ވެރިން ޖަލަށްލުމަށް ހުއްޓުމެއް އަންނަން ބޭނުންވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިމޭރުމުން ވާހަކަ ދެއްކެވީ " އާސްކް ސްޕީކަރ" ގައި ރައީސް ޔާމީން ގެއަށް ބަދަލު ކުރެވޭނީ ކިހާތާކުތޯ މީހަކު ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. ރައީސް ނަޝިދު ވިދާޅުވީ ކުށެއް ކޮށްފިއްޔާ އަދަބު ދޭން ޖެހޭނެ ކަމަށް އެންމެންވެސް ބުނާނެކަމަށެވެ. އަދި އެކަމާ އެމަނުކުފާނުވެސް އިންކާރު ކުރަނީ ނޫންކަމަށެވެ. އެހެންނަމަވެސް ރާއްޖޭގައި ވެރިކަން ކޮށްފައި ތިބި މީހުންނާ ގުޅޭ ގޮތުން ހަރުކަށި ގޮތެއްގައި ޢަމަލުކުރީމާ ދިވެހިންގެ ގިނަ ބަޔަކު އެކަން ރަނގަޅުކަމެއްގެ ގޮތުގައި ދެކޭކަމަކަށް އެމަނިކުފާނަށް ޤަބޫލުފުޅު ނުކުރެއްވޭކަމަށް ވިދާޅުވިއެވެ.
އެއްވެސް ވެރިއަކަށް އެންމެން ރުހޭނެކަމަށް ދެކެވަޑައިނުގަންނަވާ ކަމަށާއި ނުރުހޭނެ މީހުންވެސް ތިބޭނެކަމަށެވެ. އެމަނިކުފާނު ކަމުގައި ވިއަސް އަދި ރައީސް ޔާމީންވިއަސް ކަން އޮންނާނީ އެހެންކަމަށް ފާހަގަ ކުރެއްވިއެވެ.
ރައިސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ރައީސް މައުމޫނު ޖަލަށް ނުލައްވާކަމަށެވެ. ރައީސް މައުމޫނު ޖަލަށް ނުލީ އެމަނިކުފާނަށް ކަމެއް ނުކުރައްވާތީ ނޫންކަމަށެވެ. ރައީސް މައުމޫނަކީ ތިރީސް އަހަރުގެ ދިގު، ޚުދުމުޚުތާރު އަނިޔާވެރި ވެރިކަމެއް ކުރެއްވި ބޭފުޅެއްކަމަށް ރައިސް ނަޝީދު ވިދާޅުވިއެވެ. ދިވެހިން ފިއްކަޑައިގެންދާހާ ރައީސް މައުމޫނު އަނިޔާވެރިކަމަށްވެސް ވިދާޅުވިއެވެ. އެހެންނަމަވެސް އެމަނިކުފާނު ބެއްލެވީ އެކަން ތާރީޚުގެ ފަތްފުށްތަކަށް ދޫކުރައްވައި ދިވެހިންނަށް ވެރިކަން ކުރަމުން ދެވޭނެ ގޮތެއް ހޯދުމަށް ކަމަށް ރައީސް ނަޝިދު ވިދާޅުވިއެވެ.
"އަޅުގަނޑު ރައީސް މައުމޫނު ޖަލަކަށް ނުލަން. އެއީކީ ރައީސް މައުމޫނު އަޅުގަނޑަށް ކަމެއް ނުކުރައްވާތީކީ އެއް ނޫން. ރައީސް މައުމޫނަކީ ތިރީސް އަހަރުގެ ދިގު، ހުދުމުހުތާރު އަނިޔާވެރި ވެރިކަމެއް ކުރެއްވި ބޭފުޅެއް. ދިވެހިން ފިއްކަޑައިގެންދާހާ އަނިޔާވެރި. އެހެންނަމަވެސް އަޅުގަނޑުބެލީ އެކަން ތާރީހުގެ ފަތްފުށަށްގެންދެވި، ހެޔޮގޮތުގައި ދިވެހިންނަށް ވެރިކަން ކުރަމުން ދެވޭނެ ގޮތެއް ހޯދުން. އަޅުގަޑަށް ދުވަސް ކޮޅަކު އެކަން ކުރެވުނު. އެހެންނަމަވެސް އަޅުގަނޑުގެ ނާއިބް ރައީސް ކުޑަދުވަސް ކޮޅަކަށް ވެރިކަން ކުރެއްވި. އެބޭފުޅާ ވެސް އަޅުގަނޑު ގެންގޮސް ޖަލަށް ލައިފި. އަޅުގަނޑެއް ނޫޅެން އަޅުގަނޑުގެ ނާއިބްރައީސް ޖަލަށްލާކަށް. ދެން ރައީސް ޔާމިން ވެރިކަމަށް ވަޑައިގެން އަނެއްކާ މަސައްކަތް ކުރެއްވީ އަޅުގަނޑު ގެންގޮސް ޖަލަށް ލާން. އަޅުގަނޑުގެ ވާހަކައަކީ މިގޮތަށް މިކަން ހިނގާހާ ދުވަހަކު ހުއްޓުމެއް ގެނެވޭކަށް ނެތޭ. އަޅުގަނޑު އެދެނީ ހުއްޓުމެއް އަންނަން." ރައީސް ނަޝީދު ވިދާޅުވިއެވެ.