ޖަލުގައި މިވަގުތު ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަޙްމަދު ފާރިޝް މައުމޫން ކުއްލި ގޮތަކަށް މާލެ ގެނެސް އައިޖީއެމްއެޗްގެ ޑޮކްޓަރަށް ދައްކައިފިއެވެ.
ފާރިޝް މިއަދު މާލެ ގެނެސް ދައްކާފައި ވަނީ އެތެރެހަށީގެ ޑޮކްޓަރަކަށެވެ. ނަމަވެސް ފާރިޝް ޑޮކްޓަރަށް ދެއްކީ ކީއްވެގެން ކަމެއް ސާފެއް ނުވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ފާރިޝް ބަލިވެގެން ޑޮކްޓަރަށް ދައްކަން މާލެ ގެންނަކަން އާއިލާއަށް އަންގާފައި ނުވެއެވެ. ނަމަވެސް ފާރިޝް ޑޮކްޓަރަށް ދައްކަން މާލެ ގެނައި ޚަބަރު ލިބިގެން އާއިލާގެ ބަޔެއް ބޭފުޅުން ވަނީ އައިޖީއެމްއެޗަށް ގޮސް ފާރޝްއާ ކުޑަވަގުތު ކޮޅަކަށް ބައްދަލު ކޮށްފައެވެ.
ފާރިޝް ޖަލުގައި ހައްޔަރު ކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދެއްވި ކަމުގެ ތުހުމަތުގައެވެ. މިވަގުތު ފާރިޝް ޖަލުގައި ހުންނެވީ އޭނާގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ދެއްވި ކަމުގެ ދައުވާގެ ޝަރީއަތް ނިމެންދެން ޖަލުގައި ބަހައްޓަން އަމުރު ކޮށްފައި އޮތުމުންނެވެ.
ފާރިޝް ޖަލުގައި ހުންނަވާ ދުވަސްތަކުގައި ބައްޕާފުޅު ކުރީގެ ރައީސް މައުމޫން އަބްދުލްގަތްޔޫމް އާއި މަންމާފުޅު ނަސްރީނާ އިބްރާހިމްވެސް ވަނީ ޖަލަށް ވަޑައިގެން ފާރިޝްއާ ބައްދަލު ކުރައްވާފައެވެ. އަދި އާއިލާގެ ބަޔެއް އެހެން ބޭފުޅުންވެސް މާފުށީ ޖަލަށް ވަޑައިގެން ފާރިޝްއާ ބައްދަލު ކުރައްވާފައިވެއެވެ. އަދި ފާރިޝްގެ މައްޗަށް ހިންގުނު ބަޔެއް ޝަރީއަތް ތަކަށްވެސް އާއިލާގެ ބޭފުޅުން ވަނީ ވަޑައިގެންފައެވެ.