެކެއެވެ. ތުރުކީއަކީ ޖީއެންއޭ ސަރުކާރަށް އެންެމެ ބޮޑަށް އެހީވާ ގައުމެވެ.