ގަލްފުގެ އަރަބި ގައުމެއް ކަމުގައިވާ ކުވޭތުގެ ގާނޫނުހަދާ މަޖިލިސް (މަޖްލިސުލް އުއްމާ) އަށް މެންބަރުން ހޮވުމަށް އިއްޔެ ބޭއްވި އިންތިޚާބު ނަތީޖާ ދައްކާގޮތުން މަޖިލީހަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ.
ނިމުނު ދައުރުގައި ތިއްބެވި 50 މެންބަރުންގެ ތެރެއިން 44 މެންބަރަކު އާ ދައުރަކަށް ވާދަކުރެއްވި އިރު އެތަނުން ހޮވިވަޑައިގަތީ އެންމެ 19 މެންބަރުންނެވެ. އަލުން އިންތިޚާބުވެވަޑައިގަތް ބޭފުޅުންގެ ތެރޭގައި ގާނޫނުހަދާ މަޖިލީހުގައި އެންމެ ގިނަ ދުވަސްވީ މެންބަރުވެސް ހިމެނިވަޑައިގަންނަވައެވެ. ޢަދްނާން ޢަބްދުއްޞަމަދު ގެންދަވަނީ 1981 ވަނަ އަހަރުއްސުރި މެންބަރުކަން ކުރައްވަމުންނެވެ. މިއީ އޭނާ އިންތިޚާބު ކާމިޔާބުކުރެއްވި 11 ވަނަ ފަހަރެވެ.
މިފަހަރުގެ އިންތިޚާބުގައި އަންހެން 31 ބޭފުޅުން ވާދަކުރެއްވި އިރު އެންމެ އަންހެން ބޭފުޅަކުވެސް ހޮވިވަޑައިގެންފައި ނުވެއެވެ.
އިންތިޚާބީ 5 ދާއިރާގެ 50 ގޮނިޑިއަށް 326 ކެންޑިޑޭޓުން ވާދަކުރެއްވި މި އިންތިޚާބުގައި 5 ލައްކަ 67 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު އެމީހުންގެ ތެރޭން %60 ވަނީ ވޯޓުލާފައެވެ. މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ލީ ވޯޓަކަށް ވާތީ، ވޯޓުލާފައި ވަނީ ހީކުރި ވަރަށްވުރެ ބޮޑު އަދަދެކެވެ.
ގަލްފުގައި ޝާހީ އާއިލާތަކުން ވިރާސީ ރަސްކަންކުރާ ގައުމުތަކުގެ ތެރެއިން އިންތިޚާބުކުރެވޭ ގާނޫނުހަދާ މަޖިލީހެއް އޮންނަނީ ކުވޭތުގައި އެކަންޗެވެ. އަދ ކުވޭތުގެ ގާނޫނުހަދާ މަޖިލީހަކީ މިނިވަންކަމާއެކު މައްސަލަތަކަށް ބަހުސްކުރާ، މިނިވަންކަމާއެކު ކަންކަން ނިންމާ މަޖިލީހެއް ކަން ފާހަގަކޮށްލަން ޖެހެއެވެ.
ކުވޭތުގައި ރަސްމީގޮތުން ސީޔާސީ ޕާޓީތަކެއް ނެތް ނަމަވެސް ގާނޫނުހަދާ މަޖިލީހުގައި އެކި ފިކުރުގެ މީހުން ވަކި 'ބްލޮކްތަކެއް'ގެ ގޮތުގައި މަސަކަތްކުރެވެ.
މި ބޮލްކްތަކަށް ބަލާއިރު، އިސްލާމާ ސަލަފީ ބްލޮކަށް އެއްވެސް ގޮނޑިއެއް ލިބިފައި ނުވެއެވެ. އިސްލާމީ ދަސްތޫރީ ހަރަކާތް (މުސްލިމް ބްރަދަރހުޑް) އިން ވަނީ 3 ގޮނޑި ކާމިޔާބުކޮށްފައެވެ. އަދި ޝީޢާ ބްލޮކްގެ 6 މެންބަރުން އިންތިޚާބުވެވަޑައިގެންފައި ވެއެވެ.
ކުވޭތުގެ މަޖްލިސުލް އުއްމާގެ ދައުރަކި 4 އަހަރެވެ. އެ މަޖިލީހަށް ބޮޑުވަޒީރު އަދި ވަޒީރުން ހާޒިރުކޮށް ސުވާލުކުރުމާއި، ވަޒީރުން ވަކިކުރުމާއި، ސަރުކާރުގެ އިތުބާރު ނެތްކަމަށް ނިންމުމުގެ ބާރު ކުވޭތުގެ ގާނޫނުން ލިބިދެއެވެ.