މިޔަންމާގެ ސިފައިން އެގައުމުގައި ދިރިއުޅޭ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނާމެދު ލާއިންސާނީ އަމަލުތައް ހިންގާއިރު ޗައިނާއިން ގެންގުޅޭ ސިޔާސަތަށް ކުރީގެ ރައީސް މުޙަންމަދު ނަޝީދު ފާޑުވިދާޅުވެ ބަހުގެ ހަމަލާއެއް ފޮނުވާލައްވައިފިއެވެ.
ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިޔަންމާގައި ޖަރީމާތައް ހިންގާއިރު ޗައިނާއިން މިޔަންމާއަށް ތާއީދު ކުރަމުން އަންނާތީ ހުރިހާ ދިވެހިންވެސް ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި އެ ކަންބޮޑުވުން ތަކުގައި ނަޝީދުވެސް ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ. މިޔަންމާގެ މައްސަލައިގައި ނަޝީދު ވަނީ މީގެކުރިން އެގައުމުގެ ލީޑަރ ސޫކީއަށްވެސް ފާޑު ވިދާޅުވެފައެވެ.
މިޔަންމާގެ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނާމެދު އެގައުމުން ގެންގުޅޭ ސިޔާސަތަށް ޗައިނާއިން ތާއީދު ކުރަމުން އަންނާތީ ނަޝީދު ކަންބޮޑުވުން ފާޅު ކުރެއްވިއިރު ދުނިޔޭގެ އެކިގައުމު ތަކުގައި ހިންގަމުން އަންނަ ނަސްލު ނައްތާލުމުގެ ޖަރީމާތައް އދ ގެ ޖެނެރަލް އެސެމްބްލީގެ އެޖެންޑާގައި ހިމަނަން ފެނޭތޯ ނެގި ފެންނަ ނުފެންނަ ވޯޓުގައިވެސް ޗައިނާއިން ވަނީ ދެކޮޅަށް ވޯޓު ދީފައެވެ. އަދި މިޔަންމާއިންވެސް މި ވޯޓުގައި ދިނީ ދެކޮޅަށެވެ.
މިޔަންމާގައި އެގައުމުގެ އަސްކަރިއްޔާއިން ހިންގަމުން އަންނަ ޖަރީމާ ތަކުގެ ސަބަބުން ރަކީން ސްޓޭޓްގައި ދިރިއުޅެމުން އައި އެތައް ލައްކަ މުސްލިމުންނެއް މިހާރު ވަނީ ގައުމު ދޫކޮށް ރެފިއުޖީންގެ ގޮތުގައި ގޮސްފައެވެ. އެންމެ ގިނަބަޔަކު ދިޔައީ އެންމެ ކައިރީގައި އޮތް ބަންގްލަދޭޝްއަށެވެ. މިޔަންމާގެ ރެފިއުޖީން އެންމެ ގިނައިން ފޭލިގެ ޖަހައިގެން ތިބި ހިސާބު ގަނޑުގައި ކޮލެރާ ފަދަ ބޮޑު ބަލިމަޑުކަމެއް އުފެދުމުގެ ބިރުވެސް މިހާރު ހީވެފައިވާ ކަމަށް އދ އިންވެސް ވަނީ ބުނެފައެވެ.