އިތިއޯޕިޔާގައި އެގައުުމުގެ މައި ސަރުކާރާއި ޓިގްރޭގެ ސަރަހައްދީ ސަރުކާރާއި ދެމެދު އުފެދިފައިވާ އަރައިރުން ފުޅާވެ، ދާޚިލީ ހަނގުރާމައަކަށް ބަދަލުވެދާނެ ކަމުގެ އަލާމާތްތައް ފެންނަން ފަށައިފިއެވެ.
އިތިއޯޕިޔާގެ އުތުރުގައި އޮންނަ ގައުމެއް ކަމުގައިވާ އެރިޓްރިޔާގެ ވެރިރަށް އަސްމަރާގައި ތިއްބަވާ ޑިޕްލިމޭޓުން ވިދާޅުވާ ގޮތުގައި އެރަށަށް އިއްޔެގެ ވަގުތެއްގައި ވަނީ ތިން ރޮކެޓު ހަމަލާ އަރާފައެވެ. ޑިޕްލޮމޭޓުން ވިދާޅުވާ ގޮތުގައި މި ތިން ހަމަލާގެ ތެރެއިން ދެ ހަމަލާ އަމާޒުކޮށްފައި ވަނީ އަސްމަރާ އެއާޕޯޓަށެވެ.
މިހަމަލާތައް އައިސްފައި މިވަނީ އިތިއޯޕިޔާގެ އަސްމަރާއަށާއި މަސާވާއަށް ހަމަލާދޭނެ ކަމުގެ އިންޒާރު ޓީގްރޭގައި ވެރިކަންކުރާ ޕާޓީ، ޓިގްރޭ ޕީޕަލްސް ލިބަރޭޝަން ފްރަންޓް (ޓީޕީއެލްެއެފް) އިން ދީފައި ވަނިކޮށެވެ. އެ ޕާޓީން ބުނެފައި ވަނީ އެރިޓްރިއާގެ ރަށްތަކަށް ހަމަލާދެނީ އެރިޓްރިޔާ ސިފައިން ޓިގްރޭއަށް ހަމާލަތަކެއް ދީފައިވާތީ އެކަމުގެ ބަދަލުހިފުމުގެ ގޮތުންނެވެ.
ޓީޕީއެލްއެފްގެ ރައީސު އަދި ޓިގްރޭގެ ސަރަހައްދީ ސަރުކާރުގެ ވަގުތީ ރައީސު ޑެބްރެޓްސިއޯން ގެބްރެމިކާއީލް އަންގާރަ ދުވަހު ވިދާޅުވި ގޮތުގައި ޓިގްރޭގައި މިވަގުތު ހަރަކާތްތެރިވާ އިތިޔޯޕިޔާ ސިފައިންނަށް އެހީތެރިވުމުގެ ގޮތުން އެރިޓްރިޔާ ސިފައިން ވަނީ ސަރަހައްދީ ރޮނގު ހުރަސްކޮށް ހަމަލާތަކެއް ދީފައެވެ. އޭނާ މިކަމުގެ އެއްވެސް ދަލީލެއް ދައްކަވާފައި ނުވެއެވެ.
އެހެންނަމަވެސް އެރިޓްރިޔާއިން ވަނީ މިކަން ދޮގުކޮށްފައެވެ.
"އަހަރުމެން މިއީ (އިތިޔޯޕިޔާގައި ކުރިއަށްދާ) ހަމަނުޖެހުމުގައި އެއްވެސް ކޮޅަކަށް ތިބި ބައެއް ނޫން." އެރިޓްރިޔާގެ ޚާރިޖީ ވަޒީރު ޢުޘްމާން ޞާލިޙު މުޙައްމަދު ވިދާޅުވިއެވެ.
ޓިގްރޭއަކީ އިތިއޯޕިޔާގެ އިއްތިހާދުގައި ހިމެނޭ ސަރަހައްދުތަކުގެ ތެެރެއިން އެންމެ އުތުރުގައި އޮންނަ ސަރަހައްދެވެ. އެ ސަރަހައްދުގެ ސަރުކާރާ އިތިޔޯޕިޔާގެ މައި ސަރުކާރާ ދެމެދު އުފެދިފައިވާ އަރާރުން ފުޅާވެ މައި ސަރުކާރުން ވަނީ މީގެ 11 ދުވަސްކުރިން އެ ސަަރަހައްދު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ.
ޓިގްރޭއާއި އިންވެގެން އޮންނަ އިތިއޯޕިޔާގެ އަމްހަރާ ސްޓޭޓްގެ ގޮންދާރްގެ އެއާޕޯޓަށްވެސް ޓިގްރޭގެ ހަނގުރާމަވެރިން ވަނީ ރޮކެޓް ހަމަލާދީފައެވެ. މީގެ އިތުރަށް އަމްހަރާ ސްޓޭޓްގެ ބަހިރްދާރްގައި ވެސް އެއްޗެއް ގޮވާފައިވާ ކަމުގެ ޚަބަރު ދަނީ ލިބެމުންނެވެ.
1984 އިން ފެށިގެން އިތިއޯޕިޔާގައި ޚުދުމުޚުތާރު ވެރިކަމެއް ކުރަމުން އައި މެންގިސްޓޫ ހައިލެ މަރިއަމްގެ ކޮމިއުނިސްޓު ސަރުކާރު މޭ 1991 ގައި ވައްޓާލި އިންގިލާބަށްފަހު އިތިޔޯޕިޔާގެ ސިޔާސީ މައިދާނުގައި ބަސްކިޔަމުން އައީ ޓިގްރޭ މީހުންނެވެ. އެހެންނަމަވެސް، އޮމޯރޯ ނަސްލުގެ ބޭފުޅެއް ކަމުގައިވާ އަބީ އަޙްމަދު އެޕްރީލް 2018 ގައި ވެރިކަމަށް ވަޑައިގަތުމާ ގުޅިގެން މައި ސަކުރާކުގެ ތެރޭގައި ޓިގްރޭ މީހުންގެ ނުފޫޒު ދިޔައީ ކުޑަވަމުންނެވެ.
އިއްތިހާދީ ސަރުކާރާ އަބީ އަޙްމަދު ހަވާލުވެވަޑައިގަތް ފަހުން ކޮރަޕްޝަނަށް ކުރާ ހަނގުރާމައެއް ކަމަށް ބުނެ އިއްތިހާދީ ސަރުކާރުގައި ތިއްބެވި ޓެގްރޭ ދަރިކޮޅަށް ނިސްބަތްވެވަޑައިގަންނަވާ ގިނަ ބޭފުޅުން ވަނީ ޖަލަށްލާފައެވެ. ނުވަތަ މަގާމުން ދުރުކޮށްފައެވެ.
ފާއިތުވި ސެޕްޓެންބަރު މަހު އިތިއޯޕިޔާގެ ނޭޝަނަލް އިލެކްޓޯރަލް ބޯޑް އޮފް އިތިއޯޕިޔާއިން ޓިގްރޭ ސްޓޭޓުގައި ބާއްވަން ނިންމާފައި އޮތް އިންތިޚާބު އިތިއޯޕިޔާގެ އިއްތިހާދީ ސަރުކާރުން ކޮވިޑް-19 ގެ ސަބަބުން ކަމަށް ބުނެ ކެންސަލްކޮށްފައި ވަނިކޮށް ޓިގްރޭގައި ވެރިކަންކުރާ ޓީޕީއެލްއެފުން ވަނީ އިންތިޚާބު ބާއްވައި އެ އިންތިޚާބުގައި އެ ޕާޓީން ކާމިޔާބުކޮށްފައި ވާކަމަށް ބުނެފައެވެ. އޭރުއްސުރެ ސްޓޭޓުގެ ސަރުކާރާއި، މައި ސަރުކާރާ ދެމެދު އަރައިރުން އުފެދި މިހާރު މައްސަލަ މިވަނީ ކުރިމަތިލުމަކާ ހަމައަށް ގޮސްފައެވެ. އަދި މިމަހުގެ 3 ވަނަ ދުވަހު މައި ސަރުކާރުން ވަނީ ޓިގްރޭަގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް އެ ސަަރަހައްދަށް ސިފައިން ފޮނުވާފައެވެ.
ޓިގްރޭގެ މައްސަލަ ސުލްހަވެރި ގޮތެއްގައި ހައްލު ނުވެއްެެޖެނަަމަ ދާޚިލީ ހަނގުރާމައެެއް ފެށުުމުގެ އިތުރުން އިތިއޯޕިޔާއާ އެރިޓްރިޔާއާ ދެމެދު ހަނގުރާމައެއް ފެށުމުގެ ބިރު އެބައޮތެވެ.