ސްރީލަންކާގެ ޖަލުގައި ހިނގި ހަމަނުޖެހުމަށް ފަހު ގިނަ އަދަދެއްގެ ގައިދީން ދޫކޮށްލައިފި

ގައިދީން އާއިލާތަކުން އެމީހުންެގެ ތިމާގެ ގައިދީން ސަލާމަތްކޮށްދިނުމަށް އެދި ފުލުހުންނަށް އާދޭސްކުރަނީ

ސްރީލަންކާގެ މަހާރަ ޖަލުގައި ހިނގި ހަމަނުޖެހުންތަކަށް ފަހު އެގައުމުން އެތައް ސަތޭކަ ގައިދީން ދޫކޮށްލައިފިއެވެ. އަދި އެތައް ހާސް ގައިދީން ދޫކުރާނެ ކަމަށް ވަނީ ބުނެފައެވެ.

ސްރީލަންކާގެ މި ފިޔަވަޅު އައިސްފައި މިވަނީ ޖަލުތަކުގައި ކޮވިޑް-19 ފެތުރެމުންދާތީ އެކަމާ ދެކުޅު ހެދުމުގެ ގޮތުން އެގައުމުގެ މަހާރަ ޖަލުގެ ގައިދީން ފެށި އިހުތިޖާޖު ހަމަނުޖެހުމަކަށް ބަދަލުވެ، ހިނގި ކުރިމަތިލުންތަކުގައި 9 މީހުން މަރުވެ 113 މީހަކަށް ވަނީ އަނިޔާވެފައެެވެ.

ކޮޮޮލޮމްބޯ ކައިރީގައި ހުންނަ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ މަހާރަ ޖަލުގެ ގައިދީން ހަމަނުޖެހުން ހިންގައި ޖަލުގެ ތަންތަނަށް ގެއްލުން ދޭން ފެށުމުން ގާޑުން ވަނީ ބަޑިޖަހައިފައެވެ.

މި ހަމަނުޖެހުންތަކަށް ފަހު، މިއަދު (އަންގާރަ ދުވަހު) ގެ ވަގުތެއްގައި ރައީސު ގޮތާބޭ ރާޖަޕަކްސަ ވަނީ އެގައުމުގެ ޖަލުތަކުގައި ތިބި ގައިދީންގެ ތެރެއިން 637 މީހަކަށް މާފުދެއްވާފައެވެ. ޖަސްޓިސް މިނިސްޓަރު ޢަލީ ސަބްރީ ވިދާޅުވިގޮތުގައި ސަރުކާރުން ދަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި ގައިދީންގެ ތެރެއިން އެތައް ހާސް ބަޔަކަށް މާފުދީ ޖަލުގެ ތޮއްޖެހުން ކުޑަކުރުމަށް މަސައްކަތުކުރަމުންނެވެ.

އަނެއްކޮޅުން ރައީސު ރާޖަޕަކްސަ ވަަނީ ޕްރިޒަން ރިފޯމްސް މިނިސްޓަަރު ސުދާރްޝިނީ ފެނާންޑޯޕުއްލޭ މަގާމުން ވަކިކުރައްވައި ކޮވިޑް-19 އާ ގުޅޭ ކަންކަން އޭނާއާ ހަވާލުކުރައްވާފައެވެ.

ރަސްމީ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ސްރީލަންކާގެ ޖަލުތަކުގައި 30 ހާސް ގައިދީން އެބަތިއްބެވެ. މިއީ ޖަލުތަކުގެ ޖާގައަށްވުރެ ތިން ގުނަ އިތުރު އަދަދެކެވެ. އަދި ޖަލުތަކުގައި ތިިބި ގައިދީންގެ ތެރެއިން 1200 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު 2 ގައިދީއަކު ވަނީ މި ބަލީގައި މަރުވެފައެވެ.

މިއަދު މަގާމުން ދުރުކުރެއްވުނު މިނިސްޓަރު ސުދާރްޝިނީ އިއްޔެ ވިދާޅުވި ގޮތުގައި ސަރުކާރުން ގަބޫލުކުރަނީ ނޮވެންބަރު 29 ގ ގައި ޖަލުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައި ފޮރުވިފައިވާ އަތެއް ވާކަމުގައެވެ. އޭނާ ވިދާޅުވެފައި ވަނީ އެމައްސަލަ ތަހުގީގުކުރައްވާނެ ކަމުގައެވެ.

މިފަހަރު ހިނގި ހަމަނުޖެހުންތަކަކީ 2012 ވަަނަ އަހަރު ވެލިކަޑާ ހިނގި ހަމަނުޖެހުންތަކުގައި ފުލުހުން ބަޑިޖަހައި 27 ގައިދީއަކު މަރާލި ފަހުން އެގައުމުގެ ޖަލެއްގައި ހިނގި އެންމެ ނުރައްކާތެރި ހަމަނުޖެހުމެވެ.

ސްރީލަންކާގައި 24 ހާހަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވާއިރު، އެ ބަލީގައި 118 މީހުން ވަނީ މަރުވެފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.