ވެރިކަންކުރާ ޕީޕީއެމްގެ ވަފުދެއް ބޭރު ގައުމުތަކުގެ ޖަމާއަތްތަކާ ބައްދަލުކޮށް ރާއްޖޭގެ ސިޔާސީ މަސްރަޙުގެ މައުލޫމާތު ދީފިއެވެ.
ބޭރުގައުމު ތަކުގެ ޖަމާއަތްތަކާ ބައްދަލުކުރި ޕީޕީއެމްގެ ވަފުދުގައި އެންމެ އިސްކޮށް ހުންނެވީ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ ވިލިމާފަންނު ދާއިރާގެ މެމްބަރު އަޙްމަދު ނިހާން ޙުސައިން މަނިކެވެ. ނިހާންގެ އިތުރުން ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް، ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލް އާއި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފާއި، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އާއި، ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާނުގެ އިތުރުން ރާއްޖޭގެ ފަރާތުން ޖެނީވާގައި ހުންނަވާ ދާއިމީ މަންދޫބު ހާލާ ހަމީދާއި ޑެޕިއުޓީ ޕާމަނަންޓް ސެކްރެޓަރީ ސާލިމް ވަހީދުއެވެ.
ޕީޕީއެމްގެ ވަފްދުން ވަނީ ސުވިޒަލެންޑްގެ ޖެނީވާގައި ތިއްބަވާ ބޭރުގެ އެކިއެކި ގައުމުތަކުގެ އިސްފަރާތްތާ ބައްދަލުކޮށް ރާއްޖޭގެ ސިޔާސީ މަސްރަޙްގެ މައުލޫމާތު ދެއްވާފައެވެ. އޭގެތެރޭގައި އދ. ގެ ހައި ކޮމިޝަނާރ ފޯ ހިއުމަން ރައިޓްސް ޒައިދު ރައާދު އަލް ހުސެއިނާއި، އިންޓަ ޕާލަމެންޓްރީ ޔޫނިއަން (އައިޕީޔޫ) ގެ މި ދައުރުގެ ރައީސް އާއި އެ ޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލް އާއި އޮގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަންގެ އިސްވެރިންނާއި ޖެނީވާގައި ތިއްބެވި ޓްރޮއިކާ އާއި އެމެރިކާ އާއި ސިންގަޕޫރު އަދި ސައުދީއަރަބިއްޔާގެ އިސްފަރާތްތަކާވެސް ޕީޕީއެމްގެ ވަފުދުން ވަނީ ބައްދަލު ކޮށްފައެވެ.
ބައްދަލުވުމަށް ފަހު ނިހާން ވިދާޅުވީ އެ ވަފުދުން ބައްދަލުކުރި ބަޔެއް ޖަމާއަތް ތަކުގެ ތެރޭގައި މީގެކުރިން ރާއްޖޭގެ ކަންކަމަށް ފާޑުކިޔާފައިވާ ބަޔެއް ޖަމާއަތްތައްވެސް ހިމެނޭ ކަމަށެވެ.