ހުޅުލެއާއި ހުޅުމާލެ ގުޅުވައިދޭ ހައިވޭ ހަދަން ބިން ހިއްކަން ފަށައިފި

ހުޅުލެ އާއި ހުޅުމާލެ ގުޅުވައިދޭ ހައިވޭ ހެދުމަށްޓަކައި ބިން ހިއްކުމުގެ މަސައްކަތް މިއަދުގެ ވަގުތެއްގައި ފަށައިފިއެވެ.

ހައުސިންގ މިނިސްޓަރ ޑރ މުޙަންމަދު މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލެ އާއި ހުޅުލެ ގުޅުވައިދޭ ބްރިޖާއެކު ހުޅުލެއިން ހުޅުމާލެއަށް ދަތުރު ކުރަން ހަދާ ހައިވޭގެ މަސައްކަތް ކުރުމަށް ބިން ހިއްކުމުގެ މަސައްކަތް މިއަދު ފެށުނުއިރު ކުރިޔަށް އޮތް ހަތް ދުވަސް ނުވަތަ ދިހަ ދުވަސް ތެރޭގައި ބިން ހިއްކުމުގެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.

ހުޅުލެ އާއި ހުޅުމާލެއާ ދެމެދު ހަދަން ނިންމާފައިވާ ހައިވޭއަކީ މާލެ- ހުޅުލެ ބްރިޖަށް ފަހު ދަތުރު ކުރަން ހަދާ މަގެކެވެ. މިއީ ތިން ކިލޯ މީޓަރުގެ ދިގު މިނުގެ މަގެކެވެ. މިމަގުގައި ފެން ހިންދާނެ ނިޒާމްވެސް ހަދައެވެ. އަދި ފެނާއި ނަރުދަމާގެ އިތުރުން ކަރަންޓު ދިނުމުގެ މަސައްކަތަށްވެސް ޚާއްސަ ބަޔެއް ހަދައެވެ.

ހައުސިންގ މިނިސްޓްރީން މި މަސައްކަތް ހަވާލު ކޮށްފައި ވަނީ އެޗްޑީސީއަށެވެ. އެޗްޑީސީން ލަފާކުރާ ގޮތުގައި އަންނަ އަހަރުގެ އޭޕްރީލް މަހުގެތެރޭގައި ނިންމާލެވޭނެއެވެ. ހުޅުލެ އާއި ހުޅުމާލެ މިހާރުވެސް އޮންނަނީ ހަނި މަގަކުން ގުޅުވާލާފައެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.